ފުލުހަކު ޑްރޯން ބޭނުންކޮށްގެން ގިފިލި ތެރޭގައި ހުރި އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގައި ބްލެކްމެއިލް ކޮށްފައިވާކަމަށް އަޑު ފެތުރިފައިވާ މައްސަލަ ފުލުހުންމިވަނީ ދޮގުކޮށްފައެވެ. ފުލުހުން ވިދާޅުވީ ފުލުހަކު ޑްރޯން ބޭނުންކޮށްގެން ގިފިލިބެލި މައްސަލައެއް ހުށައެޅިފައި ނުވާކަމަށެވެ.
ނަމަވެސް ފުލުހުން ވިދާޅުވީ ހއ.ބާރަށު މީހަކާ މުހާތަބުކުރި ގޮތުންކަމަށްބުނެ އެރަށު ޒުވާނުން ފުލުހަކު އެރަށުން ބޭރު ކުރަން އުޅުނުކަމަށެވެ.
ފުލުހުންވިދާޅުވީ 30 މާރޗް ވަނަ ދުވަހު ހއ.ބާރަށު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުންގެ ތެރެއިން ބަޔަކު އެއްވެ، އެ ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު އެރަށު މީހަކާއި މުހާތަބުކުރި ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށެބުނެ އެ ފުލުސްމީހާ ރަށުންބޭރު ކުރުމަށް ޑިމާންޑް ކޮށްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން އިތުރު ފުލުހުން ރޭ 23:50 ހާއިރު ބާރަށަށް ގޮސްފައިވާ ކަމަށާއި، ބާރަށު ކައުންސިލްގެ ރައީސް ހިމެނޭގޮތައް 5 މީހުންގެ ޓީމެއް ބާރަށު ޕޮލިސް ސްޓޭޝަން ތެރޭގައި އެއްވެތިބި މީހުންނާއި ބައްދަލުކޮށް ވާހަކަ ދައްކާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އަދި މިކަމުގައި އެއްވެ ތިބި މީހުނަށް އެކަށީގެންވާ ސަބަބެއް ދެއްކިފައިނުވާތީ އެ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ރޭ ދަންވަރު 01:30 ހާއިރު ފޮނުވާލެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.




