އެފްސީ ބާސެލޯނާއަށްވުރެ ރެއަލްމެޑްރިޑް މާބޮޑަށްވެސް މޮޅުކަމަށް ސްޕެއިން އަދި ރެއަލްމެޑްރިޑްގެ ކުރީގެ ޑިފެންޑަރު އަލްވާރޯ އާބެލޯ ބުނެފިއެވެ.
ޔޫޓިއުބް ޗެނެލްއަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އާބެލޯ ބުނީ، މިއީ ނަތީޖާއަށް މަސައްކަތްކުރާ ވިޔަފާރިއަކަށްވާއިރު، ރެއަލްމެޑްރިޑުންވަނީ ގިނަ ކާމިޔާބީތަކެއް ޙާސިލްކޮށްފައިކަމަށާއި، އެގޮތުން ބަލާއިރު ބާސެލޯނާއަށްވުރެ ރެއަލްމެޑްރިޑް މާބޮޑަށްވެސް މޮޅުކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައ ޔޫރަޕްގައި ރެއަލްމެޑްރިޑުން ހޯދި ބޮޑެތި ކާމިޔާބީތައް އާބެލޯ ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި ކޯޗު ޒިދާންގެ އިރުޝާދުގެ ދަށުން 2016 އިން 2018 ޖެހިޖެހިގެން ކާމިޔާބުކުރި ތިން ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.
މީގެއިތުރުން ޔޫއެފާ ސުޕަރަކަޕާއި ކްލަބު ވޯލްޑްކަޕަށް ބަލާލިކަމުގައިވީނަމަވެސް ފަހު ތާރީޚުތަކުން ފެންނަމުންދަނީ ވާދަވެރި ބާސެލޯނާއަށްވުރެ އިތުރަށް ރެއަލްމެޑްރިޑުން ހޯދާފައިވާ ކާމިޔާބީތަކެވެ.
"އެންމެ މޮޅު ޓީމަށް ނުވެ ޗެމްޕިއަންސް ލީގު ކާމިޔާބެއް ނުވާނެ. ފަސް އަހަރުތެރޭ ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނީ ނުހަނު މޮޅު ޓީމަކަށް ވެގެން." އާބެލޯ ބުންޏެވެ.
އާބެލޯ މިހެން ބުނިނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރެއަލްއަށް އަމިއްލަ ޤައުމުގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައެއްނުވެއެވެ. އެގޮތުން މިދިޔަ ދިހަ ސީޒަނުގައިވެސް ސްޕެނިޝް ލަލީގާ ރެއަލްއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ދެފަހަރުއެވެ. ވާދަވެރި ބާސެލޯނާ މިމުއްދަތުގައި 7 ފަހަރެއްގެ މަތިން މިތަށި ކާމިޔާބުކޮށްފައިވެއެވެ. ބާސެލޯނާއަށް ސްޕެނިޝް ލަލީގާ މިހާތަަނަށް ކާމިޔާބުކުރެވިފައިވަނީ 26 ފަހަރުއެވެ. ރެއަލްއިން މިހާތަނަށް 33 ފަހަރު ލަލީގާގެ ތަށި އުފުލާލާފައިވެއެވެ.
ސްޕެއިންގެ ކަޕު ކަމަށްވާ ކޮޕަޑެލްރޭގައިވެސް ވާދަވެރި ބާސެލޯނާ އުޅެނީ ކުރީގައެވެ. ބާސެލޯނާއާއި ދޯޅު މުބާރާތެއްގައި ގޮތުގައި ފާހަގަކުރެވޭ މިމުބާރާތް އެކްލަބުން 30 ފަހަރެެއްގެ މަތިން ކާމިޔާބުކޮށްފައިވެއެވެ. ރެއަލްމެޑްރިޑަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ އެންމެ 19 ފަހަރުއެވެ.




