އުސްމާނު އެރަށަށް އައިސް އުޅެނީ ޢީދަށް ކަމަށްވެ އެވެ. ރަށަށް އެރީއްސުރެ ގިނަ ބައެއްގެ ސަމާލުކަން އުސްމާނު ހޯދާފައި ވެއެވެ. އުސްމާނު މަގެއްގެ މަތިން ދާ ނަމަ އަންހެން ކުދިން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. މުސްކުޅިވަރުގެ މީހުންނަށް ފެނުމުން އެމީހުންގެ ހުހަށް ތިބި އަންހެންދަރިން މަތިން ހިތަށް އަރަ އެވެ. އެއިން ކުއްޖަކާއި އުސްމާނު ގުޅޭނެ ނަމައޭ ހިތަށް އަރަ އެވެ. ގޭގައި މީރު ކެއުން ހަދާފައި ކޮންމެ ދުވަހަކުހެން އުސްމާނަށް ދައުވަތު ދީގެން ބަލާ އަންނަ ކަމަށް ވެ އެވެ. އެގޭގެއިން އުސްމާނަށް މެހުމާންދާރީ އަދާކުރަނީ ހުހަށް ތިބޭ އަންހެންކުދިންނެވެ. އެކަމަކު އުސްމާނުގެ ހިތާއި ކުޅެލެވޭފަދަ އަންހެންކުއްޖަކާއި ދިމާ ނުވާކަމަށް ވެ އެވެ.
“ފާތުމާ! ބަލާބަލަ އެހެރަ ކަމެއް.” އައިސަ ސިއްރުން ވާހަކަދެއްކި އެވެ.
ފާތުމަ އޭރު ހުރީ ނަވަށް ކަޅި ހުއްޓާލައިގެންނެވެ. އެކުވެރިޔާގެ ވާހަކަ އިވުމުން އެމޫނަށް ބަލައިލި އެވެ. އިޝާރާތުން އައިސަ އެދައްކާ މަންޒަރެއް ބަލައިލަން އެދިމާއަށް މޫނު އަނބުރައިލި އެވެ. ފާތުމައަށް ފެނުނީ ކުރިން ދެކެފައިނުވާ ޒުވާނެކެވެ. ކަޅު ފޭއްޔަކާއިއެކު ހުދު ގަންޖުފަރާހެއްގައި ހުރި ޒުވާނާ އެރަށުން އާންމުކޮށް ފެންނަ މީހުންނަށްވުރެ އިސްކޮޅުން ދިގެވެ. ހަށިގަނޑުވެސް އެހާމެ ވަރުގަދަ ވައްތަރު ޖަހަ އެވެ. ޒުވާނާގެ ނަޒަރު ފާތުމަގެ މޫނަށް ހުރިކަން އެނގިގެން ކުޑަކޮށް ލަދުގަތެވެ. ފާތުމަގެ ނަޒަރު އަނެއްކާވެސް ދެން ހުއްޓައިލީ ނަވަށެވެ.
"އޭ ދެން ހިނގާ އެކޮޅަށް ދަމާ. އިރުކޮޅަކުން ކޯޑި ކެނޑުން ފެށޭނެއެއްނު." ފާތުމަ ތިރިބަލަން ހުރެގެން އައިސައަށް ބުނެލި އެވެ.
އައިސަ ޖަވާބު ނުދިނުމުން ބަލައިލިއިރު ރާ ވެފައި ހުރީ އުސްމާނަށް ބަލަހައްޓައިގެންނެވެ. ރަށުގެ އެހެން ކުދިންނެކޭ އެއްފަދައިން އައިސަވެސް އުސްމާނުގެ ރީތިކަމުގެ ޖާދޫގައި ޖެހިއްޖެ އެވެ. ފާތުމަ ކުޑަކޮށް ކަރުކެހިލި އެވެ. އެވަރުން ވެސް ނޭނގުމުން އަތުގައި ވިކައިގަތެވެ.
"އަންމާ އައްދިއްޔޯއި!" އައިސަ ހޭރިގަތެވެ.
ފާތުމަ އިތުރު އެއްޗެއް ނުބުނެ އައި ދިމާއަށް ހިނގައިގެންފި އެވެ. އެމީހުން ފަސްދިންއިރު ވެސް އުސްމާނުގެ ޝައުޤުވެރި ދެލޯ ހުރީ އެދިމާއަށެވެ.
***
ނާ ބަލައި ނިމުނުއިރު އެންމެން އެއްވަމުން ދިޔައީ ރަށުގެ އުތުރު ފަރާތުގައި އޮންނަ ކުޅޭ ބިމަށެވެ. ކުޑަސޮރު މަންމަ ހޯދަން ރޯތީ ފާތުމައަށް ޖެހުނީ އެނބުރި ގެއަށް ދާށެވެ. އެކަމަކު ކުޑަ ކަނބުލޮ ހުރީ ގެއަށް ދާ ގޮތަކަށް ނޫނެވެ. އެހެން ގޮތެއް ނެތުމުން އައިސައާ ކުޑަ ކަނބުލޮ ހަވާލުކޮށްފައި ފާތުމަ ދިޔަ އެވެ.
އައިމިނަ އޭރުވެސް ގެއަކުން ނުނިކުމެ އެވެ. ފާތުމަ ގޮސް ކުޑަސޮރު ހަވާލުކޮށްފައި މަންމަ ހޯދަން ދިޔަ އެވެ. ދަލޭކަ އުޅެނީ ބަދިގޭގަ އެވެ. ފާތުމަ ބޯދިއްކޮށްލައިފައި ކުޅޭ ބިމަށް ދާ ވާހަކަ ބުނެލި އެވެ. ދަލޭކަ ޖަވާބުދިނީ ލަސްނުކޮށް އެނބުރި އަންނަން ބުނެފަ އެވެ. ފާތުމަ ބޯ ޖަހައިލި އެވެ.
އެނބުރި ދިޔައިރު ރަށުގެ ގިނަ ބަޔަކު ކުޅޭ ބިން ކައިރިއަށް އެއްވެއްޖެ އެވެ. ކުދި ބޮޑު މީހުންނާއި މުސްކުޅިންނެވެ. ޒުވާނުންނާއި ފުރާވަރުގެ ކުދިންނެވެ. ކުޅޭ ބިމުގެ މެދުގައި ކޯޑި ހިފައިގެން އެކަކު ނަށަމުން ދިޔަ އެވެ. ދެންތިބި މީހުން އެމީހާ ވަށާލައިގެން ތިބެ ނަށަނީ އެވެ. ކޮންމެ މީހަކު އަނދެގެން ހުރީ ޗާލު ފޭއްޔެކެވެ. ބޮލުގައި ހުދު ފޮށައެވެ. ކޮނޑާއި އުޅަބޮށްޓާއި ދެމެދު ބަޑިއެއް އޮތެވެ.
ފާތުމަގެ ނަޒަރު ހުއްޓުނީ ކާސިންކަލޯ އަށެވެ. އިސާހިތަކު އެމޫނަށް ރަތްކަމެއް ވެރިވި އެވެ.
ކޯޑި ނަށާފައި އެބައިމީހުން ކޯޑި ގެންގޮސް ރުކަށް އެރުވުމުގެ މަސައްކަތް ފެށި އެވެ. އަންހެންވެރީންގެ ތެރެއިން ތަންކޮޅެއް ކެރޭ ދެތިން މީހަކު ނިކުމެ އެމީހާ އެރިޔަ ނުދޭން އުޅުނެވެ. އެކަމަކު އާޙިރުގައި ކުރި ލިބުނީ ފިރިހެންވެރީންނަށެވެ. އެހުރިހާ ކަމެއް ވެނިމުނުއިރުވެސް އަތްތިލަބަޑީގެ އަޑެއް ނުކެނޑެ އެވެ. ތަރުހީބު ދިނުމަށް ލަވާ ހަޅޭކާއި ހޭ އަޑު އިވިއިވި ހުއްޓެވެ.
ފާތުމަ އައިސް ގެއަށް ވަދެފައި ސިއްސައިގެން ދިޔަ އެވެ. ބޮޑު އުނދޯއްޔަށް އަރައި ހެއްލަން އިނީ ދެވަނަ ދެމީހެއް ނޫނެވެ. ކާސިންކަލޯ އެވެ. ކޯޑި ނެށުމަށް އަޅާފައި ހުރި ހެދުމާއި މޫނުގައި ޖަހާފައި ހުރި ހުދު ފުއްވެސް އެހުރި ގޮތަށް ހުއްޓެވެ. ފާތުމަ ކަންބޮޑުވެގެން ދެއަތް ދެއަތާއި އުނގުޅާލައިފައި އަރާ ހަމަވިތަނާ އިތުރު ހަތަރު މީހުން އަންނަތަން ފެނުނީ ގެއާ ދިމާއިންނެވެ. އެމީހުން އައިސް އުޅެނީ އީދު ބޮނޑި ކާންވެގެންނެވެ. ފާތުމައަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެކަމަކު ހިތް މުޅިން ހަމައަކަށް ނޭޅެ އެވެ.
ގޭތެރެއާ ދިމާއަށް ދިޔައިރު ކައިރިންދިޔަ ހުރިހާ ފިރިހެނުންގެ ނަޒަރު ހުރީ އެސޫރައަށެވެ. ކާސިންކަލޯއަށް ދުރުގައި ބަލަން އިނދެވުނީ ކިރިޔާ އެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމަށްޓަކައި ހިފެހެއްޓީ އުނދޯލީގެ ފަލަ ވަލުގަ އެވެ.
މަންމަ ގޭތެރޭގައި އުޅެ އެވެ. ފާތުމަ ގޮސް ފޮތިގަނޑު ހިއްލާލައިފައި ވަނީ އެތެރެ ގޭތެރެއަށެވެ. އައިމިނަ އަރާ އޮތީ ފާތުމަ ނިދާ އެނދުގަ އެވެ. ކުޑަސޮރު ކައިރީގައި އޮވެ ބުއް ބޮއިގެން ނިދިފައި އޮތެވެ. ފާތުމަ ގޮސް އިށީންދެލީ މަންމަ އޮންނަ ރޯނު ފުރި އެނދުގަ އެވެ. މަޑުމަޑުން ތިރިވެ ކަންނޭލުގައި ބޯއަޅައިގެން އަރިއަކަށް އޮށޯވެލި އެވެ. ކާސިންކަލޯގެ ތޫނު ނަޒަރުން ރަތްވި މޫނު އަދި ވެސް ހުރީ އެގޮތުގަ އެވެ. އެކަނިވުމުން ފާތުމައަށް ހިނިތުންވުމެއް ނުފޮރުވުނެވެ.
***
މެންދުރު ކެއްކި ގަޑީގައި އައިމިނަ ވެސް ނިކުމެ އުޅުނެވެ. ކުޑަސޮރު އުޅުނީ ކުޑަ ކަނބުލޮއާއެކު ކުޅޭށެވެ. ފާތުމަ ފަދައިން އައިމިނަ ވެސް މަންމައަށް އަތް ގާތްކޮށްދިނެވެ. ފިރިހެންވެރިން ނަމާދުން އައީ ސަލަވާތްފުޅު ކިޔަވާނެ އިތުރު ދެތިން މީހަކު ގޮވައިގެންނެވެ. އޭރު ފާތުމައާ އައިމިނަ އުޅުނީ ބޮޑު އަށި މައްޗަށް ކާއެއްޗެހި ނެގުމުގަ އެވެ.
"ދަލޭކާ ކޮބާ ކެކިއްޖެތަ؟ އަހަރެން މިއައީ ސޮލަވާތްފުޅު ކިޔަވާނެ މީހުން ގޮވައިގެން." ކަތީބު އައިސް ބަދިގެ ދޮރުން ބޯދިއްކޮށްލި އެވެ.
ދަލޭކަ އިނީ އުނދުން މަތީ ހުރި ތެއްޔަކުން ތަށްޓަކަށް ރިހަ އަޅާށެވެ. ފިރިމީހާގެ އަޑު އިވުމުން ހިންދެމިލާފައި ތެދުވި އެވެ. އެވަގުތު ފާތުމަ ގެއިން ނިކުމެގެން އަތުވެއްޖެ އެވެ. ބައްޕަ ފާތުމަ ވަންނަން ތަން ދައްކާފައި ދުރަށް ޖެހިލުމުން ދޮރުމަތީ ހުއްޓުނެވެ.
"ކެކިއްޖެ މިހާރު ތަށިމަތި ތައްޔާރުވަނީ. ކުޑައިރުކޮޅެއް ވާނީ." ދަލޭކަގެ އަތުގައި ހުރި ބޯތަށި ފާތުމައަށް ދެމުން ޖަވާބުދިނެވެ.
ފާތުމަ އެހިފައިގެން ގޮސް އެނބުރި ގެއަށް ވަދެއްޖެ އެވެ. އައިމިނަ ހުރީ ތަށިތައް އެތުރުމުގަ އެވެ. ޞަލަވާތް ކިޔަވާ މީހުންނަށް ތަން ހުސްކޮށްފައި ދެވެރިން ދެން ވަނީ އެތެރެގޭތެރެ އަށެވެ. ކުޑަ ދެކުދިން އޭރު އެތަނުން އެނދެއްގައި ކުޅެން ތިއްބެވެ.
އިރުގަނޑެއް ފަހުން ދަލޭކަ ގޮވާ އަޑު އިވުނެވެ. އޭރު ފާތުމަ އިނީ ކުޑަސޮރު ނިންދަން އުނގަށް ލައިގެންނެވެ. ދެބެން ނަޒަރު ބަދަލުކޮށްލައިފައި ބޭރަށް ނިކުތީ އައިމިނަ އެވެ. ދަލޭކަ ހުރީ ވިސްނަފައްޗެއް ހިފައިގެން މެހި ފައްސާށެވެ. އައިމިނަ ފެނުމުން ގޮވާލައިފައި ނިމުނު މީހުން އަތްދޮވެ ދޭން ދިއުމަށް އެދުނެވެ. އައިމިނަ ބޯ ޖަހާލައިފައި ގޮސް ނިކުތެވެ. ބޭރު ގައި ހުރި އަށްޓެއްގެ މަތީ ހުރި ފެންކުރާ ނަގައި ދޮރާއި ދިމާއަށް ނަޒަރު ހުއްޓައިލި އެވެ. އެވަގުތު އެދޮރުން ފުރަތަމަ ނިކުތް މީހާ ފެނިފައި ގަނޑުވި އެވެ.
އިދުރީސް އައިސް ހުއްޓުނީ އައިމިނަގެ ކުރިމައްޗަށެވެ. އެދެލޯ އައިމިނަގެ މޫނަކުން ނުނެއްޓެ އެވެ. އެވަގުތު ހިޔާލުތައް ދަތުރުކޮށްފައި ދިޔައީ މާޒީ އަށެވެ. ދެމީހުންގެ ލޯބީގެ ރަން ދުވަސްވަރުގެ ހަނދާންތަކާއި ދިމާއަށެވެ. އެދެމީހުންނަށް ނުގުޅެވުނީ ކަތީބު އެގުޅުމާއި ނުގަބޫލު ވެގެންނެވެ. އައިމިނަ އަކީ މައިންބަފައިންގެ ބަސްއަހައިގެން އުޅުނު ކުއްޖެކެވެ. އެހެންވެ ހިތާއި ދެކޮޅަށް އިދުރީހަށް ވަދާޢު ކިޔާފައި ހަސަނުގެ އަތުގައި ހިފީ އެވެ. އައިމިނަގެ ކައިވެންޏަށް ދެއަހަރު ވާން ކައިރިވެފައި ވާއިރު އިދުރީސް ހުންނަނީ ހުހަށެވެ.
ހިޔާލީ ވާފަށް ކަނޑައިގެން ދިޔައީ އެތެރެއިން މީހަކު ކެއްސައިގަތް އަޑަށެވެ. އައިމިނަ އަވަހަށް އިސްޖަހައިލި އެވެ. އިދުރީސް އެތާހުރި ތައްޓާއި އަތް ދިމާ ކުރުމުން އައިމިނަ ފެން އަޅައިދޭން ފެށި އެވެ. ދުރުން މީހަކު އަންނަހެން ހީވެގެން އައިމިނައަށް ބަލައިލެވުނެވެ. އޭރު ހަސަނު އެގޭ ފޫޓުން އެތެރެއަށް ވަންނަނީ އެވެ. އައިމިނަ ވަގުތުން ފެންކުރާ އަށިމަތީ ބަހައްޓާފައި ހަރުކޮށް ހިނގައިގެންފި އެވެ. ގޭގެ ދޮރާއި ހަމައިން ދިމާވީ ދަލޭކައާ އެވެ. އައިމިނަ މަޑެއް ނުކުރެ އެވެ. އަވަހަށް ދޮރުން ދެމިގެންފައި ގޮސް އެތެރެ ގޭތެރެއަށް ވަދެއްޖެ އެވެ.
ދަލޭކައަށް ފެނުނުއިރު ހަސަނާއި އިދުރީސް ދެކޮޅުގައި އެކަކު އަނެކަކަށް ބަލަން ތިއްބެވެ. ދަލޭކައަށް ޖެހުނީ ފުރަތަމަ ކަރުކެހިލާށެވެ. ފެނުނު މަންޒަރުން ފަސޭހައެއްކޮށް އަޑެއް ނުނިކުތެވެ.
"ދޭ އުނދޯއްޔަށް ދުފާލަން!" ދަލޭކަގެ އަތުގައި ހުރި ދުފާ މަޑިސީލަ އިދުރީހަށް ދިއްކޮށްލި އެވެ. "ނުއެއް ދޮހާނަން މިހާރަކު." އިދުރީސް މަނާވެގަތެވެ. ދަލޭކަ ބޯޖަހައިލުމުން އެނބުރިފައި ހިނގައިގަތީ ފޫޓުން ނިކުންނާށެވެ. ދަމުން ހަސަނަށް ބަލައިލި އެވެ.
"ހަސަނާ. އާދޭ ކާން!" އިދުރީސް ނިކުތުމާއިއެކު ދަލޭކަ މުޚާތަބު ކުރީ ހަސަނާ އެވެ. ހަސަނު އަތް އުފުލާލައިފައި ބޮލުގައި އުނގުޅައިލި އެވެ. "ކައިގެން މިއައީ."
"އެހެންވިއްޔާ ދުފާލަން ވީނު." ދަލޭކަ ބުނެލި އެވެ.
ހަސަނު އެންމެ ރަނގަޅޭ ބުނެފައި ދުފާފޮށި އަތުލައިގެން ގޮސް އުނދޯއްޔަށް އަރައިފި އެވެ. އެހިސާބުން ދަލޭކަ އަނބުރާލައިފައި ވަނީ އެތެރެއަށެވެ.
ކައިގެން ނިކުތް ބައިގަނޑު ހަސަނާއި ބައިވެރިވެގެން އުނދޯލީގައި ތިބެ ދުފައިގެން ދިޔަ އެވެ. ދަލޭކަ އެތެރެއަށް ވަދެ ކިޔާ އާދޭސްކޮށްގެން ވެސް އައިމިނަ ކަހާތަން ހިރުވައިވެސް ނުލި އެވެ. ގޭގައި މޫސާދީ އުޅޭތީ އަލިކަތީބު އިނީ އެއްޗެކޭ ބުނަން ނުކެރިފަ އެވެ. ބަފާބެއާއި އެކުވެރިޔާ ދައްކާ ވާހަކަ އަހަން އިނުމަށްފަހު ހަސަނު ހުއްދަ އަތުލައިގެން ނިކުތީ އެވެ. ދަލޭކަ އޭރު ދުރުގައި ތަށިތައް ދޮންނަން އިނެވެ. ހަސަނު ދިޔަތަން ބަލައިލާފައި އެނބުރުނުއިރު ކަތީބުގެ މޫނާއި ނަޒަރު ސީދާވި އެވެ. ބަހެއް ނުބުންޏެއް ކަމަކު އަލިކަތީބު ހިތްހަމަނުޖެހިފައިވާ މިންވަރު ދަލޭކައަށް ނަގައިގަނެވުނެވެ.
އަލި ކަތީބު ހިތްހަމަނުޖެހިއްޖެނަމަ ފުރަތަމަ ކުރާނެ ކަމަކީ ގެއިން ނިކުމެގެން ދިއުމެވެ. އަލީ އެކަމާއި ކުރިމަތި ލުމުގެ ކުރިން ދަލޭކައަށް ހައްލުވެއްޖެއްޔާ ކިތަންމެ ތަނެއް ރަނގަޅުވާނެ އެވެ. ނޫނީ ފަހުން އަންނަ ކޮޅިގަނޑުގެ ވައިބާރު ވާނެ އެވެ.
"ދޮންދައިތާ!" ދަލޭކަ ނިކުމެގެން ދިއުމުން ފާތުމަ ދައްތައަށް ގޮވައިލި އެވެ.
ބޭރުތެރެއިން އަޑުފަތް ކެނޑުމުން ގެ ހުސްވީ ކަން ފާތުމަ ދެނެގަތެވެ. އޭރު އައިމިނަ އަރާ އޮތީ ދަލޭކަމެން ނިދާ ރޯނުފުރި އެނދުގަ އެވެ. ކައިރީގައި އޮތް ކުޑަ ސޮރަށް ބަލާލައިފައި ފާތުމަ ތެދުވެ އިށީނެވެ. އައިމިނަ އޭރު އެނދު ބިތްދޮށަށް އެނބުރި އޮތްގޮތަށް އޮތެވެ. އައިމިނަގެ ފުށުން ޖަވާބެއް ނައުމުން ފާތުމަ ގަސްތުކުރީ އެތަނަށް ދާށެވެ.
އަދިވެސް އެއްފަހަރަށް ކުޑަ ސޮރަށް ބަލާލައިފައި ފާތުމަ ދިޔަ އެވެ. އައިމިނަގެ ކޮނޑުގައި އަތުން ހިފާލައިފައި އަނބުރާލުމުން ސިހުމެއް ލިބުނެވެ. އައިމިނަ ރޮނީ އެވެ. ލޮލުން ކަރުނަތައް ފޭދިގެން އާދެ އެވެ.
"ދޮންދައިތަ ތިގޮތަށް ކަންތައް ކުރީމަ ހަސަންބޭ ކިހާ ދެރަވާނެ. މަންމަ ބުނާހެން ބަސްގަބޫލުކޮށްފަ ދެން ގެއަށް ދާންވީނު." ފާތުމަ ވާހަކަދެއްކި އެވެ.
އައިމިނަ އެވަގުތު ކޮއްކޮގެ އަތް ފޮޅުވާލައިފައި އަނެއްކާވެސް އެނބުރުނީ އަނެއް ފަރާތަށެވެ. ފާތުމަ އިރުކޮޅަކު އެތާ އިދެފައި ބޭރަށް ނިކުތެވެ. މޫސާދީމެން ދެމީހުން ގެއިން ދިއުމުން ދަލޭކަ އިނީ އުނދޯލީގަ އެވެ. އެމޫނުމަތިން ފިކުރު ބޮޑުވެފައި އިން ކަމުގެ އަލާމާތްތައް ފެންނަން ހުއްޓެވެ. ފާތުމަ މަންމާއޭ ގޮވައިލުމުން ދަލޭކަ ބަލައިލި އެވެ. ކާންވީދޯއޭ ބުނުމުން ފާތުމަ ބޯޖަހައިލި އެވެ.
ދެމައިން އައިސް އެތެރެއަށް ވަދެފައި ބޮޑުއަށިމަތީ ތިބެ ކާން ފެށި އެވެ. އައިމިނައަށް ގޮވުމުން ވާހަކައެއް ނުދެއްކި އެވެ. އެހެންވެ އައިމިނަ ބޭނުން އިރަކުން ތެދުވާން ދޫކޮށްލީ އެވެ.
މިދެމައިން ކައިގެން އަތް ދޮންނަން ނިކުތްއިރު އަލިކަތީބުގެ ހުނުމުގެ އަޑު އިވުނީ އުނދޯއްޔާއި ވީ ފަރާތުންނެވެ. ލިބުނު ހައިރާން ކަމުގައި ދެމައިންނަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. އެހާ ނުރުހިފައި ދިޔަ މީހަކު އެހާ އަވަހަށް ހިނި އައި ސަބަބެއް ހޯދަން ބޭނުންވި އެވެ. ފުރަތަމަ ގޮސް ބޯދިއްކޮށްލީ ފާތުމަ އެވެ. ފާތުމަ ހައިރާންކޮށްލީ އުނދޯލީގައި އިން ނުދަންނަ މީހެކެވެ. ދެން އިނީ އުސްމާނެވެ. ފާތުމައަށް އުސްމާނު ފާހަގަ ވި އެވެ. ފާތުމަ ބެލީ ބަފައަށް ނުފެންނަނީސް އެތެރެއަށް ބޯ ދަމައިގަނެވޭތޯ އެވެ.
"ފާތުމާ އައިސްބަލަ!" ބަފައަށް ފާތުމަ ފެނިއްޖެ އެވެ.
ފާތުމައަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. އެތަން ފެނުނީ އުސްމާނަށެވެ. އުސްމާނު ގާތަށް ހިނި އައެވެ. އެކަން ފޮރުވާން އުސްމާނު ކުރިކަމަކީ އިސްއޮބައިލުމެވެ.
"މި އަންނަނީ." ފާތުމަ ޖަވާބުދީފައި ނިކުމެއްޖެ އެވެ.
ގޮސް ކައިރިއަށް ހުއްޓުމާއެކު އުސްމާނު ފަދައިން ދެން އިން މީހާވެސް ފާތުމަގެ ފައިންފެށިގެން ބޮލަށް ނަޒަރު ހިންގައިލި އެވެ.
"އާދަނާ! މީ އަހަރެންގެ ފާތުމައަކީ. ފިސާރި ރަނގަޅު ވާނެ. އެހާ މުރާލި ވާނެ. ގޭގައި ޖެހޭ ހުރިހާ ކަމެއް ކުރަން ދަސްކޮށްދީފަ ހުންނާނީ." އަލިކަތީބު އަމިއްލަ ދަރިފުޅުގެ ތައުރީފުގައި ވާހަކަދެއްކި އެވެ.
ފާތުމަ ހުރީ ރަކިވެފަ އެވެ. ކުރިމަތީ ނުދަންނަ ދެމީހުން ބަހައްޓައިގެން ބައްޕަ ތައުރީފް ކުރާތީ އެވެ. ނުވިތާކަށް އެދެމީހުންގެ ނަޒަރު ހުރީ ޚުދު އޭނާ އަށެވެ. އަލިކަތީބު ދެން ބުނީ މަންމައަށް ގޮވާށެވެ. ފާތުމަ ބޯ ޖަހާލައިފައި އަވަހަށް ގޮސް އެތެރެއަށް ވަދެއްޖެ އެވެ. އިރުކޮޅަކުން ދަލޭކަ ނިކުތެވެ.
"ކޮންބައެއްތަ ގެއަށް އައިސް އުޅެނީ؟" ފާތުމަ ވަދެ އެނދުގައި އޮތްވާ އައިމިނަ ތެދުވެފައި އެހި އެވެ.
"ނޭނގެ. ކޮންމެވެސް ރަށެއްހެ ދެމީހުން. އެކަކީ ބައްޕަމެން އުމުރު މީހެއް. ދެން ހުރީ ޒުވާނެއް. އެޒުވާނާ އަހަރެން މިއަދު ދުށިން ނާ ބަލަން ނިކުމެ ހުއްޓާ." ފާތުމަ ކިޔައިދިނެވެ.
އައިމިނަ އޭރު ތެދުވެ އިނީ ކުރިއަށްވުރެ ހަމަޖެހިފަ އެވެ. އެކަމަކު ދެލޯ ހީވަނީ ރަތްކަމުން އަގުރުކޮޅެއް ހެންނެވެ. ރޮއިރޮއި ހުރިހާ ލޭނާރުތައް ހުރީ ހިލިފަ އެވެ.
"ކީއްކުރަން އައި ބައެއް؟" އައިމިނަ އިތުރަށް އެހި އެވެ.
ފާތުމަ އޭގެ ޖަވާބުގައި ދެންމެ ވީ ކަންކަން ކިޔައިދީ ނިންމައިލި އެވެ. އައިމިނަ ހިމޭނުން އިނދެފައި ބުނީ އެމީހުން އެއުޅެނީ ފާތުމަ ކަމުގޮސްގެން އިންނަން އައިސް ކަމަށެވެ. އެއަޑު އަހާފައި ފާތުމަގެ މެއަށް ހީވީ ފިނި ފެން އެއްޗެއް އޮއްސައިލެވުނު ހެންނެވެ. އެހެނެއް ނުވާނެއޭ ކިޔާފައި އިންތަނުން ފުންމައިގެން ތެދުވެވިއްޖެ އެވެ. ކޮއްކޮއަށް މިވީ ގޮތުން އައިމިނަގެ ހިތުގައި ޝައްކު ހިނގާލި އެވެ.
އައިމިނަ ތެދުވެފައި ފާތުމަގެ އަތުގައި ހިފެހެއްޓި އެވެ. ފާތުމަ ފުރަގަސްދީގެން ހުރުމުން ކޮނޑުގައި ހިފާ މަގަތަށް އަނބުރައިލި އެވެ. އެވަގުތު އައިމިނަ ސިހުނެވެ. ކޮއްކޮ ރޮނީ އެވެ. ވެގެން އުޅޭ ގޮތް ބުނެދޭން އައިމިނަ އެދުނެވެ. ފާތުމަ ރޮވިފައި ހުރެގެން އެހީ އައިމިނަ ކުރިން ބުނީ ރަނގަޅު ވާހަކައެއްތޯ އެވެ. އަދި ބައްޕަ އެމީހުންގެ އެދުމާއި ރުހި ގަބޫލުވެދާނެތޯ އެވެ.
"ކޮއްކޮގެ ތިހާލަތަށް ބަލާފަ މިހެން ބުނަން ދެރަވޭ. އެކަމަކު ތެދެއް މީ. އެމީހުންނަކީ އަހަރެމެން މައިންބަފައިން ހިތްހަމަޖެހޭ ބަޔަކަށް ވަންޏާ ރުހޭނެ. އަދި ކޮއްކޮ ނުރުހުނަސް ކައިވެނި ކުރެވޭނެ. ދޮންދައިތައަށްވެސް ވީ އެހެން. ދޮންދައިތަ އިންނަން ބޭނުންވީ އިދުރީހާ. އެކަމަކު ޖެހުނީ ދުރަށް ދާން." އައިމިނަ ފެންކަޅިވެފައި ހުރެގެން ކިޔައިދިނެވެ.
ފާތުމަގެ ދެފައިކޮޅުން ވާގި ހުސްވާހެން ހީވުމުން އެނދަށް ޖެހިގަނެވުނެވެ. އެއިށީންގޮތަށް ގަބުވެފައި އިނެވެ.
"އަހަރެން އިންނަން ބޭނުމީ ކާސިންކަލޯއާ. ކާސިންކަލޯ މިހާރު އަހަރެން ކައިރީ އިންނަންވެސް އަހައިފި. އަހަރެން އާބަސް ބުނެފިން." ފާތުމަ ކަރުނައިގެ ތެރެއިން ބުނެލި އެވެ.
"ދެން ރަނގަޅުވާނީ ތިކަންތައް ހަނދާން ނައްތާލިއްޔާ. " އައިމިނަ ޖަވާބުގައި ބުނެލި އެވެ.
ފާތުމަ ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ.
***
އަޞުރުން ތިރިވީއިރު ހަތަރު ފަރާތުން ވިލާތައް އައިސް އުދަރެސް ވަށައިލި އެވެ. މެންދުރުގެ އަވީގައި ވެސް ރަށުތެރެއަށް ހީވަނީ ހަވީރު ވެފައި އޮތް ހެންނެވެ. ކަނޑުން ފޮނު އަރަ އެވެ. ވައިގަދަ ކަމުން މީހާ އުދުހިގެން ހިނގައިދާނެ ކަހަލަ އެވެ. އެކަމަކު ރަށުތެރޭގައި ކުޅިވަރުގެ ފޯރި ދިޔައީ ގަދަވަމުންނެވެ. އެންމެން އަޞުރަށް ދިޔަ ގަޑީގައި އަންހެންވެރިންގެ ތެރެއިން ބަޔަކު ބުނެގެން ސޮރަކު ކޯޑި ބޭލީ އެވެ. އެކަން ކުރި މީހަކު ހޯދަން ފިރިހެންވެރިން ނުކުރާ ކަމެއް ނެތެވެ. އެންމެފަހުން ކުރި ކަމަށް މިވީ މުދިން ކަލޭގެ ދަރި ތަކުރެވެ. ތަކުރު މޮއްޓައިލީ ހިތާވެގެން އުޅޭ އަންހެންކުއްޖާ އެވެ.
(ނުނިމޭ)