ދެން އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމުގެ ބާރުވެސް އީސީއަށް ދިނުމަށް އެދިއްޖެ

ކޮވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ ވޯޓުލުން ދެން ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށް ހައިކޯޓުގައި އެދިއްޖެއެވެ.

މިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމްއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމީ 2020 އެޕްރީލް 4 ވަނަ ދުވަހު ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އީސީއިން ވަނީ އެ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބު ފަސްކޮށްފައެވެ. ނަމަވެސް އިތުރަށް އިންތިޚާބު ފަސްކުރުމަށް ހައިކޯޓުގައި އެދިފައި މިވަނީ ދިވެހިރާއްޖެއިންވެސް މި ބަލި ފެނި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޚާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުން ފަސްކުރުމުގެ ކޯޓު އަމުރަށް އެދިފައިވާނީ ވޯޓުލާ ދުވަސް ކަނޑައެޅުމުގެ ބާރުވެސް އެ ކޮމިޝަނަށް ލޮބިދޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ޤައުމަށް ދިމާވެފައިމިވާ ކަންތައްތަކުން އަރައިގަނެވެންދެން އިންތިޚާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމުގެ އަމުރަކަށް ކޯޓުގައި އެދިފައި، އަދި އަޅުގަނޑުމެން އެދިފައިވާނީ އިންތިޚާބު ބާއްވާނެ ދުވަސް ކަނޑައެޅުމުގެ ބާރުވެސް އިލެކްޝަންސް ކޮމިޝަނަށް ދޭން." އަކްރަމް ވިދާޅުވިއެވެ.

އަކަރަމް ވިދާޅުވީ އިންތިޚާބު ބާއްވާ މާހައުލަކީ ބިރުވެރިކަން ނެތް މާހައުލަކަށް ވާންޖެހޭ ކަމަށާއި، މިއަދު އެ ހާލަތު ނެތްއިރު، ކެމްޕެއިން ކުރެވޭނެ އަދި ރީރެޖިސްޓްރޭޝަނުގެ އިތުރުން އެހެނިހެން އިންތިޚާބީ ޕްރޮސެސްތައް ކުރިއަށް ގެންދެވޭނެ މާހައުލެއްވެސް މިއަދު ނެތްކަމަށެވެ.

ކޮވިޑް-19 އަށް ދިވެހިރާއްޖެއިން 10 ފަރާތެއް ޕޮޒިޓިވް ވެފައިވާއިރު، އިތުރު ފަރާތްތަކެއް ދަނީ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ