ޗައިނާގެ ސިޗުއާން ޕްރޮވިންސުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާން ނިއްވާލުމުގައި އުޅުނު 18 އަލިފާން ނިއްވާމީހުން މަރުވެއްޖެއެވެ.
ޒިންހުއާން ނިއުސް އެޖެންސީން ބުނެފައިވަނީ މި 18 މީހުން މަރުވެފައިވަނީ ވައިޖެހެމުން އައި ދިމާ ކުއްލިޔަކަށް ބަދަލުވެ އެމީހުން ބަންދުވުމުގެ ސަބަބުން ކަމަށެވެ. މި 18 މީހުންނާއެކު ގައިޑަކަށް މަސައްކަތްކުރި ދަނޑުވެރިޔަކު އަދިވެސް ނުފެއްނަކަމަށްވެސް ޒިންހުއާން ނިއުސް އެޖެންސީން މައުލޫމާތު ދެއެވެ.
ސިޗުއާން ޕްރޮވިންސުގެ ދަނޑުބިމެއްގައި އިއްޔެ ރޯވި މިއަލިފާންގަނޑު މިހާރުވަނީ 1،000 ހެކްޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައެވެ. އަލިފާން ކޮންޓުރޯލް ކުރުމަށް 2،000 އަލިފާން ނިއްވާ މީހުން މިސަރަހައްދަށް ފޮނުވައިފައި ވާއިރު 1،200 މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

މިދުވަސްވަރަކީ ސިޗުއާން ޕްރޮވިންސަށް ވައިގަދަ ދުވަސްވަރަކަށް ވުމުން އަލިފާން ނިއްވާ ފަރާތްތަކަށް އަންނަނީ އަލިފާން ނިއްވުމުގައި ދަތިތަކާއި ކުރިމަތިވަމުންނެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް މަރުވި 18 އަލިފާން ނިއްވާ މީހުންނަކީ 22 މީހުންގެ ޓީމެއްގައި ހިމެނޭ ބަޔެކެވެ. މި ޓީމުގެ ގައިޑަކަށް ހުރި މީހާ ވީނުވީތަނެއް ނޭންގި ގެއްލިފައިވާއިރު ތިން މީހުންވަނީ ސަލާމަތް ކޮށްފައެވެ. މި ތިންމީހުންނަށް މިހާރުދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.



