މަނީ ލައުންޑްރިން ހުކުމް އިއްވައި ޔާމީން ޖަލަށް ގެންދަނީ | ފޮޓޯ : މިހާރު

ރައީސް ޔާމީންގެ އިސްތިޢުނާފްގެ މައްސަލަ އަވަސްކޮށްދިނުމަށް ގޮވާލައިފި

ކުރީގެ ރައީސް، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާ މައްސަލަ އަވަސްކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ބިރު ރާއްޖޭގައިވެސް އޮތް މިދަނޑިވަޅުގައި ޕީޕީއެމް ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާ މައްސަލަ ކުރިއަށް ނުގޮސް ދިގުލަމުން ދިއުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ރާއްޖޭގައިވެސް އޮތުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ދަށު ކޯޓުތަކުގެ މައްސަލަތައްވެސް ވީޑިއޯ ކޮންފަރަންސިންގ އުސޫލުން ކުރިއަށް ގެންދެވޭ އިރު، ހައިކޯޓުގެ މައްސަލަތައްވެސް އެގޮތުގެ މަތިން ކުރިއަށް ގެންދެވެން ވާނެކަމަށް އެކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމިންއަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ކަފާލާތުގެ ޙައްޤު ދެވިފައި ނުވަނީ
ހައިކޯޓުގައި އިސްތިޢުނާފް ކުރެވިފައިވާ މައްސަލައިގައި ގޮތެއް ނިންމުމުގައި ލަސްތަކެއް ނުވާނެތީ ކަމަށް
ބުނެފައިވާކަމަށާއި، އެހެން ކަމުން އިސްތިޢުނާފް ކުރެވިފައިވާ މައްސަލަ އަވަސްކޮށްދެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ.

މިއާއެކު، ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު އެންމެ ބޮޑު އެއްތަނަކީ ޖަލުތައް ކަމަށް ސިފަ ކުރައްވާ، އެންމެ ފުރަތަމަވެސް ޖަލުތަކުގައި ތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް އދ ގެ ހައިކޮމިޝަނަރ ފޮރ
ހިއުމަންރައިޓްސް ދާދި ފަހުން ގޮވާލާއްވާފައިވާކަމަށްވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެގޮވާލުމަށް އިޖާބަދީ، ދުނިޔޭގެ ބާރުގަދަ ބޮޑެތި ޤައުމުތަކުން އެއާއި އެއްގޮތަށް ޢަމަލުކޮށްފައިވާއިރު، ރާއްޖޭގައި އިންސާފާ ހަމަހަމަކަމުގެ މަގު ޚިޔާރުކުރުމެއްނެތި އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމެއް ނެތި އަނިޔާވެރިކަމަށް ފުރުޞަތު ތަނަވަސް ކުރަމުންދާކަން އެކޯލިޝަނުން ވަނީ ހިތާމައާއެކު ފާހަގަ ކުރައްވާފައެވެ.

ބަޔާނުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ޖަލުގައި ބާއްވައިގެން އެކި ގޮތްގޮތުން އެމަނިކުފާނަށާއި ޢާއިލާއަށް ނިކަމެތިކަން ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމީ އެ ކޯލިޝަން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ހަސަދަވެރިކަމާއި ބަދަލު ހިފުމުގެ ރޫހު ކުރިއަށް ނެރުމުގެ
ބަދަލުގައި، އެއްބައިވަންތަކަމަށް އިސްކަންދިނުމަށާއި، އަދި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށް ވާތީ،
އިންސާފުގެ ބޭރުން އަނިޔާ ލިބެމުންދާ ހަމައެކަނި އިދިކޮޅު ލީޑަރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދެއްވުމަށް އެ ކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ