ތަންކޮޅަކަށް ހިނގުމަށްފަހު އެތަނުން ގެއެއްގެ ދޮރުމައްޗަށް ހުއްޓިފައި އާބިދު ޖީބުން ތަޅުދަނޑިފައްޗެއް ނެގިއެވެ. އަދި ދޮރުހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ޑްރައިވަރު ވަދެ ފޮށިތައް އެތެރޭގައި ބަހައްޓާފައި ނުކުތެވެ. އޭނާ ނުކުތުމުން ޔޫސުފް ވެސް މަންމައާއެކު އެތެރެއަށް ވަދެފައި ރަނގަޅަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެތެރެއިން ފެނުނު މަންޒަރުން ޔޫސުފް ހައިރާންވެގެން އޭނާގެ މަންމައާ ދިމާއަށް ބަލާލިއެވެ.
އެއީ ދިހަ ފޫޓު ދިހަ ފޫޓުގެ ކުޑަ ތަންކޮޅެކެވެ. ވަކިން ކޮޓަރިއެއް ނެތެވެ. ވަންނަ ދޮރުގެ ވާތް ފަރާތުގައި ހަނި ދޮރެއް ހުއްޓެވެ. އެ ދޮރުން ވަދެވެނީ ފާޚާނާއަށެވެ. އެތަނުގައި ހުރީ އުޑަފައިން އިށީނދެ އިނދެގެން ބޭނުންކުރާކަހަލަ ފާޚާނާ ތަށްޓެކެވެ. ތަށި ކައިރީގައި ބާލިދީއެއް ބަހައްޓާފައި ހުއްޓެވެ. އެތަނަށް ދެމީހަކަށް އެއްކޮށް ނުވަދެވޭނެއެވެ. ވަޅެއް ނުވަތަ އިސްކުރެއްވެސް އެތާކު ނެތެވެ. ބަދިގެއެއް، ކާގެއެއް ނެތެވެ. ކަނެއްގައި ހުރި މޭޒެއްގެ މަތީގައި ދެ ތެއްޔާއި ކުޑަކުޑަ ބަތްކާ ދެ ތަށި ބަހައްޓާފައި ހުއްޓެވެ. މޭޒު ކައިރީގައި ބިންމަތީގައި ކުޑަކުޑަ ވަޅުކޮޅެއްހެން ހުރި ތަންކޮޅެއް ހުއްޓެވެ. އެއީ އުނދުނެވެ. އުނދުނުގެ ކުރިމައްޗަށްވާގޮތަށް ފާރުކައިރީގައި ބާވެފައި އޮތް ބެޑްޝީޓަކާއި ދެ ބާލީސް އޮތެވެ. އެތަނުގެ ޙާލަތު ފެނިފައި މަންމަ އާބިދުއާ ސުވާލުކުރި އަޑު ޔޫސުފަށް އިވުނެވެ.
"ޝުކުރުކޮށްބަލަ މިވަރުވެސް ކޮށްދިންކަމަށްޓަކާ. މިއީ މީގެ ފަހުން ކަލޭމެންގެ ގެ." ފޮށިތައް އެއްފަރާތުގައި ބަހައްޓަމުން އާބިދު ޖަވާބުދިނެވެ.
"އެކަމަކު އާބިދު ބުނީމެއްނު އާބިދުގެ ހަވޭލީއެއް ހުންނަ ވާހަކަ؟" ހައިރާންވެފައި ސަފީނާ ސުވާލުކުރިއެވެ.
"ހަހަހަހަ. ހަވޭލީއެއްގައި ގެންގުޅޭ ފެންވަރުގެ ބަޔެއް ނޫން ތިއީ. ކަލޭމެން ރަށުގައި އުޅުނީ މިއަށްވުރެވެސް ހާލުގައެއްނު. އަހަރެންގެ ހަވޭލީގައި އުޅެނީ އަހަރެންގެ އަނބިމީހާއާ ދަރިން. ކަލޭ ތީ އަހަރެން ހަމައެކަނި އުފާ ހޯދުމަށްޓަކައި ގެނައި މީހެއް. އަހަރެން ކަލެއަށް ބޭނުންވީމަ އަންނާނަން." އާބިދުގެ ރާގުގައި މަލާމާތާއި ހަރުކަށިކަން އެކުލެވިގެންވިއެވެ. އާބިދުގެ ޙަޤީޤީ ކުލަ ފެންނަންފެށީ އަދި ކިރިޔާއެވެ.
އާބިދު ދިޔައީ ހަނޑޫކޮޅަކާއި، ފުށްކޮޅެއް އަދި ލޮނުކޮޅެއް ގެނަސްދީފައެވެ. ބޯފެން ކީއްކުރަން ގައިން ތާހިރުވެލާނެ ފެންފޮދެއްވެސް އެތާކު ނެތެވެ. ނުވެސް ދަންނަ ބަޔެއްގެ ތެރެއަށް ޔޫސުފާއި ސަފީނާ ދޫކޮށްލާފައި އާބިދު ދިޔައީ އެމީހުންގެ ޕާސްޕޯޓުތައްވެސް ހިފައިގެންނެވެ.
ޔޫސުފަށް ހީވީ އޭނާގެ މުޅި ދިރިއުޅުން އެނބުރިގެންދިޔަހެންނެވެ. ފެން ބޮވައިގަނެގެން އޭނާ މަންމަ ކައިރީގައި ބުނުމުން ޖެހިގެން ހުރި ގެއަށް ގޮސް ހިންދީ ބަހުން ސުވާލުކުރިއެވެ. އެނޫން ގޮތެއް ނެތިގެންނެވެ. ނަމަވެސް އެމީހުންނަކަށް ހިންދީ ބަހެއް އަދި އިނގިރޭސި ބަހެއްވެސް ނޭނގެއެވެ. އެހެންކަމުން އެކި ގޮތްގޮތަށް އިޝާރާތްކޮށްގެން ފެން ލިބޭނެ ތަނެއް ބުނެދިނުމަށް ސަފީނާ އެދުނެވެ. އެހިސާބުގަނޑު އެންމެންވެސް ފެން ހޯދަން ދާންޖެހެނީ އެއް ތަނަކަށެވެ. ފެން ދޫކުރަނީ ވަކި ގަޑިއެއްގައެވެ. އެގަޑީގައި އެތަނަށްގޮސް ކިޔުގައި ޖެހުމުން ކޮންމެ މީހަކަށްވެސް ދޫކުރަނީ އާދައިގެ ދެ ބާލިދީގެ ފެނެވެ. ހުރިހާ ކަމަކަށްވެސް ބޭނުންކުރަންޖެހެނީ އެ ފެންފޮދެވެ. ރޭގަނޑު ދިހައެއް ޖަހަންދެން އެހިސާބަށް ކަރަންޓު ލިބެއެވެ. އޭގެ ފަހުން މުޅި އެ ސަރަހައްދު އޮންނަނީ އަނދިރިގަނޑަކަށް ވެފައެވެ. ކަރަންޓު ކަނޑާލުމުން އެއްވެސް މީހަކު ބޭރަކަށް ނުނިކުމެއެވެ. ގިނަ ފަހަރު ދުވާލުގެ ބޮޑުބަޔެއްގައިވެސް ހުންނަނީ ކަރަންޓު ކެނޑިފައެވެ.
އެހިސާބުގަނޑު އެންމެންވެސް ވަރަށް ހިތްހެވެވެ. ޔޫސުފްމެންގެއިން ކާއެއްޗެހި ހުސްވުމުން އެމީހުން ކާއެއްޗެހި ދެއެވެ. އެމީހުންނަކީވެސް މާފުދިގެން އުޅޭ ބަޔެއް ނޫނެވެ. ނަމަވެސް ބަނޑުހައިހޫނުކަމުގެ އިޙުސާސް އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެހެން މީހަކު އެ އިޙުސާސްކުރާކަށް އެމީހުން ނޭދެއެވެ. ދެ އިރު ހަމައަށް ބަނޑުފުރާ ކާނެ އެއްޗެހި ނުލިބުނުނަމަވެސް އެމީހުން އަވަށްޓެރިޔާއަށް އެހީވެއެވެ.
އާބިދު އަންނަނީ އޭނާ ހިތަށް އެރީމައެވެ. ބައެއްފަހަރު މަހަކު ދެ ފަހަރުއެވެ. އަނެއްބައި ފަހަރު މަހަކު އެއްފަހަރުއެވެ. އޭނާ އައި ނަމަވެސް ރޭގަނޑު މަޑެއް ނުކުރެއެވެ. އޭނާ އައުމުން ޔޫސުފް ޖެހެނީ ގެއިން ބޭރަށް ނުކުންނާށެވެ. އޭނާ އެކުރާކަމެއް ކޮށްފައި ނުކުންނަންދެން ޔޫސުފް އިންނަނީ ބޭރުގައެވެ. އޭނާ ބަލާލާގޮތުންވެސް ޔޫސުފް ބިރުން ވިރެއެވެ. އާބިދު އަންނަ ދުވަހަކުވިއްޔާ ދަނީ ގެއަށް ކޮންމެވެސް ވަރަކަށް ކާއެއްޗެހި ގެނަސްދީފައެވެ. އެވަރު ކޮށްދޭތީވެސް ޔޫސުފް ޝުކުރުވެރިވެއެވެ.
ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. ސިއްރުކުރަން މަސައްކަތްކުރިނަމަވެސް މަންމަ ހިތާމަކުރާކަން ޔޫސުފަށް އެނގެއެވެ. ކިތަންމެ ރެޔަކު ޔޫސުފަށް ނުނިދި އޮއްވާ މަންމަ ގިސްލާ އަޑު އޭނާއަށް އިވެއެވެ. މަންމައަށް އާބިދު އަނިޔާކުރާކަންވެސް ޔޫސުފަށް އެނގެއެވެ. މަންމަގެ ގައިގައި ނޫފައިގެންފައި ހުންނަ ކިތަންމެ ތަނެއް ޔޫސުފަށްވަނީ ފެނިފައެވެ. އެތަންތަން ފެނުމުން ޔޫސުފްގެ ހިތަށް ވަރަށް އަސަރުކުރެއެވެ. މަންމަ އެ އަނދަވަޅުން ސަލާމަތްކުރަން އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ. ނަމަވެސް ކުރަންވީ ކަމެއް ނޭނގެއެވެ.
އެތަނުގައި ހަތަރުމަސްވީއިރު އެހިސާބުގަނޑުގެ މީހުން ވާހަކަދައްކާ ބަސް ކޮންމެވެސް ވަރަކަށް ޔޫސުފަށާއި ސަފީނާއަށް ދަސްވިއެވެ. އަބަދު މީހުން އަތުން ކާއެއްޗެހި ހޯދަން މަންމަ ލަދުގަންނަވަރު ޔޫސުފަށް އެނގެއެވެ. ނަމަވެސް ލަދު ކަނޑާލާފައި މަންމަ ގޮސް މީހުން ކައިރިން ސަލާން ޖަހަނީ އޭނާގެ ޙައްޤުގައިކަން ޔޫސުފަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ފައިސާ ހޯދުމަށްޓަކައި ކޮންމެވެސް މަސައްކަތެއްކުރަން ޔޫސުފް ނިންމިއެވެ.
އެހިސާބުގަނޑު ގިނަ ކުދިން ކިޔަވަން ސްކޫލަކަށް ނުދެއެވެ. މައިންބަފައިންގެ އެވަރުގެ ތަނަވަސްކަން ނެތީމައެވެ. އެމީހުންނަށް ލިބޭ މަދު ފައިސާކޮޅުން ގިނަ ފަހަރު ބަނޑުފުރާ ކާންވެސް ނުލިބެއެވެ. އެހެންކަމުން ގިނަ ފިރިހެންކުދިން އެކުދިންގެ ބައްޕަމެންނާއެކު މަސައްކަތު ދެއެވެ. އަންހެން ކުދިން ތިބެނީ ގޭގައި މަންމަމެންނަށް އެހީވާށެވެ.
މަސައްކަތެއް ހޯދުމަށްޓަކައި ޖެހިގެން ހުންނަގޭގައި އުޅޭ ސަތިޔަމް ކައިރީގައި ޔޫސުފް އެހީއަކަށް އެދުނެވެ. ސަތިޔަމްއަކީ ޔޫސުފާ ދާދި އެއް އުމުރެއްގެ ވަރަށް ހިތްހެޔޮ ކުއްޖެކެވެ.
"އަހަރެން ބޭނުންވަނީ މަންމަ ގޮވައިގެން އަނބުރާ އަހަރެންގެ ގައުމަށް ދާން. އެހެންވެ ފައިސާ ހޯދަން ކޮންމެވެސް މަސައްކަތެއްކުރަން އަހަރެން ބޭނުން." އިސް ޖަހައިގެން އިނދެ ޔޫސުފް ވާހަކަދެއްކިއެވެ.
"އަހަރެން އެހީވެދީފާނަން. އެކަމަކު ޝަރުޠެއް އެބައޮތް. ޔޫސުފް ކުރާ މަސައްކަތް އެއްވެސް މީހެއް ގާތުގައި ބުނެގެން ނުވާނެ. މަންމައަށްވެސް އެނގިގެން ނުވާނެ. މިކަމުން ވަރަށް ގިނަ ފައިސާ ލިބޭނެ. ޖެހޭނީ ހަމައެކަނި ކުޑަކުޑަ ހިތްވަރެއްކޮށްލަން. ދުވަސްކޮޅަކުން ފައިސާ އެއްވީމަ އަހަރެން ޔޫސުފް އެނބުރި ގައުމަށް ދާން އެހީވެދޭނަން." ސަތިޔަމް އޮޅުންފިލުވައިދިނެވެ.
"އަވަހަށް ބުނޭ! ކޮންމެ ކަމައް ވިޔަސް އަހަރެން މިހުރީ ކުރަން ތައްޔާރަށް. އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނާނަން." ސަތިޔަމްގެ ވާހަކައިން ޔޫސުފްގެ އުންމީދު އާވިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ސަތިޔަމްއާއެކު ޔޫސުފް ދިޔައެވެ. ސަތިޔަމް ޔޫސުފް ގެންދިޔައީ އެ ހިސާބާއި ތަންކޮޅެއް ދުރު ތަނަކަށެވެ. އެތަނަށް ދެވެނީ ބައިގަޑިއެއްހާއިރު ފައިމަގުގައި ހިނގުމަށްފަހުއެވެ. އެ ހިސާބުގަނޑުގައި އެއްވެސް ގެޔެއް ނުހުރެއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހީވަނީ ފަޅު ހިސާބެއްހެންނެވެ. ބިޔަ ގަސްތަކެއްގެ ތެރެއިން ދިހަވަރަކަށް މިނެޓް ހިނގުމަށްފަހު ސަތިޔަމް ގޮސް ހުއްޓުނީ ވަރަށް އުސް އިމާރާތެއްގެ ކުރިމައްޗަށެވެ. އެއީ ހަދަން ފަށާފައި ނުނިމި ހުރި ތަނެކެވެ. ސަތިޔަމްގެ ފަހަތުން ޔޫސުފް މަޑުމަޑުން ހިނގަމުން ދިޔައެވެ. އޭނާ އެރީ އެތަނުގެ ފަސްވަނަ ފަންގިފިލާއަށެވެ. އެއީ ވަރަށް ބޮޑު ތަނެކެވެ. އެތަން އޮތީ އެއްކޮށް ބައްދާފައެވެ. އެތަނަށް ވަތްއިރު ޔޫސުފްމެންނާ ދާދި އެއް އުމުރެއްގެ ފަސް ވަރަކަށް ފިރިހެން ކުދިން އެތަނުގައި ތިއްބެވެ. އެކުދިން ތިބީ ކޮންމެވެސް މަސައްކަތެއްކުރާށެވެ. ޔޫސުފް ކައިރީގައި ދޮރުމަތީގައި މަޑުކުރަން ބުނެފައި ސަތިޔަމް ގޮސް ހުއްޓުނީ އެތާ މޭޒެއްގެ ކައިރީގައި އިށީންދެ އިން ފިރިހެނެއް ކައިރިއަށެވެ. އެއީ ހަށިގަނޑުން ބިޔަ، ފަލަ، ކަޅު މީކެހެވެ. އެމީހާގެ ބޮޑު ބަނޑެއްލާފައި ހުރިއިރު މުޅި އަނގަމަތި ފޮރުވޭވަރުގެ ބޮޑު މަތިމަހެއްވެސް ހުއްޓެވެ. ސަތިޔަމްގޮސް ވާހަކަތަކެއް ދެއްކުމުން އެމީހާ ފާޑަކަށް ޔޫސުފާ ދިމާއަށް ބަލާލިއެވެ. އަދި އަތުގެ އިޝާރާތުން ކައިރިއަށް އައުމަށް ބުންޏެވެ. ވަރަށް ޖެހިލުންވެފައި ހުރެ ޔޫސުފް އެމީހުން ކައިރިއަށް ދިޔައެވެ.
"މިކަމުގެ ތެރެއަށް ވަނުމަށްފަހު އިތުރު މީހަކަށް ޚަބަރު ދީފިނަމަ ކަލޭގެ ދުވަސްދުއްވާލާނަން! އެކަން ކަލޭ ދަންނާތި!" އަމުރުވެރި ރާގެއްގައި އެމީހާ ބުންޏެވެ. އެމީހާ ވާހަކަދެއްކިގޮތުން ޔޫސުފް ބިރުވެސް ގަތެވެ. ނަމަވެސް އެ ހުރިހާކަމަކަށްވުރެ ބޮޑަށް ޔޫސުފަށް މުހިންމީ އޭނާގެ މަންމައެވެ. މިވަގުތު މަންމައަށް އެހީވާން ހުރީ ހަމައެކަނި އޭނާއެވެ.
"އޯކޭ." ސާބިތުކަމާއެކު ޔޫސުފް ބުނެލިއެވެ.
މި ވަދެވެނީ ކިހާވަރެއްގެ ކަމެއްގެ ތެރެއަށްކަމެއް އޭރު ޔޫސުފަށް ރޭކާވެސް ނުލައެވެ. ނަމަވެސް މަންމަގެ ޙައްޤުގައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވެސް ވާން އޭނާ ހުރީ ތައްޔާރަށެވެ. ދެން އެނބުރި ފަސް ބެލުމެއް ނެތެވެ.
(ނުނިމޭ)



