ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކޮށްފައިވާ ޓްވީޓަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމާއި ގުޅިގެން، އެ ޓްވީޓަކީ ވަކި ޤައުމެއްގެ ބަޔަކަށް އަމާޒުކޮށް ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމުގައި އެ ބޭފުޅާ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ޔުނީފޯމްގައި ތިބި ބަޔަކު ހުޅުމާލެ މަގުމަތީ އުޅުނު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރު ވަމުން ދަނިކޮށް، ޑރ. މުއިއްޒު ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މަތިންދާ ބޯޓެއްގައި އަޔަސް، ލަކުޑި ބޯޓެއްގައި އަޔަސް، މަނަވަރެއްގައި އަޔަސް، މި ދުވަސްކޮޅު ރާއްޖޭގެ މީހުން އުޅޭ ރަށަކަށް ފޭބެންވާނީ 14 ދުވަހު ކަރަންޓީންގައި މަޑު ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ރައްކާތެރި ކަމަށްޓަކައި މިކަން އޮންނަން ވާނީ މިހެން ކަމުގައި ދެކިލައްވާ ކަމަށްވެސް އެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މި ފޮޓޯތައް ދައުރުވަމުން ދިޔަ އިރު އިއްޔެ ވަނީ މާލޭގައި ތިބި އިންޑިއާ މީހުން ބަލާ އެ ޤައުމުގެ މަނަވަރެއް ރާއްޖެ އައިސްފައެވެ. މީގެ އިތުރުން ދަޢުރުވަމުން ދިޔަ އެ ފޮޓޯތަކުގައި ޔުނީފޯމްގައި ވާ މީހުންނަކީ އިންޑިއާގެ ސިފައިންގެ ބައެއް ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
ނަމަވެސް އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ ދަޢުރުވަމުން ދިޔަ ފޮޓޯތަކުން ފެންނަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ފޮނުވި ޑޮކްޓަރުންގެ ޓީމެއް، އެ މީހުން ރާއްޖެއަށް އައުމަށްފަހު ކަރަންޓީނުގެ މުއްދަތު ހަމަކޮށް ހުޅުމާލޭގައި އެމީހުން ދިރިއުޅޭ ގެސްޓްހައުންސްއަށް ދިޔަ މަންޒަރު ކަމަށެވެ.
މުޢިއްޒު ގެ ޓްވީޓަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމާއި ގުޅިގެން އެ ބޭފުޅާ ވިދާޅުވެފައިވަނީ އެ ޓްވީޓަކީ ވަކި ޤައުމެއްގެ ބަޔަކަށް އަމާޒުކޮށް ކުރި ޓްވީޓެއް ނޫން ކަމަށެވެ. އަދި އެ ޓްވީޓަކީ ކަމުގެ މުހިންމުކަން ބަޔާން ކޮށްދިނުމުގެ ގޮތުން ދެންނެވި ވާހަކައެއް ކަމުގައި މުއިއްޒު ވިދާޅުވެފައިވެއެވެ.
Mee vaki qaumegge bayakah amaazukoh kuri tweet ehnoon. Kamuge muhimmukan bayaankohdhinumuge gothun dhennevi vaahaka eh.
— Dr Mohamed Muizzu (@MMuizzu) May 8, 2020
މުއިއްޒުގެ ޓްވީޓާއި ގުޅިގެން ރާއްޖޭގެ ބައެއް ނޫސްތަކުގައި ވަނީ، އިންޑިއާ ސިފައިން ރާއްޖެ ފޭބުމުން އެމަނިކުފާޒު ކަންބޮޑުވުން ފާޅު ކުރައްވާފައިވާކަމަށްބުނެ ޚަބަރުވެސް ގެނެސްދީފައެވެ. ނަމަވެސް މުއިއްޒު ވިދާޅުވެފައިވަނީ އެ ޓްވީޓަކީ ވަކި ގައުމެއްގެ ބަޔަކަށް އަމާޒުކޮށް ކޮށްފައިވާ ޓްވީޓެއް ނޫންކަމަށެވެ.