ކޯވިޑްގެ އަސަރު ނެތް ރަށްރަށުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެގޮތް ހެދުމަށް އިދިކޮޅުން ގޮވާލައިފި

ކޯވިޑް-19 ގެ އަސަރު ނެތް ރަށްރަށުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަނުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާން މަސް ނިމުމާއި ގާތްވެފައިވާއިރު، މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާޢަތުގައި ނަމާދު ކުރުމާއި، ތަރާވީހު ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ކުރުން ފަދަ އަޅުކަންތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައި ވުމަކީ އެކޯލީޝަނުގެ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

"ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ހުރިހާ ރަށެއްގެ މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހިރައްޔިތުންނަށް އެކަމުގެ ސަބަބުން އަސަރު ކުރުވާ ކަމެއް." ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދިޔަނަމަވެސް، މި ވައިރަހުގެ އަސަރު އެއްވެސް މިންވަރަކަށް ކޮށްފައި ނުވާ ރަށްތައް
ރާއްޖޭގައި ހުރި އިރު، އެރަށްތަކުގެ މިސްކިތްތައް ބަންދުކޮށް، އެ ރަށްރަށުގެ މިސްކިތްތަކުގެ ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓުވައިގެން ތިބެންޖެހޭ ސަބަބެއް އޮތްކަމަށް ޤަބޫލެއް ނުކުރެވޭކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

"މީގެ ކުރިންވެސް މިކޯލިޝަނުން ގޮވާލާފައިވާފަދައިން، ކޯވިޑް19 ގެ އަސަރު ނެތް ރަށްރަށުގައި ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި ނަމަވެސް މިސްކިތްތައް ބޭނުން ކުރެވޭ ގޮތަށް ޢާންމުކޮށް ހުޅުވާލުމަށް ގޮވާލަން." ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެފަދައިން ހުޅުވާލެވޭ ރަށްތަކުގެ މިސްކިތްތަކުގައި، ކޯވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަން ޢާންމުކޮށް އެނގޭނެ ގޮތަކަށް އިޢުލާނު ކުރެވި، ސާފުތާހިރުވުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް މިސްތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާ ގޮތެއްގައި އިންތިޒާމުކުރެވި ހަމަޖެއްސުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ