ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލަ ބަލަން ފަށައިފި

ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ވެލިދޫ ކަރަންޓީނު ފެސިލިޓީގައި މަސައްކަތްކުރާ ދެމީހަކާމެދު ޝަކުވާއެއް ހުށަހެޅި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

"ބަލަމުންދަނީ އެދެބޭފުޅުން ރޭގަނޑު އެކަހެރިކޮށް ބައްދަލުކުރިކަމުގެ ޝަކުވާ." ފުލުހުން ވިދާޅުވިއެވެ.

ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއް ނުބަލާކަމަށް ފުލުހުން މީގެކުރިންވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި، އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް މީހާ ދަންވަރު އެކަހެރިކޮށް، ބައްދަލުކުރިކަން އެނގި ފުލުހުން ތަހުގީގު ކުރަން ފަށާފައިވާކަމަށް ރާއްޖޭގެ ބޮޑެތި ބައެއް މީޑިއާތަކުން ރޭ މެންދަމު ވަނީ ރިޕޯޓްކޮށްފައެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަން ފަޅާ އެރީ، ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިންގެ މީހާގެ ކޮޓަރިން ޑޮކްޓަރު ނުކުތްތަން އެ ރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ.

ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހިންގަމުންދާ ކަރަންޓީނު ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭއިރު، އެތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދަނީ ދިވެހި ފުލުހުންނެވެ.

މިފަދަ ފެސިލިޓީތަކުގައި ތިބޭ އަންހެން ކުދިންނަށް، އެތަންތަނުގައި ތިބޭ ފިރިހެނުން ގުޅައި ފުރައްސާރަކުރާކަމުގެ އަޑުތަކެއް މީގެ ކުރިންވެސް މީސްމީޑިއާގައި ދެކެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ