ކޮވިޑް-19 ޖެހިގެން ޗައިނާއިން މިއަދު މީހަކު މަރު ނުވޭ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން، މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އެއްވެސް މީހަކު މިއަދު މަރުނުވާކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާގެ ގައުމީ ސިއްހީ ކޮމިޝަނުން މިއަދު ވިދާޅުވެފައިވަނީ، ކޮވިޑް-19 ޖެހިގެން އެގައުމުން މިއަދު އެއްވެސް މީހަކު މަރުވެފައި ނުވާކަމަށާއި ނަމަވެސް 32 މީހަކަށް މި ރޯގާ އަލަށް ޖެހިފައިވާ ކަމަށެވެ. އިއްޔެ ޗައިނާއިން ކޮވިޑް-19 ޖެހިފައިވަނީ 39 މީހުންނަށެވެ.

ކޮވިޑް-19 ފެތުރުން މިހާރު ޗައިނާގައި ކޮންޓުރޯލް ކުރެވިފައިވާއިރު، ކޮވިޑް-19 އަށް އެގައުމުން މިހާރު ގިނައިން ޕޮޒިޓިވުވަމުންދަނީ އެހެން ގައުމުތަކުން ޗައިނާއަށް އަންނަ ފަރާތްތަކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮވިޑް-19 ޖެހިގެން ޗައިނާއިން މުޅި ޖުމްލަ މިހާތަނަށް މަރުވެފައިވަނީ، 3،331 މީހުންނެވެ.

ޗައިނާއަށް އެހެން ގައުމުތަކުން އަންނަ ފަރާތްތަކުގެ ސަބަބުން ކޮވިޑް-19 އިތުރަށް ޗައިނާގައި ފެތުރިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި ޗައިނާ ސަރުކާރުން މިހާރުވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފައެވެ. މިގޮތުން ބޭރުގެ ގައުމުތަކުން ޗައިނާއަށް ފުލައިޓު ދަތުރުކުރުމުގެ ހުއްދަދެނީ ހަފްތާއަކު އެއްފުލައިޓަށެވެ.

ކޮވިޑް-19 އަށް މުޅި ދުނިޔެއިން މިހާތަނަށްވަނީ 1,394,710 މީހުން ޕޮޒިޓިވު ވެފައެވެ. އަދި މިބަލީގައި މުޅި ދުނިޔެއިންވަނީ 79,384 މީހުން މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ