އަޞުރުން ތިރިވީއިރު ހަތަރު ފަރާތުން ވިލާތައް އައިސް އުދަރެސް ވަށައިލި އެވެ. މެންދުރުގެ އަވީގައި ވެސް ރަށުތެރެއަށް ހީވަނީ ހަވީރު ވެފައި އޮތް ހެންނެވެ. ކަނޑުން ފޮނު އަރަ އެވެ. ވައިގަދަ ކަމުން މީހާ އުދުހިގެން ހިނގައިދާނެ ކަހަލަ އެވެ. އެކަމަކު ރަށުތެރޭގައި ކުޅިވަރުގެ ފޯރި ދިޔައީ ގަދަވަމުންނެވެ. އެންމެން އަޞުރަށް ދިޔަ ގަޑީގައި އަންހެންވެރިންގެ ތެރެއިން ބަޔަކު ބުނެގެން ސޮރަކު ކޯޑި ބޭލީ އެވެ. އެކަން ކުރި މީހަކު ހޯދަން ފިރިހެންވެރިން ނުކުރާ ކަމެއް ނެތެވެ. އެންމެފަހުން ކުރި ކަމަށް މިވީ މުދިން ކަލޭގެ ދަރި ތަކުރެވެ. ތަކުރު މޮއްޓައިލީ ހިތާވެގެން އުޅޭ އަންހެންކުއްޖާ އެވެ.
މޫސުން ކިތަންމެ ގޯސްވެފައި ވިއަސް މިސަކަރާތެއް ބަލައިލަން ފާތުމަ ހުރީ ދާން ބޭނުންވެފަ އެވެ. އެންމެ ބޮޑު މަޤްސަދަކީ ގެއިން ނިކުތުމެވެ. ހަނި ފުރުސަތަކުން ވިއަސް ކާސިންކަލޯ ފެނޭތޯ ބަލަން ނިންމި އެވެ. ބޭނުންވާ ވަގުތުގައި ދިގު އަހަންމަދު ވެސް ލޮލަކަށް ނުފެންނާއޭ ހިތަށްއެރި އެވެ. އައިސައާ ބައިވެރިވެގެން ފާތުމަ ގޮސް ބައިގަނޑު ތެރެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ތަކުރުގެ މޫނުވެސް ވަކި ކުރަން ނޭނގޭ ވަރަށް ހަޑިހާ އެއްޗެއް އުނގުޅާފައި އޮތެވެ. ބޮލަށް ފެން އަޅައި ފުއް އަޅައި، ވެލާ ތެލަށް ދާންދެން ވަށައިފި އެވެ. ނުވިތާކަށް ފާ ގޮއްވާބަޑީން ކުލަ ގައިގައި ކުލަ ޖައްސައިފަ އެވެ.
އަންހެންވެރީންގެ ތެރެއިން އިސްކޮށް އުޅޭ ފަސްވަރަކަށް މީހުން ވެގެން ތަކުރު ގެންގޮސް މޫދަށް އެރުވި އެވެ. ތަންކޮޅެއް ތާހިރު ވެލުމުން ގެނެސް އެއްގަމުގައި ހުރި ވަޅު ދޮށުގައި ބެހެއްޓި އެވެ. އެކަކު ހުރީ ދާނިން ބޮލަށް ފެން އަޅައިދޭށެވެ. ދެންތިބި މީހުން ތަކުރުގެ ހަމުގައި ހުރި ހަޑިތައް ސާފު ކުރަނީ އެވެ. ދުރުގައި އެއްވެ ތިބި އެންމެން މިމަންޒަރުން މުނިފޫހި ފިލުވަމުން ދިޔަ އެވެ.
ތަކުރު ފެންވަރުވައި ނިމުމުން ފެންހިއްކައި ގައިގައި ތެޔޮ ލެއްވި އެވެ. މޫނުގައި ހުދު ފުއްޖަހައި ދޮން ކުރި އެވެ. ގައިގައި އަތަރު ލެއްވި އެވެ. ބޮލުގައި ހުދު ފޮށާ އޮޅައި ފޭއްޔާއިއެކު ގަންޖުފަރާސް ލެއްވި އެވެ. މި އަންހެންވެރީން ދެން ފެށީ ބެރު ޖަހާފައި ނަށާށެވެ.
އެކަކު ހުރީ ތަކުރުގެ އަތުގައި ހިފައިގެންނެވެ. ތަކުރު ވަށާލައިގެން ދެން ތިބި މީހުން ތިބެ އަޑު ނަގާފައި ލަވަ ކިޔައި އަތް ޖަހަމުން ދިޔަ އެވެ. ބެރު ކަރުގައި އަޅުވައިގެން ހުރީ އެންމެ ވަރުގަދަކޮށް ހުރި ދުވަސްވީ މީހާ އެވެ. މިމީހުން މި ސަކަރާތެއް ގަންނަމުން ރަށުގެ އެއްކޮޅުން އަނެއް ކޮޅަށްވާނެހެން، ބޮޑެތި މަގުތަކުގައި ހިނގުން ހަމަޖެހިފައި އޮތެވެ. އެމީހުން ހިނގާ ވަރަކަށް ފަހަތުން ކުޅި ބަލާ މީހުންވެސް ދެ އެވެ. ކުރިމަތި ވާން އުޅޭ ތޫފާނާކަށް އަންނަން އުޅޭ ވާރެއަކަށް އެކަކުވެސް ނުސިހެ އެވެ.
ވާރޭ ވެހެން ފެށުމުން ފޯރި ވީ ގަދަ އެވެ. ކުޅިބަލާ މީހުންވެސް ވާރޭގައި ތެމިގެން މަޖާ ނަގަމުން ދިޔަ އެވެ. ކުޑަކުދިންތައް ފެންގަނޑުގައި ސަކަ ގަންނަނީ އެވެ.
ކުޅި ނިންމާފައި އެންމެން ގެއަށް ދިޔައީ އިރު އޮއްސެން ކައިރިވެފައި ހުއްޓަ އެވެ. އޭރުވެސް ކެރި ކަނޑައިގެން ނުދެ އެވެ. ވެހެމުންދިޔަ ބޯވާރެއާ އެކުވެސް ވައި ވަނީ ގަދަ އެވެ. ފާތުމަ ގެއަށް ވަންއިރު އަމާ ހުރީ ކުޑަ ކަނބުލޮ ފެންވަރުވައިގެން ނެރެ ގައިގައި ތެޔޮ ލައްވާށެވެ. ފެންވަރަން ނުކެރިގެން ފާތުމަ ތެތް ހެދުން ބަދަލުކުރި އެވެ. ގޭގައި ދިއްލާފައި ހުރި ފުޅި ބައްތިއާ ވީހާވެސް ކައިރީގައި ބޮޑު އަށިމަތީ އަރާ އިނދެވުނީ ވިސްނާށެވެ. އޭރު އަލިކަތީބު ވެސް ފޮތްބޮނޑިއެއް ހުޅުވާލައިގެން ގަނޑު އުކަން އިނެވެ. އަހަންމަދު އިނީ އަލީގެ ކައިރީގަ އެވެ.
އެތެރެ ގޭތެރޭގައި އައިމިނަ ކުޑަސޮރު ނިންދަނީ އެވެ.
ވިއްސާރަ ވެ އަވަހަށް ކައިގެން އޮށޯންނަން ދަލޭކަ ނިންމި އެވެ. ތާއްޔާ ޖެހެމުންދިޔަ ކުޑަ ކަނބުލޮ ގެންގޮސް އެނދުގައި ބޭއްވުމުން ބިތްދޮށަށް އެނބުރި ނިދައިފި އެވެ. ދަލޭކަ ދެން އެނބުރުނީ އައިމިނައާ ދިމާއަށެވެ. އައިމިނަ އޭރު ކުޑަސޮރު ނިންދާފައި ތެދުވެ އިނެވެ. ދަލޭކަ ފުން ނޭވައެއް ދޫކޮށްލައިފައި ގޮސް އައިމިނަގެ ކައިރީގައި އިށީންދެލި އެވެ. އައިމިނަ ކުރިކަމަކީ އިސްޖަހައިލުމެވެ. ދަލޭކަ ވެސް ބަހަކުން ބަހެއް ނުބުނެ އެވެ. އުނގުމަތީ އޮތް އައިމިނަގެ އަތުގައި ހިފާ މަޑުމަޑުން ފިތާލައިފި އެވެ.
މަންމަގެ މިހަރަކާތުން އައިމިނައަށް ހައިރާންކަމެއް ލިބުނެވެ. އެމޫނަށް ބަލައިލުމުން ފެނުނީ ކަރުނައިގެ އަސަރެވެ. އައިމިނަގެ ހާލު ތިމަންނައަށް އިހްސާސްވެއޭ ބުނާފަދަ އެވެ. ލޮލަށް ގިނަވެގެން އައި ކަރުނައާއެކު އައިމިނައަށް މަންމަގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. އެގޮތުގައި ދެމައިން އިރުގަނޑެއް ވަންދެން ތިއްބެވެ. ދެން ފެނުނީ ފާތުމަ އެތެރެއަށް ވަންތަނެވެ. ދޮންދައިތައާއި މަންމަ ތިބިގޮތް ފެނުމުން ފާތުމަގެ ހިތަށް ކޮށްފައިވާ އަސަރު ފުންވެގެން އައެވެ.
ފާތުމަ ގޮސް އިށީންދެލީ މަންމަގެ އަނެއް ފަރާތުގަ އެވެ. ދޮންދައިތަ ފަދައިން މަންމަގެ އަނެއްކޮނޑުގައި ބޯއަޅައިލި އެވެ. އިސާހިތަކު ފާތުމަގެ ލޮލުން ވެސް ކަރުނަ ފޭދިގެން އަންނަން ފެށި އެވެ. އެކަމަކު ފާހަގަ ނުވަނީސް ފުހެލި އެވެ.
"ހަސަނު އަހަންނަށް ވަރަށް ރަނގަޅު. އެއްގޮތަކަށްވެސް އިހާނެތިކޮށެއް ނުހިތާ. ގޭގައި ބުރަކޮށް އުޅެން ޖެހޭތީ ރުޅިއާދެވެނީ. އަހަރެންވެސް ގަބޫލު ކުރަން ކާންބޯން މަސައްކަތް ނުކޮށް އަހަރެންނަށް ފަސޭހަ ކޮށްދޭން ހަސަނަށް ނުހުރެވޭނެކަން. " ރުޅި މަޑުވެފައި އިނުމުން އައިމިނައަށް ހެޔޮ ވިސްނުން އައެވެ.
ދަލޭކަ ދަރިފުޅުގެ ބޮލުގައި ފިރުމައިލި އެވެ. އެހެން އެކަން އޮތްވާވެސް ހަސަނު އައިމިނަ ބަލާ އައުމުން ދޭހަވަނީ ހަސަނުގެ މާތްކަން ކަމުގައި ބުނެދިނެވެ. އައިމިނަ ބޯޖަހައިލި އެވެ. ދެން ބުނީ ހެނދުނު އިރުއަރާ އިރަށް ކުޑަސޮރު ގޮވައިގެން އަމިއްލަ ގެއަށް ދާނެ ކަމުގަ އެވެ. ދަލޭކަ ދަރިފުޅުގެ ވާހަކައަށް ތާއީދު ކޮށްފައި ބުރަކަށީގައި މަޑުމަޑުން ޖަހައިލީ ހިތްވަރުދޭފަދަ ގޮތަކަށެވެ. ފާތުމަ އޭރުވެސް ހިމޭނުން އިން ގޮތަށް އިނެވެ.
ދެބެން ކައިރީ ނިދާށޭ ބުނެފައި ދަލޭކަ ދެން ނިކުތީ ފިރިމީހާ ކޮބައިތޯ ބަލައިލާށެވެ. އޭރު ދިގު އަހަންމަދު ވެސް ފަތްޖެހި އެނދު ފަތުރާލައިގެން އޮށޯވެއްޖެ އެވެ. ފިނިވެ އެސޮރު އޮތީ ވެސް ގުރުވެލައިގެންނެވެ.
"މޫސާދީ އަދިވެސް ގެއަށް ނާންނަނީތަ؟" ދަލޭކަ ގޮސް ކައިރިއަށް ހުއްޓެމުން އެހި އެވެ.
އަލިކަތީބު އެއިންގޮތަށް އިނދެ ބޯޖަހައިލި އެވެ. ދަލޭކަ ގޮސް އިށީންދެލީ ބޮނޑުއަށީގެ ހުސްތަނުގަ އެވެ. ހުޅުވާފައި ހުރި ދޮރުން، ބޭރަށް ވެހެމުންދިޔަ ވާރެއަށް ބަލަން އިރުކޮޅަކު އިނެވެ. ދެން ތެދުވެގެން ގޮސް ދޮރާއި ކައިރިވެލައިގެން ހުއްޓިއްޖެ އެވެ. ބޭރުތެރޭގެ ތޫފާން ގަދަވެފައިވާވަރު ފެނުމުން ދަލޭކަ ހައިރާންވި އެވެ. ރުއްގަސް ހީވަނީ މުލުން ލުހިގެން އަތުވެދާނެ ހެންނެވެ. ދަލޭކައަށް އަތް އަޅައިލެވުނީ މޭގަ އެވެ. އެނބުރި ބަލާލިއިރު އަލީ އަދިވެސް އެއިން ގޮތަށް އިނެވެ.
"ނުމޫސުމުގައި ކޮން ވާރެއެއްތަ މިވެހެނީ؟" ދަލޭކަ ފިރިމީހާއަށް ބަލަން ހުރެގެން ސުވާލުކުރި އެވެ.
އަލިކަތީބު ކޮނޑު އަރުވާލައިފައި ބަލައެއްނުލި އެވެ. ހުރިހާ ސަމާލުކަމެއް ހުރީ ކުރިމަތީ އޮތް ފޮތަށެވެ.
"ނިކަން އައިސްބަލަ ބޭރުތެރެ ބަލައިލަން. އެހެރަ ބަނބުކެޔޮ ގަސް ހީވަނީ ވެއްޓެން އުޅޭހެން." ދަލޭކައަށް ނުހުރެވިގެން ބުނެލި އެވެ.
އަލިކަތީބު އިސްއުފުލައިލީ އެއަޑަށެވެ. ދެން ފޮތް ލައްޕާލައިފައި ތެދުވެއްޖެ އެވެ. ދަލޭކަ ބިރުން އުޅޭތީ ހީވާގޮތޭ ކިޔާފައި ގޮސް ކައިރިއަށް ހުއްޓުނެވެ. އިސާހިތަކު އަލިކަތީބުގެ ދެބުމަ ވެސް އުފުލުނެވެ. ދަލޭކަ ބުނީ ދޮގެއް ނޫނޭ ހިތަށް އަރައި ހިސާބެއްގެ ނުތަނަވަސްކަމެއް އިހްސާސް ކުރެވެން ފެށި އެވެ.
"ކަންބޮޑުނުވޭ. ވާރޭ ވެހިލަނިކޮށް ވައިގަނޑު ހިނދިދާނެ. ހިނގާ ދެން ނިދަމާ!" އަލިކަތީބު އަނބިމީހާގެ ހިތްހަމަޖައްސައި ދިނުމުގެ ގޮތުން ބުންޏެވެ.
ދަލޭކަ ނިކަން ފަސޭހައިން ބޯޖަހައިލި އެވެ. ދެން ހިނގައިގަތީ އެތެރެ ގޭތެރެއާ ދިމާއަށެވެ. އަލިކަތީބު ހުރީ ބަލާށެވެ. ދަލޭކަ ވަދެ އޮށޯންނަހާ ވުމުން ކަތީބު ދެން ޖެހިލީ އަނެއްކާ ވެސް ދޮރާއި ގާތަށެވެ. ބޯދިއްކޮށްލައި މޫސާދީގެ ޚަބަރެއް ވޭތޯ ބަލައިލި އެވެ. ދެން އަރައި އެނދުގައި އޮށޯވެ އޮވެއްޖެ އެވެ. މޫސާދީ ހޯދަން ދާންވީއެއް ކަމެއް ނޫނީ އިންތިޒާރުގައި އޮންނާންވީއެއް ކަމެއް ނުނިންމިގެން އުޅެނިކޮށް ނިދިން ލޯ ބަރުވި އެވެ. ދެން ވީނުވީއެއް ނޭނގި ނިދިއްޖެ އެވެ.
އަލިކަތީބަށް ދެން ހޭލެވުނީ ބޭރުން އިވުނު އަޑުފަތްގަނޑަކާއެކުގަ އެވެ. ސިއްސައިގެން ގޮސް ފުންމައިގެން ތެދުވެ އިށީންދެވުނެވެ. ބަލާލިއިރު މޫސާދީ ދޮރުން ވަދެ ހުއްޓުނީ ތެމިފޯވެފައި ހުރެ އެވެ. އެއިވުނު އަޑަކީ މޫސާދީ ދޮރު ހުޅުވި އަޑެވެ.
"ކަލޭ ނައިސްގެން އިނދެފަ އަހަރެން މި އޮށޯތީ. ކޮންތާކުން ތިއައީ؟" އަލިކަތީބު ސުވާލު ކުރި އެވެ.
"މިރަށު ތައްޚާނު ގެއިން މިއައީ. ތައްޚާނު އަންހެނުން އަޞުރުން ތިރިވި ގަޑީގައި ނިކުތްގޮތަށް ގެއަށް ނައިސްގެން ހޯދަނިކޮށް، އިރުއޮއްސުނުފަހުން ފެނުނީ އަތިރިމަތީ ހުރި ރުކެއްގެ ބުޑުގައި އޮތްވާ. ފެނުނުއިރު ހެއެއް ނެތްކަމަށް ވަނީ. އަހަރެން އަންނަނިކޮށް ބަޔަކު ގޮވީމާ އެދިމާއަށް ދިޔައީ." މޫސާދީ މޫނުގައި އަތް ހާކާލައިފައ ކިޔައިދިނެވެ.
ކަތީބު ނާހަމަ ތެދެއްހޭ ކިޔާފައި ފުންމައިގެން ތެދުވި އެވެ. މޫސާދީ ބޯޖަހާލައިފައި ގޮސް ބޮޑުއަށްޓާއި ކައިރިވެލި އެވެ. އެއްފަރާތެއްގައި އޮތް ބޮކްސާގަނޑު މޮހައި އެތެރެއިން ނެގި ފޮތިގަނޑަކުން ގައި ހިއްކާ ނިމިގެން މުންޑު ވެސް ބަދަލުކުރި އެވެ. ދެން އަރައި ބޮޑު އަށީގައި އޮށޯވެލައިފި އެވެ.
***
ފާތުމަ ހެނދުނު ލޯ ހުޅުވާލިއިރު ގޭތެރޭގައި ނިކަން އަޑުގަދަ އެވެ. ތެދުވެ އިށީންއިރު އެތެރެ ގޭތެރޭގައި އޭނަ އެކަންޏެވެ. ހޭވިފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހާ ހައްޔަރުކޮށްފައި ތެދުވި އެވެ. އާފުރެމުން ގޮސް ފޮތިގަނޑު ހިއްލާލައިފައި ނިކުތުމާއެކު ބޭރުގައި ތިބި އެންމެންގެ ނަޒަރު ދަތުރުކުރީ އެމޫނަށެވެ. ވަގުތުން ފާތުމަގެ ނިދި ވެސް ފިލައިފި އެވެ. ބޮޑުއަށިމަތީ ތިބީ ދެވަނަ ދެމީހެއް ނޫނެވެ. އުސްމާނާއި އުސްމާނުގެ ބަފަ އެވެ. ކައިރީގައި އައިމިނައާއި ފާތުމަގެ އަމާ ހެވިދިލިފައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ އަތްމަތީގައި ފަތްޖަހާފައި އޮތް ރީތި ލިބާހަކާއި ރަން ފަށްޓަރުބައެއް އޮތެވެ. ބޮޑު އަށިމަތީގައި އަދިވެސް އެތައް ބައިވަރު ހަދިޔާތައް ހުއްޓެވެ.
ފާތުމަ ހުއްޓުން އަރާފައި ހުއްޓާ މަންމަ ކުރިއަށް ޖެހިލީ ލިބާހާއެކު އޭގެ މަތީ ބޭއްވި ބިލެއް ކޯނިވަރުވެސް ހިފައިގެންނެވެ. އައިސް ފާތުމަގެ އަތް ހިއްލާލުމަށްފަހު އެއެއްޗެހި ބާއްވައިދިނެވެ.
"ދަރިފުޅާ އަވަހަށް އުސްމާނާ ކައިވެންޏަށް ތައްޔާރުވާން އުޅޭ. މިއޮތީ ތިންގަނެއްޗާއި ކައިވެނި ބިލެތް." ދަލޭކަ ހިނިއައިސްފައި ހުރެގެން ބުނެލި އެވެ.
ފާތުމައަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ލިބުނު ސިހުމުގައި އަތުގައި ހުރި އެއްޗެހި ތިރިއަށް ދޫކޮށްލައިފައި ޖެހެވުނީ ފަހަތަށެވެ. ދަލޭކަ ފަދައިން ފަހަތުގައި މީހުންގެ މޫނުތައް ވެސް ބަނަވެގެން އައިތަން ފާތުމަ ދުށްޓެވެ.
"ނޫން. ނޫން. މަށަކަށް އުސްމާނަކާ ނީނދެވޭނެ. މަ ހިތައެއް ނުވޭ އުސްމާނަކާ. މަށަކަށް ނީނދެވޭނެ. " ފާތުމަ ދެފަރާތަށް ބޯ ހޫރަމުން ޖަވާބުދިނެވެ.
ކަތީބު ވަގުތުން ބޮނޑު އަށިން ފުންމައިލި އެވެ. ދަލޭކަ އުޅުނީ ފާތުމަގެ އަތުގައި ހިފޭތޯ އެވެ. ފާތުމަ އެފުރުސަތެއް ނުދިނެވެ. މަންމަ އެއްލި އަތުގައި ނުޖެހެން ރެކިގެންފައި ދުއްވައިގަތީ އަނެއްކާ ވެސް އެތެރެ ގޭތެރެ އަށެވެ. ބާރަށް ތެޅެމުން ދިޔަ ހިތާއި އެކު ގޮސް އެނދަށް އަރައި ފައި ވަށް ކޮށްލައިގެން އިށީނެވެ. ލޮލުން ކަރުނައިގެ ކޯރު ދެމިގެން އަންނަން ފެށި އެވެ. އޭރު ބޭރުން ކަތީބު ހަޅޭތްލަވަމުން އަންނައަޑު އިވެ އެވެ. ގަދަކަމުން އަތުގައި ހިފައިގެން ނެރެ ވެސް ފާތުމަ އެއްބަސް ކުރުވާނެކަން އެނގުނެވެ. ފާތުމަ ބޭނުންވީ އެތަނުން ފިލާށެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟
ދެކޮޅު ހޯދާލައިފައި ތެދުވެގެން ގޮސް ފަން ބިތުން ބާގަނޑެއް ހެދޭތޯ އުޅުނެވެ. އެކަމަކު ބިތް ހުރީ އެއަށްވުރެ ވަރުގަދަ ކޮށެވެ. ފާތުމަގެ އަތްފައި ތުރުތުރު އަޅަން ފެށި އެވެ. ބަފާގެ އަޑު ކައިރިވީ ވަރަކަށް ގެންފައިވާ ބިރު އިތުރުވެގެން އައެވެ. ދެން ހަދާނެ ގޮތް ނޭނގިގެން ފޮތިގަނޑާއި ދިމާއަށް ބަލަން ހުރެވުނެވެ.
އިރުކޮޅެއް ނުވެ އެވެ. ފެނުނީ ބަފާ ފޮތިގަނޑު ހިއްލާލައިފައި ވަން ތަނެވެ. އެވަގުތު ބޭރުން ބާރު އަޑުފަތްގަނޑެއް އިވުނެވެ. މަތިން ކޮންމެވެސް އެއްޗެއް ވެއްޓި ގޭގެ ފަން ފުރާޅުގައި ޖެހިއްޖެ އެވެ. ފާތުމައަށް މަތި ބަލައިލެވުނެވެ. އެވަގުތު މަތިން ފަހަރަކު ވާރޭ ތިއްކެއް ވެއްޓި މޫނުގައި ޖެހެން ފެށި އެވެ.
ލޯ ހުޅުވާލެވުނުއިރު އޮވެވުނީ އެނދުގަ އެވެ. އެކަމަކު ހުވަފެނުގައި ފެނުނު ފަދައިން މޫނަށް ފެންތިކި ތަޅަމުން ދިޔަ އެވެ. އަވަހަށް ފުންމައިގެން ތެދުވެވިއްޖެ އެވެ. ހިތަށް އެރި އެވެ. އަދިވެސް ވާރޭ ނުހުއްޓަނީ ހެއްޔެވެ؟ މިހާރު މެންދަން ވެދާނެ ހެއްޔެވެ؟ ދެކޮޅު ހޯދާލިއިރު އައިމިނަ، ކުޑަސޮރު ނަގައި ކޮނޑުމައްޗަށް ލައިގެން އެތާ އޮތް ހުސްތަނުގައި ދެކޮޅަށް ހިނގަ އެވެ.
އެނދުގައި މަންމަ ނެތްކަން ފާހަގަވުމުން ފާތުމަ ތިރިއަށް ދެފައި އެލުވައިލި އެވެ. ފައިބައިގެން ގޮސް ދޮރާއި ކައިރިވީއިރު ބޭރުން ވާހަކަދައްކާ އަޑު އިވޭހެން ހީވި އެވެ. ފާތުމަ އިރުކޮޅަކު މަޑުކޮށްލި އެވެ. ދެން އެނބުރި ބަލައިލީ އައިމިނަ އަށެވެ. އެއަށްފަހު ފޮތިގަނޑު ހިއްލާލައިފައި ނިކުމެއްޖެ އެވެ.
ބޭރުތެރެއިން ފެނުނު މަންޒަރުން ފާތުމައަށް އަނގަމަތީ އަތް އަޅައިލެވިއްޖެ އެވެ.
(ނުނިމޭ)
4 Responses
މީ ހަގީގީ ވާހަކައެއްތަ؟
Labba
.Aslu vx vaahaka varah varah rythi
Yasmaa ge vaahaak thakuge therein kiyunu enme reethi vaahak mi .mi part ves thin faharu kiyain kiyaa hithun.kureezamaanuge dhivehinge dhiriulhun vv reethi sifa kohdheefa huri goi.Next part vvv avaha up kohdheebala .kiyaa hithun