ސްޕެއިންގެ ރެއަލްމެޑްރިޑުންވެސް އެކްލަބުގެ ފުޓްބޯޅަ ޓީމު އަދި ބާސްކެޓް ޓީމުގެ ކުޅުންތެރިންގެ މުސާރައިން ބައެއް އުނިކުރަން ނިންމައިފިއެވެ.
ރެއަލްމެޑްރިޑުން ބުދަ ދުވަހު އެކަން އިޢުލާންކޮށްފައިވާއިރު، މިސީޒަންގެ ބާކީ އޮތްބައިގައި އެކްލަބުގެ ފުޓްބޯޅަ ޓީމު އަދި ބާސްކެޓް ޓީމުގެކުޅުންތެރިންގެ މުސާރައިން %10 އާއި %20 އާއި ދެމެދު ކަނޑާނެކަމަށް ރެއަލްމެޑްރިޑުންވަނީ ބުނެފައެވެ.
"ކެޕްޓަނުންގެ އިސްނެގުމާއެކު، ފުޓްބޯޅަ ޓީމު އަދި ބާސްކެޓް ޓީމުގެ ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިން ބައެއް އުނިކުރަންވަނީ ނިންމާފައި. މީގެއިތުރުން އެކި ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރުންގެ މުސާރަވެސް އެމީހުން އަމިއްލައަށް ކުޑަކުރަން ނިންމާފައިވޭ." ރެއަލްމެޑްރިޑްގެ ބަޔާނުގައިވެއެވެ.
ރެއަލްމެޑްރިޑުން މިގޮތަށް ނިންމާފައިވާއިރު، ސްޕެއިންގެ ވަރުގަދަ ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އެސްޕަނިޔޯލްއިން ވަނީ މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިން ކްލަބަށް ލިބޭ މާލީ ގެއްލުން ކުޑަކުރުމުގެ ގޮތުން މުސާރައިން ބޮޑު ބައެއް އުނިކުރަން ނިންމާފައެވެ.
އެގޮތުން ބާސެލޯނާއާއި އެތުލެޓިކޯއިން އެކްލަބުގެ ކުޅުންތެރިންގެ މުސާރައިން %70 އުނިކުރަން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ.
ސްޕެއިނުން ކޮވިޑް-19 އަށް މިހާތަނަށް 148000 އަށްވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އަދި 14500 އަށްވުރެ ގިނަ މީހުން މިވައިރަހުގައި އެޤައުމުން މަރުވެފައިވެއެވެ. މިވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެޤައުމު މިހާރުވެސް އޮތީ ލޮކްޑައުންގައެވެ.




