ރައްޓެހި ވެގެން އުޅުނު ދެ މީހުން ރުޅިވުމުން އަންހެން މީހާ އަމިއްލައަށް ގައިގައި ވަޅި އަޅަން އުޅެފިއެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި މާލޭގައެވެ.
ފުލުހުން ވިދާޅުވީ، ހެންވޭރު ގެއެއް ކައިރީގައި މީހެއްގެ ގަޔަށް ވަޅި ހަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު މިއަދު 14:10 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ، މި ހާދިސާ ހިނގާފައި ވަނީ ރައްޓެހި ވެގެން އުޅުނު ބިދޭސީ އަންހެނަކާއި ފިރިހެނެއް ރުޅިވުމުން، އަންހެން މީހާ ފިރިހެން މީހާގެ ގެ ކައިރިޔަށް އައިސް އަމިއްލައަށް ގައިގައި ވަޅި އަޅަން އުޅުމުން އެހެން ބިދޭސީ ފިރިހެނެއް އެއަންހެން މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ވަޅި އެޅިގެން ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވި މީހާއަށް ބޮޑ ޒަހަމެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.



