ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް މި މަސައްކަތް ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނާއި ބަންގްލަދޭޝްގެ ސަރުކާރު ގުޅިގެން ކުރިއަށްދާ މިމަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް އަރުވާފައެވެ. އަދި މިހާތަނަށް ފޮނުވާލެވުނު 1000 މީހުން ފޮނުވާލުމުގައިވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކަންތަކުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި އެ މިނިސްޓްރީގެ މުވައްޒަފުން ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވަނީ މިއަދު ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެއާއެކު ބަންގްލަދޭޝްގެ ސަރުކާރާއި، ފޮރިން މިނިސްޓްރީއިން ދެއްވާ އެހީތެރިކަމަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.



