ދަންވަރުގެ އެންމެ ހަމަހިމޭން ވަގުތެވެ. އޭ.ޑީ.ކޭ އެމަރޖެންސީ ރޫމްގައި ތިބީ ދެތިން ބަލިމީހެކެވެ. އެ މާޙައުލަށްވެސް އެވަގުތު ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ހާސްވާވަރުގެ ކޭސް އެއް ނެތުމުން އެވަގުތު ޑިޔުޓީގައި ތިބި ޑޮކްޓަރުންނާއި ނަރުހުންވެސް މަސައްކަތްކުރަމުން ދިޔައީ ހަމަޖެހިލައިގެންނެވެ.
މެންދަމު ދޭއް ޖަހާ އިރުކޮޅެއް ނުވެއެވެ. ކުއްލިއަކަށް އެމަރޖެންސީ ރޫމްތެރެ ގުގުމާލީ ތުއްތު ތުއްތު ޔޫނުސްގެ ވޭނީ ރުއިމުގެ އަޑުންނެވެ. އޭރު އެއް އަހަރުގެ ދަރިފުޅު މަސަލަސްކުރެވޭތޯ ޔާނާއާއި ދާނިޝް މަސައްކަތްކުރަމުން ދިޔައެވެ. ދަރިފުޅު ތެޅޭ ވަރުން ދާނިޝްއަށް އެ ކުޑަކުޑަ ކުއްޖާ ހިފަހައްޓާލުންވެސް ވީ އުނދަގޫކަމަކަށެވެ. އިރެއް އިރަކަށް ރުއިމުގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. ހީވަނީ ވަރަށް ބޮޑު ވޭނެއް ތަޙައްމަލުކުރަމުންދާހެންނެވެ. ވަގުތުން އެތަނުގައި އެވަގުތު އެންމެ އިސްކޮށް މަސައްކަތްކުރަމުން ދިޔަ ޑޮކްޓަރ ފައިސަލް، ޔޫނުސް ބެލުމަށް އަވަސްވެގަތެވެ. ޔާނާ ބުނިގޮތުންނަމަ ދަރިފުޅު ރޯންފެށީ ނިދާފައި އޮވެފައި ތެދުވެ ކުއްލިއަކަށެވެ. އޭގެ ކުރިން އެއްވެސް ކަމެއްގެ ޢަލާމާތެއް ނުފެނެއެވެ. ހޮސްޕިޓަލަށް ގެނައީ އެކި ގޮތްގޮތަށް މަސައްކަތްކޮށްކޮށްވެސް ހުއްޓާނުލުމުންނެވެ.
ލަސްތަކެއް ނުކޮށް ތަޙުލީލުކުރުމަށްޓަކައި ލޭގެ ސާމްޕަލް ފޮނުވުނެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމުގައި ޑޮކްޓަރ ފައިސަލް އަތުކުރި އޮޅާލިއެވެ. ނަމަވެސް ބައިގަޑިއިރެއްހާއިރު ރުއިމަށްފަހު ޔޫނުސްގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. ނޭވާވެސް ހުއްޓުނެވެ. އެ ތުއްތު ފުރާނަ މިދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ނިދާފައި އޮވެފައި ތެދުވެ، ޔޫނުސް ރޯންފެށި ހިސާބުން އެންމެ ފަހު ނޭވަޔާ ހަމައަށް ހޭދަވީ ތިން ގަޑިއިރެއްހާއިރެވެ. ދާނިޝްގެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު ކުއްލިއަކަށް ވަކިވެގެން ދިޔައީ މުޅި ޢާއިލާއަށް ސިހުން ގެނުވަމުންނެވެ. ވީގޮތެއްވެސް ނޭނގެއެވެ. އެހާ ކުއްލިގޮތަކަށް ކުޑަކުޑަ ކުއްޖަކު މަރުވެގެން ދިއުމުން ޑޮކްޓަރ ފައިސަލްވެސް ސަބަބު ހޯދަން ބޭނުންވިއެވެ. އެހެންކަމުން ޔޫނުސްގެ ތަޙުލީލުތަކުގެ ނަތީޖާ ހޯދާ ތަފްޞީލުތައް ބަލަމުންދިޔައެވެ.
ޔޫނުސްގެ ކުއްލި މަރަށްފަހު ހަ ގަޑިއިރު ނުވެއެވެ. އަނެއްކާވެސް އެމަރޖެންސީ ރޫމް ސަމާލުކަމަށް އަޔެވެ. ސާޅީސް އަހަރުގެ ޝާމިން މެދުނުކެނޑި ހޮޑުލަނީއެވެ. އެންމެ ފަހުން ހޮޑާއެކު ލޭވެސް އަންނަންފެށިއެވެ. ލޮލުންނާއި، ނޭފަތުންނާއި، ކަންފަތުންވެސްމެއެވެ. އެވަގުތު އެތަނުގައި ޑޮކްޓަރ ޙަސަންގެ އިތުރުން ޑޮކްޓަރ ފައިސަލްވެސް ޙަރަކާތްތެރިވަމުން ދިޔައެވެ. ހޮސްޕިޓަލަށް ގެނެވުނުތާ ގަޑިއެއްގެއިރު ނުވެއެވެ. ޝާމިން ފަހު ނޭވާ ދޫކޮށްލީ އެތާ ތިބި އެންމެންނަށް ސިހުން ގެނުވަމުންނެވެ. ދާދި ކައިރީގައި ކުއްލި ދެ މަރުވުމުން އެމަރޖެންސީ ރޫމްގެ ޑޮކްޓަރުންނާއި ނަރުހުން ތިބީ ކުއްލި ހައިރާންކަމެއްގެ ތެރޭގައެވެ. މާގިނައިރެއް ނުވެ ޝާމިންގެ ޢާއިލާ މީހުން އެމަރޖެންސީ ރޫމް ދޮރުމައްޗަށް ޖަމާވިއެވެ. ދެން ލިބުނީ އެއަށްވުރެ ބޮޑު ސިހުމެކެވެ. ރޭގައި ޔޫނުސްގެ މަރާއި ގުޅިގެން ހޮސްޕިޓަލަށް އެއްވި މޫނުތަކާއި، މިއަދު ފެންނަ މޫނުތަކަކީ އެއް މޫނުތަކެކެވެ. އާނއެކެވެ! ޝާމިންއަކީ ޔޫނުސްގެ ބޮޑުދައިތަގެ ފިރިމީހާއެވެ.
އެއް ޢާއިލާއަކުން ކުއްލި ދެ މަރު ވުމަކީ އާދައިގެ ކަމެއް ނޫނެވެ. ޓެސްޓްތަކުގެ ނަތީޖާއިން އެއްވެސް އާދަޔާ ޚިލާފު ކަމެއް ފެންނަން ނެތުމުން އެ މައްސަލަ ޕޮލިހުންނަށް ހުށަހެޅުނެވެ. ވަގުތުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި އެހެނިހެން އޮޕަރޭޝަނަލް ފުލުހުން ހޮސްޕިޓަލަށް ދުރުވިއެވެ.
ޝާމިން ނިޔާވީ ޔޫނުސް ވަޅު ނުލެވި އުޅެނިކޮށެވެ. ދެމީހުންގެ ކަށުކަމާކެމީގެ ކަންތަކުގައި ޢާއިލާ މީހުން އަވަދިނެތި އުޅެނިކޮށް ޝާމިންގެ އަނބިމީހާ ޒީނާއަށް ފޯނުކޯލެއް އަޔެވެ. އެކޮޅުން ބުނި އެއްޗެއްގެ އަޑުއިވުމުން ޒީނާ ވަރަށް ބާރަށް ހަޅޭލަވައިގަނެފައި އެނބުރުން އަރައިގަނެގެން ވެއްޓުނެވެ. އޭނާގެ ކޮއްކޮއެއްކައިރީގައި ބަހައްޓާފައި އައި ތިން އަހަރުގެ ދަރިފުޅު ޝީނާވެސް ކުއްލިއަކަށް މަރުވީއެވެ. ސައްވީސް ގަޑިއިރު ހަމަ ނުވަނީސް އެއް ޢާއިލާއަކުން ތިން މަރެވެ.
އެ ޚަބަރު ވެގެންދިޔައީ މުޅި ދިވެހި ރާއްޖެ ސިއްސުވާލި ޚަބަރަކަށެވެ. މެޑިކަލް ބޯރޑާއި، ހެލްތު މިނިސްޓްރީގެ އިތުރުން ފުލުހުންގެ ހާއްސަ ސަމާލުކަމަށް އެކަން އަޔެވެ. ސޯޝަލް މީޑިޔާ އާއި ޚަބަރު ފަތުރާ ވަޞީލާތްތަކުގައި މުޅިންވެސް އޮތީ އެވާހަކައެވެ.
ކަންތައްތައް ވެގެންދިޔަލެއް އަވަސްކަމުން ޢާއިލާއިން ތިބީ ހަދާނެ ގޮތެއް ނޭނގިފައެވެ. މިކަމުގައި ފޮރުވިފައިވާ ޙަޤީޤަތެއް އޮންނާނެކަން އެންމެނަށްވެސް އެނގެއެވެ. ތިން މީހުންގެ ފުރާނަ ނެތް މަސްގަނޑު ވަޅުލުމަށް ތައްޔާރުކުރެވެމުން ދިޔައިރު އެ މާޙައުލުން އެއް އަޑަކަށް އިވެމުން ދިޔައީ ރުއިމުގެ އަޑެވެ. އެވަގުތު އެތަނަށް ކުއްލިއަކަށް އައީ ފުލުހުންގެ ޓީމެކެވެ. އަދި ޢާއިލާގެ އިސް މެމްބަރުންނާ ވާހަކަ ދެއްކުމުގެ ހުއްދައަކަށް އެދިލެއްވިއެވެ. އެހެންކަމުން ދާނިޝްއާއި އޭނާގެ ބައްޕަ އެ ބޭފުޅުންނާއެކު އެކަހެރިވެލިއެވެ.
"ޢާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑުމެން ބައިވެރިވަން." ވާހަކަ ދެއްކީ ޓީމްގެ އިސް ވެރިޔާ ޒާހިދެވެ.
"އަޅުގަނޑުމެން މިހާރު ވާނީ ކުރިން ނެގި ސާމްޕަލްތައް އިތުރު ތަޙުލީލުތައް ކުރުމަށްޓަކައި ލެބޯޓްރީއަށް ފޮނުވާފަ. އަޅުގަނޑުމެން މިތަނަށް މިއައި އެންމެ ބޮޑު މަޤުޞަދަކީ މިކަމާ ގުޅުން ހުރި ހުރިހާ ވުޒާރާއަކުންވެސް ބޭއްވި ބައްދަލުވުމަކުން ނިންމުނު ކަމެއް ހިއްސާކޮށްލަން. އެކަމަކީ ތިޔަ ބޭފުޅުންގެ މައްސަލައެއް ނެތްކަމުގައިވާނަމަ ހުރިހާ ހަށިގަނޑެއް ޕޯސްޓް މޯޓަމް ހަދަން ގެންދިއުން. އަޅުގަނޑުމެން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން. އަޅުގަނޑުމެންނަށްވެސް އެނގޭ ޢާއިލާ ހުރިހާ ބޭފުޅުންވެސް މިވަގުތު ތިއްބެވީ ޝޮކެއްގައިކަން. އަދި ކުއްލިއަކަށް ތިން ފުރާނަ ވަކިވެގެން ދިއުމުން އެކަމުގެ ސަބަބު ހޯދަން ބޭނުންވާނެކަންވެސް. އެކަމަކު އެއީ ތިޔަބޭފުޅުންގެ ހުއްދަ އޮތްނަމަ." ޒާހިދު ވަރަށް މަޑުމޮޅިކަމާއެކު އޮޅުންފިލުވައިދިނެވެ.
ޢާއިލާގެ ބޮޑެތި އެންމެން މަޝްވަރާކުރުމަށްފަހު ތިން ހަށިގަނޑުވެސް ޕޯސްޓް މޯޓަމް ހަދަން ގެންދިއުމަށް ނިންމުނެވެ. އެއީ ސަބަބު ނޭނގި ތިއްބައި އަނެއްކާ އިތުރު ފުރާނައަކަށް ގެއްލުންވެދާނެތީއެވެ. އެންމެންގެ ރައްކަލަކަށްޓަކައެވެ.
މަރުތައް ތަޙުޤީގު ކުރުމަށްޓަކައި އެކުލަވާލެވުނީ އެކަމަށް އެކަށީގެންވާ ޢިލްމީ އަދި ތަޖުރިބާކާރު ބޭފުޅުން ހިމެނޭ ޓީމެކެވެ. ޓީމްގެ އެންމެ އިސް ވެރިޔަކީ ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޒާހިދު ޙަސަންއެވެ. އެބޭފުޅާއަކީ އިންވެސްޓިގޭޝަން ދާއިރާގައި ފަނަރަ އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. މަސައްކަތް ކުރެވެމުން ދިޔައީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. އެއްވެސް ކެމިކަލެއް ނުވަތަ ވިހަޔެއް ނަމަވެސް ހަށިގަނޑު ތެރެއަށް ގޮސްފައިވޭތޯ ބެލުމަށްޓަކައިވެސް ތަފާތު ޓެސްޓްތައް ހެދުނެވެ. ނަމަވެސް ނަތީޖާ ލިބުނު އިރު އެއްވެސް މައްސަލައެއް ނެތެވެ. ތިން މީހުންގެ އެއްގޮތްވާ އެއްވެސް ކަމެއްވެސް ނެތެވެ.
"މިއީ އަޖައިބެއްކަހަލަ ކަމެއްނު؟" ރިޕޯޓްތަކަށް ބަލަން ހުރެފައި ޒާހިދަށް ބުނެވުނެވެ.
"މިއީ ޤުދުރަތީ މަރުތަކެއް ނޫން! ކޮންމެވެސް ކަމެއް އެބަ އުޅޭ!" ޒާހިދުގެ ތަޖުރިބާގެ އަލީގައި ބުންޏެވެ.
ޓީމްގެ ޢަޒުމަކީ މިކަމުގައި ނުފުރޮޅާ އެންމެ ގަލެއްވެސް ނުބޭއްވުމެވެ. އެންމެ ފަހުން ހަށިގަނޑުގެ ގުނަވަންތަކުގެ ބައިތައްވެސް ޓެސްޓްކުރުމަށްޓަކައި ލެބޯޓްރީއަށް ގެންދެވުނެވެ. އެކަންކަމަށް ވަގުތު ނަގާނެކަން ޢާއިލާ އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން އެންމެންވެސް ކެއްތެރިކަމާއެކު މަޑުކޮށްގެން ތިބީ ސަބަބު އެނގޭނެކަމުގެ އުންމީދުގައެވެ.
(ނުނިމޭ)





2 Responses
ވަރައް ރީތި މި ވާހަކަ
Varah furihama.