އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ތަރި އަލްވާރޯ މޮރާޓާއަށް އަނިޔާވެ 6 ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މޮރާޓާގެ އަނިޔާ އިތުރަށް ގޯސްވެފައިވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ލިވަޕޫލްއާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުގައެވެ. އެމެޗުގައި މޮރާޓާ ބެންޗުގައި ބަހައްޓައިގެން މެޗު ފަށާފައިވަނީވެސް ފިޒިކަލީގޮތުން އޭނާއަށް މައްސަލަތަކެއް ކުރިމަތިވެފައި ހުރުމުންނެވެ. އެހެންނަމަވެސް ސިމިއޯނީވަނީ މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި މޮރާޓާ ކުޅެން ނެރެފައެވެ.
މޮރާޓާ ކުޅެންނުކުމެ، މާކޮސް ލޮރެންޓޭގެ ދެވަނަ ލަނޑު ޖެހުމުގައި އެހީތެރިވެފައިވާއިރު، މެޗުގެ ފަހު ވަގުތުގައި އޭނާވަނީ އެތުލެޓިކޯއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެތުލެޓިކޯއިންވަނީ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި މުބާރާތުގެ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ސްޕެނިޝް ލަލީގާއި އަންނަ އޭޕްރީލް މަހުގެ 4 އާއި ހަމައަށް މަޑުޖައްސާލާފައިވާއިރު، މޮރާޓާ އެނބުރި ކުޅުމަށް އާދެވޭނެ ސީދާ ދުވަހެއް ނޭނގެއެވެ.
އަނެއްކޮޅުން އެތުލެޓިކޯއިންވަނީ މިވައިރަހާއި ދެހަފްތާއަށް އެކްލަބުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައެވެ. އޭގެތެރޭގައި ޓްރެއިނިންގ ސެޝަންތައްވެސް ހިމެނެއެވެ.



