ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށާއި، އެ އިންތިޚާބާގުޅޭ އެ ނޫން ވެސް ޚާއްޞަ އުސޫލުތަކެއް އެކަށައެޅުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނިވައިފިއެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020"ގެ ނަމުގައި 10 މާއްދާގެ މައްޗަށް އެކުލެވޭ ބިލު ފަރުމާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އިން ހޮވޭ މެމްބަރުން މަޤާމާ ހަވާލުވުމުން އުވިގެންދާ ގޮތަށެވެ.
ބިލުގައި ހިމެނިފައިވާ މުހިއްމު ކަންތައްތަކަކީ؛
• ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020، އަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން 18 އޭޕްރީލް 2020ގައި ބާއްވަން ނިންމާފައިވާ ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރެވުނީއެވެ. އެ އިންތިޚާބު އަލުން ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަންޖެހޭނީ އިންތިޚާބާގުޅޭ ކަންކަން ކުރިއަށް ގެންދިޔުމަކީ އޭގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.
• ކައުންސިލްތަކުގެ އިންތިހާބު 2020 ފަސްކުރެވުނު ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ މިހާރުވެސް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނެވެ. ވަކި ދާއިރާއަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މެންބަރުން ކުރިމަތިލާފައިނުވާތީ އިންތިޚާބުވެފައިވާ ކެންޑިޑޭޓުން މަޤާމާ ހަވާލުވާނީ ފަސްކުރެވޭ އިންތިޚާބު ބޭއްވުމަށްފަހު، އަލަށް އިންތިޚާބުވާ މެމްބަރުންނާއެކުގައެވެ.
• ބިލަށް ޢަމަލު ކުރަން ފެށުމާއެކު، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާޠިލުވާނެއެވެ. ސަސްޕެންޝަން ބާޠިލުވުމާ އެކު އެ މީހުން ކުރިން ތިބި މަޤާމަށް އަނބުރާ ރުޖޫޢަވާނެއެވެ. ނަމަވެސް އެ މީހުން ސިވިލް ސަރވިސްގެ ވަޒީފާއަށް ރުޖޫޢަވާ ހިސާބުން ފެށިގެން، އަލުން ސަސްޕެންޑްކުރެވެންދެން، އިންތިޚާބާ ގުޅޭ ގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެ މީހުން ކުރިއަށް ގެންގޮސްގެންނުވާނެއެވެ.
• ފަސްކުރެވޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021ގެ ނިޔަލަށް ބާއްވައި ނިންމަންވާނެއެވެ.




