އަންނަން ބޭނުންވެފައި ތިބި ދިވެހިން ރާއްޖެގެނައުމަށް އިދިކޮޅުން ގޮވާލައިފި

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އައުމަށް ބޭނުންވާ ފަރާތަކަށް އެނބުރި
ރާއްޖެ އާދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައްވައިފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއް އިދިކޮޅުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ދިރި އުޅެމުން ގެންދާ ފަރާތްތަކުގެ ހާލަތު އެންމެ ގާތުން ބައްލަވައި، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލަކަމަށާއި،އެ ފަރާތްތަކަށް މިހާރުން މިހާރަށް ބޭނުން ޖެހިފައިވާ މުހިންމު ކަންކަން ފުރިހަމަކޮށްދެއްވައި އެމްބަސީތަކުގެ ދަޢުރު ފުރިހަމައަށް އަދާކޮށްދެއްވައި، އެކަންކަން ހާމަކޮށްދެއްވުމަށްވެސް ގޮވާލާކަމަށެވެ.

"އެންމެ މުޙިންމު ކަމެއްގެ ގޮތުގައި، މިދެންނެވިފަދަ ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން މިވަގުތު ޤައުމަށް އެނބުރި އައުމަށް ބޭނުންވެފައި ތިބި ހުރިހާ ދިވެހިންނަށް ފަސޭހަކަމާއެކު ޤައުމަށް އާދެވޭނެ ގޮތަށް އިންތިޒާމުތައް ފަހިކޮށްދެއްވުމަށްވެސް ސަރުކާރަށް ގޮވާލަން." އިދިކޮޅުގެ ބަޔާނުގައިވެއެވެ.

އިދިކޮޅިގެ ބަޔާނުގައި ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު ގިނަ ޤައުމުތަކަކަށް ކުރަމުންދާއިރު، އޭގެތެރޭގައި، ދިވެހިން ޢާންމު ގޮތެއްގައި ދަތުރުކޮށް އުޅޭ އަދި އެކިއެކި ބޭނުންތަކުގައި ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅެމުންދާ ޤައުމު ތައްކަމަށްވާ ސްރީލަންކާ، އިންޑިއާ، މެލޭޝިއާ ފަދަ ޤައުމުތައް ވަނީ ހިމެނިފައިވާކަމަށާއި މިވަޤުތު ކޮރޯނާވައިރަސްގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސް ކަމެއް ކުރިމަތިވެފައިވާ އެއް ޤައުމަކީ އަވަށްޓެރި ސްރީލަންކާކަމަށެވެ.

އަދި އެޤައުމުގައި ކާފިއު އިޢުލާނު ކޮށްފައިވާއިރު، އެ ޤައުމުގައި އެތައް ދިވެހިންނެއް ތިއީ ތާށިވެ ހަދާނެ ގޮތް ހުސްވެފައެވެ. އަދި އެޤައުމުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ދިވެހިންނަށް ބޭނުންވާ ކާބޯތަކެއްޗާއި، ކަރަންޓާއި، ފެނާއި، ގޭސް ފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ހޯދުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބޭކަމަށާއި، މިފަދަ ދަތިތައް ކުރިމަތި ވަމުން ދާއިރު، އެކިއެކި ސަބަބުތަކާ ހެދި ރާއްޖެ އައުމަށް ބޭނުންވެފައި ތިބި އެތައް ސަތޭކަ ދިވެހިން ތިބިކަން މިބަޔާނުގައި ފާޙަގަކޮށްފައިވެއެވެ.

މީގެ އިތުރުންވެސް، މިބަޔާނުގައި ވިދާޅުވީ، އިންޑިއާ މެލޭޝިއާ އަދި މިނޫންވެސް ބައެއް ޤައުމުތަކުގައި ދިރި އުޅެމުން އަންނަ ދިވެހިންނަށްވެސް ގިނަ ގުނަ ދަތިތައް ކުރިމަތިވަމުން ދާކަމުގެ މަޢުލުމާތުވެސް ލިބިފައިވާކަމަށެވެ.

އެގޮތުން ބަލާއިރު، އެ ޤައުމުތައް އެއްކޮށް ބަންދުކޮށް، ބޯޑަރުތައްވެސް ބަންދުކުރެވިފައިވާތީ، ފައިސާގެ ދަތިކަމާއި، ވިސްގެ މުއްދަތު ހަމަވުން ފަދަ ކަންކަން ކުރިމަތިވެ، އެ ޤައުމު ތަކުގައި ދިރިއުޅޭ ދިވެހިންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުން ދާކަން ފާހަގަ ކުރާކަމަށާއި އަދި، މީގެ ތެރެއިން ބައެއް ޤައުމުތަކުގައި ދިވެހި އެމާބަސީތަކާއި، ކޮންސިއުލޭޓްތައް ޤާއިމުކުރެވިފައިވީނަމަވެސް، އެމްބަސީއިން ފޮނުވާ އެސްއެމްއެސް ތަކުގެ އިތުރުން، އެ ޤައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ މަޢުލުމާތުތައް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދެއްވަމުން ނުގެންދަވާކަމުގެ ޝަކުވާވެސް ލިބެމުންދާކަމަށް އިދިކޮޅުގެ މިބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ