އިންތިހާބު ލަސްކުރަން ހުށައެޅި މައްސަލަ ސުޕްރީމް ކޯޓުން ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތުން އަރައިގަނެ އާންމު ހާލަތެއް އައިސްފައިވާ ކަމަށް ކަނޑައަޅާ ދުވަހުން ފެށިގެން 30 ދުވަސް ލިބޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކޮށްދިނުމަށެވެ.

އެ ކޮމިޝަނުން ބުނީ އެ މައްސަލަ ނަގަން ނިންމީ، ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އިންތިހާބު ލަސްކުރުމަށް، ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދޭނެ ކަމަށް މިނިވަން މުއައްސަސާ ތަކާއިބެހޭ ކޮމިޓީން ވިދާޅުވެފައިވާތީ ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ތާވަލު ކުރީ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހަށެވެ. އެކަމަކު އޭގެފަހުން ކޮވިޑް-19 ރާއްޖޭން ފެނި، ރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ގެނެސްފައިވާތީ ގާނޫނުގައި އިންތިހާބު ފަސް ކުރެވެން އޮތް އެންމެ ލަސް ތާރީހް ކަމަށްވާ އެޕްރިލް މަހުގެ 18 ވަނަ ދުވަހަށް އިންތިހާބު ފަސް ކުރަން އީސީން ނިންމިއެވެ.

އީސީ އިން އިތުރަށް އިންތިހާބު ފަސްކޮށްދިނުމަށް އެދި މައްސަލަ ހުށައަޅައިފައިވަނީ އެ ތާރީހުގައިވެސް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައި ވާއިރު، މިވައިރަހާއި ގުޅިގެން މުޅި ރާއްޖެއަށް ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ