ރ.ހުޅުދުއްފާރުގައި ޒުވާނަކު ބަރަހަނާކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ހާދިސާގައި ބަރަހަނާ ކޮށް އަނިޔާކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
ހުޅޫދުއްފާރު ފިހާރައަކުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަންކުރިކަމަށް ބުނެ، އެރަށުގެ 5 މީހުން ހިމެނޭ ގްރޫޕަކުން، 18 އަހަރުގެ މީހާ އެރަށު އުތުރުފަރާތު މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް އަނިޔާކޮށް ބޮލުން ބައެއް ބާލައި، އޭނާގެ ފޯނު މޫދަށް އެއްްލާލައި، ބަރަހަނާކޮށް އޭނާ ލައިގެން ހުރި ބޮކްސާގައި ރަށުތެރޭގައި ހިންގުވާފައި އާއިލާ ކައިރިއަށް ގެންދިޔަ މައްސަލަ މިމަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން 24 އަހަރުގެ ދެ މީހުނާއި، 30 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެއް މިމަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލައާއި ގުޅިގެން މި 5 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 2020 އެޕްރީލް 16 ވަނަ ދުވަހު ކޯޓަށް ހާޟިރުކުރުމުން 24 އަހަރުގެ އެކަކަށާއި 25 އަހަރުގެ މީހާއަށް 7 ދުވަސް އަދި 24 އަހަރުގެ އަނެއް މީހާއަށާއި 30 އަހަރުގެ މީހާ އަދި 32 އަހަރުގެ މީހާއަށް 5 ދުވަސް ކޯޓުން ވަނީ ދީފައި." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަހްޤީޤު ކުރަމުންނެވެ.



