ފަތުރުވެރިކަން އަލުން ފެށުމުގެ ކެމްޕެއިން ޖޫން 8 ގައި

ފަތުރުވެރިކަން އަލުން ފެށުމުގެ ކެމްޕެއިން "ސަން ވިލް ސައިން އެގެއިން" ޖޫން 8 ގައި ފެށުމަށް ސަރުކާރުން ތައްޔާރުވާން ފަށައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް އޮންލައިންކޮށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިދާޅުވީ "މޯލްޑިވްސް، ދި ސަން ވިލް ސައިން އެގެއިން" ކެމްޕެއިން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވަނަ ދުވަހުގެ 20:00 ގައި ކަމަށެވެ. އެގަޑީގައި ފެށުމަށް ހަމަޖެހިފައިވަނީ ފޭސްބުކް ލައިވް އިވެންޓެކެވެ.

3 ގަޑިއިރަށް ކުރިޔަށްދާ މި ފޭސްބުކް ލައިވް އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްސޫރު ފިލްމީ ތަރިންނާއި ނުފޫޒުގަދަ ފަރާތްތަކާއި އާޓިސްޓުންގެ އިތުރުން ރާއްޖޭގެ ފޭނުން، އެ ބޭފުޅުންގެ ހިތުގައި ރާއްޖެ އަށް އޮތް ލޯތްބާއި އެމީހުންގެ ހަނދާންތައް ހިއްސާކޮށް އެ ބޭފުޅުންގެ މެސެޖު ދެއްވުމަށް ބައިވެރިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި އިވެންޓުގެ ބޭނުމަކީ ރާއްޖެ ސަލާމަތުން ޓޫރިސްޓުންނަށް މަރުޙަބާ ދަންނަވަން ތައްޔާރުވަމުން އަންނަކަން މުޅި ދުނިޔެއަށް އެންގުމަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި އިވެންޓުގައި ބައިވެރިވާން ބޭނުންވާ ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެމްއެމްޕީއާރްސީން ވަނީ ދޭން ބޭނުންވާ މެސެޖެއްގެ ވީޑިއޯ ފޮނުއްވުމަށް އެދިލައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީން ވަނީ 1 މިނެޓަށްވުރެ ދިގު ނޫން ވީޑިއޯ މެސެޖު ފޮނުއްވުމުގެ ފުރުޞަތު އޮތްކަން އެފަރާތްތަކަށް އަންގަވާފައެވެ.

ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާނީ ރައްކާތެރިކަން ކަށަވަރުކޮށް، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީ ކަމަށާއި އުއްމީދު ކުރައްވަނީ ތިން ވަަނަ ކުއާޓާރގައި ރާއްޖޭގެ ބޯޑަރު ހުޅުވާލެވޭނެ ކަމަށް ކަމަށް އަލީ ވަޙީދު ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފެށޭނެ 5 ހާލަތަކަށް ރާއްޖެ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެންމެ ގޯސް ހާލަތަކީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމެވެ. ނަމަވެސް ރާއްޖެއިން މަަސައްކަތް ކުރައްވަމުން ގެންދަވަނީ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވައި އޮކްޓޫބަރ މަހުގެ ތެރޭގައި ޓޫރިޒަމް އަލުން ފަށައިގަންނާށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ