ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއެކު މާލެ ވަގުތީގޮތުން 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު، ފުލުހުންނަށް ނޭނގި މަގުމައްޗަށް ނުކުމެ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުން ވިދާޅުވީ، މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެކަމަށާއި، ފުލުހުންނަށް ނޭނގި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާ ކުރާނެކަމަށެވެ.
އަދި މަގުމަތިން ފެންނަ މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެކަމަށާއި، ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެކަމަށެވެ.
މީގެއިތުރުން ފުލުހުން ވިދާޅުވީ، އެއްވެސް އޮފީހެއްގެ މުވައްޒަފަކަށް އެ އޮފީހުގެ ކާޑު ބޭނުންކޮށްގެން ތަންތަނަކަށް ނުދެވޭނެކަމަށާއި، ބޭރަށް ދެވޭނީ ހުއްދަ އޮތް ފާސްތައް ބޭނުން ކޮށްގެންކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވުވެފައިވަނީ 21 މީހެކެވެ. މީގެތެރެއިން މި ބައްޔަށް ޕޮޒިޓުވުވީ ދިވެހިންގެ އަދަދަކީ ހަޔެކެވެ. މި ހަމީހުންގެ ތެރެއިން ތިންމީހުން މިހާރު މިބަލިން ރަނގަޅުވެފައިވާއިރު އަނެއް ތިން ދިވެހިންނަށް އަންނަނީ ފަރުވާ ކުރަމުންނެވެ.



