މީގެ 1000 އަހަރު ކުރިން އިންޑިއާ ކަނޑުގައި ބިޔަ ސުނާމީއެއް އުފެދުނު ކަމަށް ކެނެޑާގެ ޑަލްހައުސީ ޔުނިވާސިޓީން ދާދި ފަހުން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު ކެނެޑާގެ ޑަލްހައުސީ ޔުނިވާސިޓީގެ ޑިޕާޓްމެންޓް އޮފް އެންވަޔަރަމެންޓް ސައިންސްގެ ޕްރޮފެސަރުންތަކެއް ވަނީ އިރުމަތީ އެފްރިކާ ބައްރުގެ އައްސޭރިފަށަށް ސުނާމިއެއްގެ ނުރައްކާ އޮތް މިންވަރާއި ގުޅޭގޮތުން ދިރާސާތަކެއް ކޮށްފައެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ޓީމުން ބުނެފައިވަނީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާ އަށް އައި ބާރުގަދަ 9.2 ގެ ބިންހެލުމުގެ ސަބަބުން އުފެދުނު ބިޔަ ސުނާމީ އިންޑިއާ ކަނޑުން ރާއްޖެ ހުރަސްކޮށް 5000 ކިލޯމީޓަރުގެ ރާސްތާއެއް ކޮށް އިރުމަތީ އެފްރިކާ ބައްރުގެ ގޮޑުދޮށާ ހަމައަށް ފޯރި ނަމަވެސް މިއީ މިފަދަ ބިޔަ ސުނާމީއެއް އިންޑިއާ ކަނޑުގައި އުފެދުނު ފުރަތަމަ ފަހަރެއް ނޫން ކަމަށް ބުނެފައެވެ.

އެގޮތުން މި ޓީމުން ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގައި އިރުމަތީ އެފްރިކާގެ އައްސޭރި ފަށުގެ ގައުމެއް ކަމަށްވާ ތަންޒޭނިއާގެ ޕަންގާނީ ބޭ ސަރަހައްދުން ނެގި ވެލީގެ ސާންޕަލް ތަކުން މީގެ 1000 އަހަރު ކުރިން ވެސް އިރުމަތީ އެފްރިކާ ބައްރަށް ސުނާމީއެއް އަރާފައިވާ ކަމުގެ ސާބިތު ހެކި ވަނީ ހޯދާފައެވެ. އަދި މި ސުނާމީގައި މަރުވި ކަމަށް ބެލެވޭ މީހުންގެ ކަށިތަކެއްވެސް ވަނީ ފެނިފައެވެ.
މީގެ އިތުރުން ތަންޒޭނިއާގެ ޕަންގާނީ ބޭގެ ސަރަހައްދުން ނެގި ވެލީގެ ސާޕަލްގެ ރޭޑިއޯކާބަން ޑޭޓިން އާއި ތައިލެންޑް , ރާއްޖެ, އިންޑިއާ , އޮމާން , އިންޑޮނޭޝިއާ, އަދި ދެކުނު ސްރީލަންކާއި ހޯދި ވެލީގެ ފަށަލައަކާއި ދާދި އެއްގޮތްވެ ދިމާވުމަކީ މި ސުނާމީ އޭރު މުޅި އިންޑިއާ ކަނޑަށް ފެތުރި ރާއްޖެވެސް ހިމެނޭގޮތަށް އިންޑިއާ ކަނޑުގެ ގިނަ ގައުމުތަކަށް އެރި ކަމުގެ ހެއްކެއް ކަމަށެވެ.
މީގެ 1000 އަހަރު ކުރިން އުފެދުނު ސުނާމީވެސް އުފެދުނީ 2004 ވަނަ އަހަރު ވެސް ބޮޑު ބިންހެލުމަކާއި އެކު ސުނާމީއެއް އުފެދުނު އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދުން ކަމަށް މި ޓީމުން ވަނީ ބުނެފައެވެ.
2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބާރުގަދަ ބިންހުމުގެ ސަބަބުން އިންޑިއާ ކަނޑުގައި އުފެދުނު ސުނާމީގައި 220,000 ވުރެން ގިން މީހުން މަރުވިއެވެ. ރާއްޖެއިން މި ސުނާމީގައި 82 ފަރާތެއް ނިޔާވި އިރު 40 މީހުން ވަނީ ގެއްލިފައެވެ.




