ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ހަށިރައްކަލަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ހޯމް މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެ ކިބައިން އިދިކޮޅުން އެދެފިއެވެ.
އިދިކޮޅުން ފޮނުވި ސިޓީގައި ކުރީގެ ރައީސް އަދި މިވަގުތު އިދިކޮޅުގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް، ރައީސް ޔާމީން މާފުށި ޖަލުގައި ހައްޔަރުކުރެވިފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޤާނޫނީ ޙައްޤުތަކުގެ ބޭރުން ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާ ކަމަށްވެ މީޑިއާތަކުން ހާމަކޮށްފައި ވީނަމަވެސް އެކަމުގެ އިތުރު އެއްވެސް ތަފްޞީލެއް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނުވަތަ މޯލޑިވްސް ޕޮލިސް ސަރވިސް އިން ވެސް ދެއްވާފައި ނުވާ ކަމަށާއި އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އާއި ގުޅުމަށް މަސައްކަތް ކުރިނަމަވެސް އެމަނިފާނު ފޯނަށް ޖަވާބު ދެއްވާފައި ނުވާކަމަށް އިދިކޮޅުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އަދި ޖަލުގައި އެމަނިކުފާނު ހުންނަވަނިކޮށް، އެތަނުގައި ހަމަނުޖެހުން ހިންގުމާއި، ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ އިދިކޮޅު ކޯލިޝަންގެ
ކަންބޮޑުވުން އޮތް ކަމެއްކަމަށާއި އަދި އެފަދަ އޮޕަރޭޝަނެއް ހިންގާނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިގެންދާ ޙާލަތެއްގައިކަމަށް ގަބޫލުކުރާކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އިދިކޮޅުން ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ކޯވިޑް 19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގައިވެސް ވައިރަސް ފެތުރުމުގެ ބިރު އޮތްކަމާއި އަދި ރަމަޟާން މަހުގެ ރޭތަކާއި، ދުވަސްތައް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުން އިތުރުވާ ކަމެއްކަމަށެވެ. އަދި ރައީސް ޔާމީން ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާ މައްސަލަ ކުރިއަށް ނުގެންދެވި އެތައް ދުވަހެއް ފާއިތުވެގެން ދާއިރު އެމަނިކުފާނަށް ޤާނޫނީ ގޮތުން ޙައްޤުވާ ކަފާލާތުގެ ފުރުޞަތުވެސް ލިބިފައި ނުވާކަމަށެވެ.
އަދި ސަރުކާރުގެ ފަރާތުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވަމުން ގެންދާ ކަމުގައި ޤަބޫލުކުރުމުގެ ފުރުޞަތު އެބަ އޮތްކަމަށްވެސް އިދިކޮޅުންވަނީ ބުނެފައެވެ. އަދި އަނިޔާވެރިކަމަށް ފުރުޞަތު ނުދެއްވާ އިހުސާންތެރިކަން އިސްކުރެއްވުމާއެކު، ރައީސް ޔާމީންގެ ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅުންވަނީ އެދިފައެވެ.