ގައިދު (ފުރަތަމަ ބައި)

ގަޑިން ފަތިހު ފަސްގަޑި ބައެވެ. އޭރު އަދި ދުނިޔެމައްޗަށް އިރުގެ އަލިކަން ނުފޯރައެވެ. ތަނަށް ވެރިވެފައިއޮތީ ކަނު އަނދިރިކަމެވެ. މީސްތަކުން ތިބީ އެމީހުންގެ ދާންތަކުގައި އަރާމުކޮށް ނިދާފައެވެ. ނަމަވެސް އުމުރުން ސާދަ އަހަރުގެ ޔޫސުފްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އެ ހަމަހިމޭންވަގުތުގައި ތަންމަތި ދޫކޮށް ކޮޓަރީގެ ކަނެއްގައި ހުރި ކުޑަދޮރެއްގެ ކައިރީގައި މަޑުކޮށްލައިގެން ބޭރުން ފެންނަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އޭނާގެ މޫނުމަތީގައިވަނީ މައުސޫމްކަމެވެ. ދެ ލޮލުން ފާޅުވަނީ ހިތާމަޔާއި ވޭނެވެ.

އެއީ ކުޑަ ކުޑަ ކޮޓަރިއެކެވެ. ކޮޓަރީގެ ދެފަރާތުގައި ދެބުރިއަށް ހުރި ދެ އެނދު ބަހައްޓާފައި ހުރިއިރު ކޮންމެ އެނދެއްގައި ކުއްޖަކު ނިދާފައި އޮތެވެ. މުޅިންވެސް ފުރާވަރުގެ ފިރިހެން ކުދިންނެވެ. އެނދުތަކުގައި އަޅާފައިވަނީ ތުނި، ބައު ރަޖަލެވެ. ދެ އެނދުގެ ދޭތެރޭގައި މެދަށް ހުސްކޮށް އޮތް ތަންކޮޅުގައިވެސް ތުނި ރަޖާގަނޑެއް އަޅާފައި އޮތެވެ. އެތާވެސް އެއް ކުއްޖަކު ނިދާފައި އޮތެވެ. އެ ކުއްޖާއާ ޖެހިގެން ހުސްކޮށް އޮތް ތަންކޮޅަކީ ޔޫސުފް ނިދާ ތަނެވެ. ޔޫސުފް ހުއްޓިލައިގެން ހުރި ކުޑަދޮރުގެ ކަނާތް ފަރާތުގައި ލަކުޑި ކުޑަ މޭޒެއް ހުރިއިރު އެ މޭޒުމަތީގައި ފެން އަޅާފައި ހުރި ކުޑަވަރެއްގެ ރުނބަޔެއް ހުއްޓެވެ. އަދި އޭގެ ކައިރީގައި ލޯވަށްޓެއް ހުއްޓެވެ. އެހާ ޅަ އުމުރުގައި އަމިއްލަ ޤައުމު ނޫން ޤައުމެއްގެ މި ގައިދުހާނާގައި ޔޫސުފް ހައްޔަރުވެފައި އެހުރީ ކީއްވެބާއެވެ؟

ޔޫސުފް އެހެން ހުންނަތާ ބައިގަޑިއެއްހާއިރު ފަހުން ދޮރުން ވަދެގެން އަންނަތަން ފެނުނީ މެދު އުމުރަށްވުރެ ތަންކޮޅެއް މައްޗަށް ގޮސްފައިވާ އަންހެނެކެވެ. އޭނާގެ ނަމަކީ ލަކްޝްމީއެވެ. ލަކްޝްމީ އަތުގައި ހެޔޮވަރުގެ ދަނޑިބުރިއެއް އޮތެވެ. އޭނާ އެއައީ އާދައިގެ މަތިން، ނިދާފައި ތިބި ކުދިންނަށް ގޮވާ ހޭލައްވާށެވެ. ނުތެދުވަން ގަދަހަދާ ކޮންމެ ކުއްޖެއްގެ ފޫކޮޅުގައި ދަނޑިބުރިން ޖަހާނެއެވެ.

ކޮންމެ ދުވަހެއްވެސް ފެށެނީ ހެނދުނު ސައިންނެވެ. އެކަމަށް ލިބެނީ ތިރީސް މިނެޓެވެ. އެއަށްފަހު ދެން ދާން ޖެހެނީ މަސައްކަތް ކުރާށެވެ. ކައްކާފައި ހުންނަ ތެލިތަކާއި، ކާން ގެންގުޅޭ ތަށިތައް ދޮވެ، މީހުން ލާން ގެންގުޅޭ އަންނައުނާއި ގައިދަށުގައި އަޅާ ރަޖާތައް ދޮވުމެވެ. އޭގެ އިތުރުން އިސްތިރިކުރުމާއި ތަނުގެ ކޮޓަރިތައް ކުނިކަހާ ސާފުކުރުމެވެ. އެއަށްފަހު އެކި ދުވަހު އެކި މަސައްކަތް ދަސްކޮށްދިނުން އޮވެއެވެ. ބައެއް ދުވަސްދުވަހު ވަޑާމުގެ މަސައްކަތްތަކެވެ. އަނެއްބައި ދުވަސްދުވަހު ރޭނުމެވެ. އަދި އަނެއްބައި ދުވަސްދުވަހު ކެއްކުމެވެ. އަތްތެރި މަސައްކަތްތައްވެސް ދަސްކޮށްދެއެވެ. ދޭތެރެއަކުން މެންދުރު ކެއުމަށް ކުޑަ ވަގުތުކޮޅެއް ލިބެއެވެ. ހުރިހާކަމެއް ނިމޭއިރު ހުންނަނީ ހަވީރުވެފައެވެ. އަނެއްކޮޅުން ހަވީރު ހަތަރަކުން ފެށިގެން ހަޔެއް ޖަހަންދެން ދެން އޮންނަނީ ކިޔެވުމެވެ. އެތަނުގައި އިނގިރޭސި، ހިސާބު އަދި އެ ހިސާބުގަނޑުގެ މީހުން އާންމުކޮށް ވާހަކަދައްކާއުޅޭ ބަސް ދަސްކޮށްދެއެވެ. ކޮންމެ ކަމެއް ކުރުމަށްވެސް ވަކި ވަގުތެއް ހަމަޖައްސާފައި އޮވެއެވެ. އެ ވަގުތުގައި އެކަމެއް ނުކޮށްފިނަމަ އަދަބު ދެއެވެ. އަދަބުތައް ވަރަށް ހަރުކަށްޓެވެ. ބައެއްފަހަރު މެންދުރުގެ އަވީގައި ކަންފަތުގައި ހިފައިގެން އުޑަފައިން އިންނަންޖެހެއެވެ. އަނެއްބައިފަހަރު އެތަނުގެ ގޯތިތެރެ ވަށާ ސަތޭކަބުރު ދުވަން ޖެހެއެވެ. ނުވަތަ ދަނޑިބުރިއަކުން ފޫކޮޅުގައި ސަތޭކައެތިފަހަރު ޖަހައެވެ. އަދި ބައެއްފަހަރު އެއްވެސް އެއްޗެއް ކާން ނުދީ ބަހައްޓައެވެ. އެހެންކަމުން ހުރިހާ ކުދިންވެސް އެކުއްޖަކަށް ޖެހޭ މަސައްކަތެއް ކަނޑައެޅިފައިވާ ވަގުތުގައި ނިންމުމަށް އިސްކަންދެއެވެ.

ކިޔެވުމަށްފަހު ދެން އޮންނަނީ ގައިން ތާހިރުވުމަށްފަހު ކައިގެން ނިދުމެވެ. އެންމެ ލަސްވެގެން ނުވައެއް ޖަހާއިރު އެންމެން ތިބެންޖެހޭނީ ތަންމަތީގައެވެ. މިހާރު ޔޫސުފް އެތަނުގައި ހުންނަތާ ތިންމަސްވީއެވެ. އެހެންކަމުން އެތަނުގެ އުޞޫލުތަކަށް އޭނާވެސް ވަނީ ހޭނިފައެވެ. އެއީ އިންޑިއާގެ ދެކުނުގެ ފަޤީރު ހިސާބެކެވެ. ޔޫސުފް ފިޔަވައި އެތަނުގައި ދެން މުޅިންވެސް ތިބެނީ އެހިސާބުގަނޑުގެ ކުދިންނެވެ. ބައެއް ކުދިންނަކީ އެކުދިންގެ މައިންބަފައިން ނުބަލަން ދޫކޮށްލާފައި ތިބޭ ކުދިންނެވެ. އަނެއްބައި ކުދިންނަކީ ކޮންމެވެސް ކުށެއްކޮށްގެން ޖަލުގައި ބޭތިއްބުމަށް އުމުރު ހަމަނުވާތީ ގެނަސްފައި ތިބި ކުދިންނެވެ. އެތަނަށް ގެނެވެނީ އުމުރުން އަށާރަ އަހަރު ނުފެރޭ ފިރިހެން ކުދިންނެވެ. އަންހެން ކުދިންނަށް ޚާއްޞަކޮށްފައި ވަކިން އެހެން ތަނެއް ހުރެއެވެ. އެތަނުގައި އުޅެ، އެމީހުން ބޭނުންވާ ވަރަށް މަސައްކަތް ދަސްކޮށް، އަޚުލާޤު ރަނގަޅުވެއްޖެނަމަ އެތަނުން މިނިވަންކޮށްދެއެވެ. ނަމަވެސް މަދުވެގެން ހަމަސްދުވަހު އެތަނުގައި ތިބުން އެއީ މަޖުބޫރުކަމެކެވެ. އެދުވަސްތަކުގައި ޢާއިލާއިން ބައްދަލުކުރަން ބޭނުންވިނަމަވެސް ބައްދަލުކުރުމުގެ ފުރުޞަތެއް ނުދެއެވެ.

ދުވާލު އެހާ ބުރަކޮށް އުޅެފައި ތަންމަތީގައި ހަމަ ބުރަކަށި ޖެހޭއިރަށް ގިނަ ކުދިންނަށް ތިބެނީ ނިދިފައެވެ. ނަމަވެސް ޔޫސުފަށް ނިންޖަކީ ވަރަށް ދުރުގައިވާ އެއްޗެކެވެ. އޭނާއަށް ގިނަ ފަހަރު ނިދެނީ ރޮއިރޮއި ލޮލަށް ބަރުވެގެންނެވެ. އަނެއްކޮޅުން ފަތިހު ފަހެއް ޖަހާއިރަށް ހޭލެވެއެވެ. އޭނާއަށް އެންމެ ބޮޑަށް ފިކުރުކުރެވެނީ އޭނާގެ މަންމަ އުޅޭނެ ޙާލަކާ މެދުއެވެ. އޭނާ ވީތަނެއް މަންމައަށް އެނގޭނެކަމެއްވެސް ނޭންގެއެވެ. އޭނާ ހޯދަން މަންމަ އުޅޭނެގޮތް އަންދާޒާކޮށްލެވުމުން ހިތަށް އަސަރުކުރެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއޮއް ބޮޑު ދުނިޔޭގައިވެސް އޭނާއާމެދު ވިސްނާނެ މީހަކަށް ހުންނާނީ އޭނާގެ މަންމަ އެކަންޏެވެ.

އެއީ މީގެ ދެ އަހަރު ކުރިއެވެ. ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީކޮޅެވެ. އެއީ އެހާ ތަރައްޤީވެފައިވާ ދުވަސްވަރެއް ނޫނެވެ. އުފަން ރަށްކަމުގައިވާ އދ. ދިގުރަށުގައި ޔޫސުފް ދިރިއުޅެމުންއައީ އޭނާގެ ލޯބިވާ މަންމައާއި، މާމަ އަދި ކާފައާއެކުގައެވެ. ޔޫސުފްގެ އުމުރުން ދެއަހަރުގައި އޭނާގެ ބައްޕަ މަހަށްގޮސް ފީނަން އުޅުމުގެ ތެރޭގައި ވަނީ ނިޔާވެފައެވެ. އޭގެ ފަހުން އެމީހުން ދިރިއުޅެމުން ދިޔައީ ވަރަށް ފަޤީރު ދިރިއުޅުމެކެވެ. ޔޫސުފްގެ ބައްޕަގެ ޢާއިލާ މީހުންގެ ނަޒަރުގައި ޔޫސުފަކީ ސުންޕާ ކުއްޖެކެވެ. އޭނާގެ ބައްޕަ މިދުނިޔެއާ އަލްވަދާޢުކީ ޔޫސުފްގެ ބަދު ނަސީބުކަމުންކަމުގައި އެމީހުން ދެކެއެވެ. އެހެންކަމުން އެމީހުންގެ އެއްވެސް އެހީތެރިކަމެއް ޔޫސުފަށާއި އޭނާގެ މަންމައަކަށް ނުލިބެއެވެ. މަންމަގެ މަންމައާއި ބައްޕައަކީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ދެމަފިރިންނެވެ. އެމީހުންގެ ހުންނަނީ ޔޫސުފްގެ މަންމަ ސަފީނާ އެކަންޏެވެ. ސަފީނާއަކީ މުރާލި އަންހެނެކެވެ. އެ އަތޮޅަކީ ރިސޯޓްތައް ވަރަށް ގިނަ އަތޮޅެކެވެ. އެހެންކަމުން އެރަށަށްވެސް ވަރަށް ގިނައިން ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރަށުގެ ރައްޔިތުން ބޮލިން ހަދާފައި ހުންނަ ތަކެއްޗާއި، ލަކުޑިން ހަދާފައި ހުންނަ ސާމާނުގެ އިތުރުން ވަޅޯމަސްފަދަ ބާވަތްތައްވެސް ގަނެހަދައެވެ. އެހެންކަމުން އޮންނަނީ މަސައްކަތްކުރަން ކެރުނު ވަރެކެވެ. އާމްދަނީ ހޯދުމަށްޓަކައި ސަފީނާ ވަރަށް ގިނަ މަސައްކަތްކުރެއެވެ. އޭގެތެރޭގައި ބޮލިން ފާޑު ފާޑުގެ އެއްޗެހި ހެދުމާއި، ފަންގި ވިނުމާއި، މަސްކައްކާ ގޭގެއަށް ގޮސް މަސް ސާފުކޮށްދީ އެކި ކަންކަމުގައި އެހީތެރިވެދެއެވެ. އެ ޢާއިލާގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ސަފީނާ އެގޮތަށް ކުރާ މަސައްކަތުން ލިބޭ މަދު ފައިސާކޮޅަކުންނެވެ.

ދުވަސްތައް އާދައިގެ މަތިން ކުރިއަށް ދިޔައެވެ. ކިތަންމެ ކުޑަ ފައިސާކޮޅެއް ލިބުނުކަމުގައިވީނަމަވެސް ސަފީނާއަށް ވީވަރަކުން ގޭގެ ޚަރަދުތައް ބަލަހައްޓާފައި ޔޫސުފަށް ކިޔަވައިދިނުމަށް މަސައްކަތްކުރެއެވެ. ރަށުގައި ކިޔެވެން އޮންނަނީ ގްރޭޑް ހަތަކާއި ހަމައަށެވެ. އޭރު ޔޫސުފް އުޅެނީ ގްރޭޑް ހަޔެއްގައެވެ. ރަށުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔަވައިދިނުމަށްފަހު ޔޫސުފަށް އިތުރަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހެދުމަކީ ސަފީނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެހެންކަމުން އޭނާ ދިޔައީ އެކަމަށްޓަކައި މަދު މަދުންނަމަވެސް ފައިސާ ފަހަށް ރައްކާކުރަމުންނެވެ.

ކިތަންމެ ދަތި ޙާލުގައި އުޅުނެއްކަމަކު ޔޫސުފް ބޮޑުވަމުން އައީ މަންމަގެ ލޯބި ފުރިހަމައަށް ލިބިގެންނެވެ. ރަނގަޅަށް ބަނޑުފުރާ ތިން އިރު ކާން ނުލިބުނުކަމުގައި ވީނަމަވެސް ޔޫސުފް ޝުކުރުވެރިވެއެވެ. މަންމަ އޭނާގެ ޙައްޤުގައި ވަމުންދާ ޤުރުބާނީގެ އަގު ކޮންމެވެސް ދުވަހަކުން އަދާކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާއަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. މަންމަދެކެ އިންތިހާއަށް ލޯބިވާ އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ނަމަވެސް އިންސާނުން ކިތަންމެ ވަރަކަށް ކަންކަން ރޭވިކަމުގައިވީނަމަވެސް ކުރިއަށް ވާން އޮތްކަމެއް އެކަކަށްވެސް ނޭނގެއެވެ. ތަޤުދީރުގައި ކަންތައްތައް ރޭވިފައިއޮތީ ކިހިނެއްކަމެއް ބުނެދެން އެނގެނީ ކާކަށްހެއްޔެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ