ޟަރޫރީ ބޭނުންތަކަށްވެސް ބޭރަށް ނިކުމެވޭ މިންވަރުވެސް ކޮންޓްރޯލް ކުރަން ނިންމާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޒްއެވެ.
ފައިރޫޒް ވިދާޅުވީ، މާދަމާއިން ފެށިގެން ބޭރަށް ނިކުތުމަށް ފުލުހުން ހުއްދަ ދޭއިރު، ބޭރުގައި އުޅެވޭނެ ވަގުތާއި، ދެވޭނެ ސަރަހައްދުތައްވެސް ކަނޑައެޅިގެން އަންގާނެ ކަމަށެވެ.
މީގެ އިތުރުންވެސް ގެއަށް ބޭނުންވާ ޟަރޫރީ ތަކެތި ގަތުމަށްޓަކައި ދެން ހުއްދަ ދެއްވާނީ ތިން ދުވަހަކުން އެއްދުވަހު ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ބަދަލު ގެންނަން ނިންމާފައިވަނީ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބޭރުގައި މީހުން އުޅޭ ނިސްބަތް އިތުރަށް މަދުކުރުމަށް ކަމަށެވެ.
މާލެ ލޮކްޑައުން ކޮށްފައިވާއިރު، ލޮކްޑައުންއަށް ވިޔަފާރިތައް ތައްޔާރުވެފައި ނެތުމުން އޮންލައިންކޮށް ވިޔަފާރި ކުރުމާއި، ޑެލިވަރީ ކުރުމުގައި އަދިވެސް ބޮޑެތި ދަތަތަކެއް ދަނީ ކުރިމަތިވަމުންނެވެ.




