ފިރިހެން ފުލުހަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތްކުރާ ފިރިހެން ފުލުހަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ.
ފުލުހުން ވިދާޅުވީ ޖިންސީ ފުރައްސާރަކުރި ކަމަށް މައްސަލަ ހުށައެޅިފައިވަނީ ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީގެ އެހެން އިދާރާއެއްގައި މަސައްކަތް ކުރައްވާ އަންހެން މުވައްޒަފަކަށް ކަމަށެވެ. ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެވެނީ އެޕްރީލް 24 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ކުރިޔަށް ދާކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓާންޑާޑް ކޮމާންޑުންވެސް މި މައްސަލަ ތަޙްޤީޤު ކުރައްވަމުން ގެންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ދާދިފަހުން ވަނީ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޑޮކްޓަރަކާއި ސިފައިންގެ ބޭކަލަކު އެކަހެރިކޮށް ބައްދަލުކުރި މައްސަލައެއްވެސް ފުލުހުންނަށް ހުށައަޅާފައެވެ.



