ހއ އަތޮޅުން ވ އަތޮޅަށް 45 މޭލަށް ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ހއ އަތޮޅުން ވ އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށްފައިވެއެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 14:30 އިން ފެށިގެން މިރޭ 20:30 އާއި ދެމެދަށެވެ.
Alert White for heavy rain, thunderstorms and strong winds of 19-24 mph with gusts of 45 mph. pic.twitter.com/knSjhlugDE
— Maldives Meteorology (@MetMaldives) May 20, 2020
ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.



