ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅިގެން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ.
އެގޮތުން ސިވިލް ސަރވިސް ކޮމިޝަނުން އިއްޔެ ވިދާޅުވެފައިވަނީ އިންތިޚާބަށް ކުރިމަތި ލުމާއި ގުޅިގެން ވަޒީފާއިން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން، ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020) ގެ 6 ވަނަ މާއްދާއިން ބާޠިލްކޮށްފައިވާތީ، އެ ޤާނޫނަށް ޢަމަލުކުރަންފެށި ތާރީޚުން ފެށިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާ ގުޅިގެން ސަސްޕެންޑްވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަން 10 މޭ 2020 އިން ފެށިގެން ބާޠިލުކުރެވިފައިވާ ކަމަށެވެ.
މުވައްޒަފުންގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން، އިންތިޚާބާ ގުޅޭގޮތުން ކެމްޕޭންކުރުމުގެ އެއްވެސް ޙަރަކާތެއް އެއްވެސް މުވައްޒަފެއް ކުރިއަށް ގެންގޮސްގެން ނުވާނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020 ގެ 2 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީޚުގައި ބާއްވާ އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން އަލުން ފެށުމަށް އިޢުލާނުކުރާ ތާރީޚުން ފެށިގެން، ސަސްޕެންޝަން ބާޠިލްކުރެވޭ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު ގެ ދަށުން އަލުން ސަސްޕެންޑްކުރެވޭނެ ކަމުގައިވެސް ވަނީ ދަންނަވާފައެވެ.
މީގެ އިތުރުން މުވައްޒަފުންގެ ސަސްޕެންޝަން ބާޠިލްކުރެވޭ ތާރީޚުން ފެށިގެން އެ ފަރާތަކަށް ޙައްޤުވާ ރަމަޟާން މަހުގެ އިނާޔަތްތައް އެ ފަރާތަކަށް ލިބިދެވޭނެ ކަމުގައި އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ، ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި އެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ މެންބަރުން ހޮވުމަށް ބޭއްވޭ އިންތިޚާބަކަށް، ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ލޯކަލް ކައުންސިލެއްގެ މެންބަރުކަމަށް ކުރިމަތިލައިފި ނަމަ، އެ މީހަކު އެ އިންތިޚާބަކަށް ކުރިމަތިލާ ތާރީޚުން ފެށިގެން އެ މީހަކު ހުރި ސިވިލް ސަރވިސްގެ ވަޒީފާއިން ސަސްޕެންޑްވާނެކަމަށް ބަޔާންކޮށްފައިވާތީއެވެ.




