ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި
ވާދަކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެކޯލަޝަނުން ވިދާޅުވީ، ދުނިޔޭގެ ޤައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ބިރުވެރިކަން ރާއްޖޭގައިވެސް އޮތުމާއެކު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ނުވަތަ އެއިންތިޚާބުގެ ވޯޓު ނެގުމަށް މިހާރު ހަމަޖެހިފައިވާ ތާރީޚުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާނުކޮށް ފައިވާއިރު، އިންތިޚާބު ބޭއްވޭނީ މިހާރުގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ ހާލަތު ޢާންމު ޙާލަތަކަށް
އައުމުން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ޤަބޫލުކުރާކަމަށެވެ.
އަދި މި 2 އިންތިޚާބުގައިވެސް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ސިވިލް ސަރވިސް މުވައްޒަފުން ގިނަ އަދަދަކަށް ތިބިއިރު، އެ މުވައްޒަފުން ވަނީ އެމީހުންގެ ވަޒީފާތަކުން ސަސްޕެންޑް ކުރެވިފައިވާކަމަށާއި، އަދި މިދުވަސްވަރު، އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑަނޭޅި ދިގުލައިގެން ދާއިރު، އެ މުވައްޒަފުން ސަސްޕެންޑް ވެފައި ތިބެން ޖެހުމުން އެތައް ދައްޗެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އެކޯލިޝަނަށް ލިބެމުންދާކަމަށްވެސް މިބަޔާނުގައިވެއެވެ.
"އެހެންކަމުން އިންތިޚާބުގައި ވާދަކުރާ ސިވިލް ސާރވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރުން މިހާރަށް އުވާލުމަށް ކަމާބެހޭ ފަރާތްތަކަށް މިކޯލިޝަންގެ ފަރާތުން ގޮވާލަން. ހަމައެއާއެކު މިހާރު ހަމަޖެހިފައިވާ ތާރީޚުގައި ވޯޓު ނުނެގޭނެކަމަށް އިލެކްޝަންސް އިން އިޢުލާނު ކުރި ތާރީޚުން ފެށިގެން އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހިނގާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން." އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން، މިނިވަން މުއައްސަސާތަކުގެ އިޚްތިސާސްގެ ތެރެއަށް ވަދެ، އެމުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާކަމަށްވެސް އިދިކޮޅުގެ މިބަޔާނުގައިވެއެވެ.




