މޯލްޑިވް ގޭހުން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައިފި އެވެ.
އިއްޔެ އިން ފެށިގެން ނަގުދު ފައިސާ ބަލައިގަތުން ހުއްޓާލައި 100 އިންސައްތަ ކޭޝްލެސް ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް މޯލްޑިވް ގޭސް އިން ވަނީ ބުނެފައެވެ. މިގޮތަށް ބަދަލުކުރީ ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެފަރާތުން ވަނީ ހަމާކުރައްވާފައެވެ.
މޯލްޑިވް ގޭހުން ދެން ފައިސާ ބަލައިގަންނަމުންދާނީ އޮންލައިންކޮށް ކަމަށް ވަނީ ބުނެފައެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް ދެ ގޮތެއް ކަސްޓަމަރުންނަށް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ވެބްސައިޓުން އޯޑަރު ކުރުމަށް ފަހު ވެބްސައިޓުން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފެއެވެ.
މޯލްޑިވް ގޭސް ގެ ހޮޓްލައިން ނަންބަރު 1616 އަށް ގުޅުއްވައިގެން އޯޑަރު ކުރުމުގެ ފުރުޞަތުވެސް ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ގުޅައިގެން އޯޑަރު ކުރާ ކަސްޓަމަރުން މޯލްޑިވް ގޭހުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ނަމްބަރު ކަމަށްވާ 770426484001 އަށް ފައިސާ ޓްރާންސްފާ ކުރެއްވޭނެ ކަމަށް މޯލްޑިވް ގޭހުން ވަނީ ހާމަކުރައްވާފައެވެ. އަދި ހޮޓްލައިން ނަންބަރަށް ގުޅައިގެން ކުރާ އޯޑަރުތައް ޕްރޮސެސް ކުރަން ފަށާނީ މޯލްޑިވް ގޭހުގެ 7021616 ނަންބަރަށް ފައިސާ ޓްރާންސްފާ ކުރި ސްލިޕް ވައިބާ މެދުވެރިކޮށް ފޮނުވުމުން ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
ކުރިއެކޭ ވެސް އެއްގޮތަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް މޯލްޑިވް ގޭހަށް ގޮސްގެން ވެސް އޯޑަރު ކުރެވޭނެ އެވެ. ނަމަވެސް ނަގުދު ފައިސާއިން ފައިސާ ބަލައި ނުގަންނާނެއެވެ.




