ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ވައިޓު އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށެވެ. މި ސަރަހައްދަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ އެސަރަޙައްދަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 14:15 އިން ފެށިގެން މިރޭ 19:15 އާއި ހަމައަށެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/m8bqW62cjD
— Maldives Meteorology (@MetMaldives) May 27, 2020
ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓު އޮފީހުން ބުނީ ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން މިއަދު ހެނދުނު ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ ދެކުނުގެ ކަނޑުތަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.



