އެނދުގައި މަންމަ ނެތްކަން ފާހަގަވުމުން ފާތުމަ ތިރިއަށް ދެފައި އެލުވައިލި އެވެ. ފައިބައިގެން ގޮސް ދޮރާއި ކައިރިވީއިރު ބޭރުން ވާހަކަދައްކާ އަޑު އިވޭހެން ހީވި އެވެ. ފާތުމަ އިރުކޮޅަކު މަޑުކޮށްލި އެވެ. ދެން އެނބުރި ބަލައިލީ އައިމިނަ އަށެވެ. އެއަށްފަހު ފޮތިގަނޑު ހިއްލާލައިފައި ނިކުމެއްޖެ އެވެ.
ބޭރުތެރެއިން ފެނުނު މަންޒަރުން ފާތުމައަށް އަނގަމަތީ އަތް އަޅައިލެވިއްޖެ އެވެ.
ފެންޑާގެ އެތަން މިތަނުގައި ހުރީ ތެލި ތަށި ބަހައްޓައިފަ އެވެ. އަދި އެއިން ކޮންމެ އެއްޗަކަށް ފެން ފައިބަމުން ދިޔަ އެވެ. ފާތުމަގެ އުމުރުން ވީހާތަކަށް ދުވަހަކުވެސް އެގޮތަށް ވިއްސާރަ ނުހުއްޓައިގެން ފުރާޅު ފޯވެ ފެންފައިބާތީއެއް ނުފެނެ އެވެ. އަހަންމަދު ހުރީ ބޭރުން ގެނެސް އެތެރެއަށް ލައިފައި ހުރި އަށްޓަކަށް ކޮޅަށް އަރަ އެވެ. އަހަންމަދު މަސައްކަތް ކުރަމުން ދިޔައީ ފެންފައިބާ ދިމަދިމާއިން ފުރާޅު މަރާމާތު ކުރެވޭނެ ގޮތެއް ވޭތޯ އެވެ. ތިރީގައި އަމާ ހުރީ އޮޅާފައި ހުރި ފަންބޮނޑިތަކެއް ހިފައިގެންނެވެ. އޭރު މޫސާދީއާއި ކަތީބު ދޮރާއި ދިމާލުގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. އެމީހުން މޫނަށް ބަލާފައި މާ ހަމަޖެހޭ ކުލައެއް ނުފެނެ އެވެ.
ފާތުމަ ކަންބޮޑުވި އެވެ.
ބަލަން ހުރެލައިފައި ގޮސް މަންމަ ކައިރިއަށް ހުއްޓި ކޮނޑުގައި ހިފާލުމުން މަންމަ ބަލައިލި އެވެ.
"ކިހިނެތްވީ ދަރިފުޅާ. ނުނިދުނީތަ؟" ދަލޭކަ ސުވާލު ކުރި އެވެ.
"މޫނަށް ފެންތިކި ތަޅާތީ ހޭލެވުނީ." ފާތުމަ ޖަވާބުދިނެވެ.
"އެހެންތަ؟ ކޮބާ އައިމިނަ؟ އެސޮރު ހޭލާތަ؟" ދަލޭކަގެ އަޑުގައި ކަންބޮޑުވުން ވި އެވެ.
ފަހު ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ފާތުމަ ބޯ ޖަހައިލި އެވެ. ދެން އެހީ މިވަނީ ކީއްހެއްޔޭ ކިޔައިފަ އެވެ.
"ނޭނގެ ދަރިފުޅާ. މަންމަމެން ހަނދާން ހުއްޓަކާވެސް މިވަރަކަށް ވާރެއެއް ނުވެހޭ. އަނެއްކޮޅުން އެހާ ވައިގަދަ. މޫސާދީ ބުނި ތަނަކަށް ހިނގަން ކެރޭވަރެއް ނޫނޭ ރުއްތަކުގައި ހުރި ކާށިތައް ހީވަނީ ބޮލަށް ފައިބަފާނެ ހެންނޭ." ދަލޭކަ ކިޔައިދިނެވެ.
ފާތުމަ ދޮރާއި ދިމާއަށް ބަލައިލިއިރު އިތުރު މީހަކު އައިސް ބަފާމެންނާއި ބައިވެރިވެއްޖެ އެވެ. އެއީ މުދިންބެއާއި އަދިވެސް ރަށުގައި ކަމުވޮށިގެންވާ އާއިލާއެއްގެ މީހެކެވެ. ކޮންމެ މީހެއްގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. ފާތުމަ ހުރީ ސުވާލު އުފެދިފަ އެވެ. ކަތީބުގެ ހައިސިއްޔަތުން ބައްޕަ ރަށަށްޓަކައި ކުރަން ޖެހޭ ކަންކަން ހުންނާނެކަން ހަނދާންވި އެވެ.
އެމީހުން ކައިރީ މަޑުކުރަން ބުނެފައި ކަތީބު ދެން އައީ ދަލޭކައާ ދިމާއަށެވެ. ފާތުމަ ހުރީ ބައްޕަ ކިޔަން އުޅޭ އެއްޗެއް އަހަން ތައްޔާރުވެގެން އެމޫނަށް ބަލާށެވެ. ކަތީބު ކައިރިއަށް ހުއްޓި ދެއަތް ފުރަގަހަށްލައި ގުޅުވައިލި އެވެ.
"ދަލޭކާ. އަހަރެން ވެއްޖެ އެތިބަ މީހުންނާއެކު ބޭރަށް ނިކުމެލަން. ވާރޭ ނުހުއްޓައި މިހިނގާ ކޮންމެ މިނިޓަކާއެކު ރަށުތެރޭގެ ހާލަތު މިދަނީ ގޯހުން ގޯހަށް. ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައެއް ވާކަށް ނެތް. ކަމުވޮށިގެންވާ މީހުން އެތިބީ އަހަރެންގެ ލަފާއަށް އެދިގެން އައިސް. ބައެއް ގޭގޭގެ މީހުން ވާރޭ ހިޔާ ނުވެގެން އަވަށްޓެރި ގޭގެއަށް ހިނގައްޖެ. އަހަރެން އެބަޖެހޭ ދެން ތިބި މީހުންނާއި ވެސް ވާހަކަދައްކައިގެން ގޮތެއް ނިންމަން." ކައިރީގައި ހުރި ފާތުމަގެ ނުތަނަވަސް މޫނަށް ބަލައިލާފައި ކަތީބު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އަޑުން ކަންބޮޑުވުމުގެ އަސަރު ނުދައްކަން ވީހާވެސް ބޮޑަށް މަސައްކަތް ކުރި އެވެ.
ދަލޭކަ ބޯ ޖަހައިލުމުން ކޮނޑުގައި ހިފައި މަޑުމަޑުން ފިތައިލުމަށްފަހު ދާންވެގެން އެނބުރުނެވެ.
މަސައްކަތް މެދުކަނޑާލުމަށްފަހު އަހަންމަދު ދެން ވަނީ އެތެރެގޭތެރެއަށެވެ. ބޭނުމަކީ އެތަނަށް ވާރޭ ވެހޭތަން ހިޔާކުރާނެ ގޮތެއް ވޭތޯ ބެލުމެވެ. އައިމިނަ އޭރު ކުޑަސޮރު އަތްދަނޑި މައްޗަށް ލައިގެން އަރާ އޮތީ ކުޑަ ކަނބުލޮ ކައިރީ އަމާ ނިދާ ތަނުގަ އެވެ.
ނަސީބަކުން ނިކަން ފަސޭހައިން އަހަންމަދުގެ މަސައްކަތް ކާމިޔާބު ވި އެވެ. ދަލޭކަ ފާތުމައަށް އެންގީ އަނެއްކާ ވެސް ނިދަން ވަނުމަށެވެ. އިރާދަކުރެއްވިއްޔާ ހެނދުނު އިރު އަރަން ވާއިރަށް ރަނގަޅުވެދާނެއޭ ބުނެ ހިތްހަމަޖައްސައިދިނެވެ. ފާތުމަ ބޯ ޖަހައިލި އެވެ. ތެމިފައި އޮތް ތަނުގައި ނުޖެހެން ވެގެން އެނދުގެ އެއް އަރިއަކަށް ޖެހިގެން އޮވެ ލޯ މަރައިލި އެވެ. ގިނައިރެއް ނުވެ ނިދި ޖެހުނެވެ.
ދެން އަނެއްކާވެސް ހޭލެވުނީ ބަޔަކު އަޑުގަދަ ކޮށްލައިގެން އުޅޭ އަޑަށެވެ. ލޯ ހުޅުވާލިއިރު މިހާރު ވާރޭ ތިކިތައް އޮހެމުންދިޔައީ ފައިލާކޮޅަށްވުރެ ކުޑަ ތަންކޮޅެއް ދުރުންނެވެ. އަދި އެއީ ކުރިއަށްވުރެ ގިނައިންނެވެ. ފާތުމަ އަވަހަށް ތެދުވެ ބަލާލިއިރު އައިމިނައެއް ނެތެވެ. ކުޑަސޮރު އޮތީ ކަނބުލޮ ކައިރީގައި ނިދާފަ އެވެ. ފާތުމަ އަވަހަށް ތެދުވެ ތިރިއަށް ދެފައި އެލުވާލުމާއެކު ފައިގެ ތަނބިކަށްޓާއި ހަމައަށް ވަދެގެން ދިޔައީ ފިނި ފެންގަނޑެއްގެ ތެރެއަށެވެ. ކަމަކުދާކަށް ނެތެވެ. ގޭގައި އޮތީ ފެން ބޮޑުވެފަ އެވެ. ނިދުނު ފަހުން ވީ ކިހާއިރެއް ބާވައޭ ފާތުމަ ހިތަށް އެރި އެވެ.
ލިބުނު ސިހުމާއި ގަތް ބިރަކުން މުޅިމީހާ ތުރުތުރު ލައިގަތެވެ. އެވަގުތު އަދި ބޭރުން އަޑުފަތްގަނޑެއް އިވިއްޖެ އެވެ. ފާތުމަ ދިޔައީ ތެޅިގަނެގެންނެވެ. ކުޑަސޮރަށް ހޭލެވިގެން އަޑު ވީއްލާ ރޮއިގަތެވެ. ހެދުން ކޮށި ކޮށްލައި ކަނޑިއްކާއެކު ހިއްލައިގެން ފާތުމަ ޖެހިލީ އެސޮރު ގާތަށެވެ. އެސޮރު ކޮނޑަށްލައިގެން ފެންގަނޑު ތެރެއިން ގޮސް ދޮރާއި ކައިރިވި އެވެ. ފޮތިގަނޑު ހިއްލާލައިފައި ނިކުތްއިރު ފެންޑާގައި ވެސް ފެން ބޮޑުވެފަ އެވެ.
އޭރު އައިމިނަމެން ދެމައިންނާއި އަހަންމަދު ވެގެން އުޅެނީ ގޭތެރޭ ހުރި އެއްޗެހި ބޮޑުއަށިމައްޗަށް ނަގައި ބޮނޑި ބޮނޑިއަށް ބަނުމުގަ އެވެ. ފަން ޖަހައި ބެއްދި ތަންތަނާއެކު އިތުރު އެހެން ތަންތަނުންވެސް ފެން އޮހެމުންދިޔަ އެވެ. ކުޑަސޮރުގެ ރުއިމުގެ އަޑު އިވިގެން އެމީހުންގެ ނަޒަރު ފާތުމަ ހުރި ދިމާއަށް ދަތުރު ކުރި އެވެ. އައިމިނަ މަސައްކަތް ހުއްޓާލައިފައި އައިސް އެސޮރު އުރި އެވެ. ފާތުމަ ދެން ގޮސް ހުއްޓުނީ އަމާ ކައިރިއަށެވެ.
"އެކުން ބަލަން ނުހުރެ އަވަހަށް އާދޭ މަށަށް އެހީވާން." ހާސްކަން އެކުލެވިފައިވާ އަޑަކުން ދަލޭކަ ބުނެލި އެވެ.
"ކީއްކުރަން މިއެއްޗެހި މިބަންނަނީ؟" ފާތުމަ އެހި އެވެ.
ދަލޭކަ ތަފްޞީލު ދިނެވެ. ހުރިހާ ރައްޔިތުންގެ ހާލަތު އެއްތަނަކުން ބެލޭނެހެން މިސްކިތައް އެއްވާން ބުނީ އެވެ. ފާތުމަ އިތުރު ސުވާލެއް ނުކުރެ އެވެ. މަންމަ ބުނިފަދައިން އަތްމަތި އަވަސްކޮށްލައިފައި މަސައްކަތް ފަށައިފި އެވެ. އެކަމުން ނިމުމުން އަހަންމަދު ނިކުމެ ބޭރު ބަލާލައިފައި އައެވެ. ނުގޮސް މަޑުކުރަނީ ކާކުގެ އިޝާރާތަކަށް ތޯ ފާތުމަ ސުވާލު ކުރި އެވެ. ދަލޭކަ ހުރީ ނުބުނަން ވެގެންނެވެ. ރަށުތެރޭގެ ހާލަތު ގޯސްވެފައިވާވަރު ބުނެގެން ދަރިންކޮޅުގެ ބިރުގަންނަވާކަށް ބޭނުމެއް ނުވި އެވެ. އަލީ އައިސް އެވާހަކަ ބުނީ އޭނަ އެއްފަރާތަކަށް ގެންގޮއްސަ އެވެ.
ދަލޭކަ ހުރީ ދެކޮޅަށް ހިނގައިލަ ހިނގައިލަ އެވެ. ދޭތެރެއަކުން ގޮސް ކަނބުލޮ ނިދާފައި އޮތްތަން ބަލައިލަ އެވެ. ބޭރަށް ޖެހެމުންދިޔަ ގަދަ ވައިގެ ހަމަލާތައް ކެތްނުވެގެން ގަސްރުއް ހޫރޭ އަޑު އެހާމެ ގަދަ އެވެ. ގޭގެ ގޯތިތެރޭގައި ބޮޑު ބަނބުކެޔޮ ގަހަކާއި އެނޫން ވެސް ގަސް ރުއް އެބަހުއްޓެވެ. އެތަނުން ގަހެއް ގެއާއި ދިމާވެއްޖެނަމަ ދުވަސް ދިޔައީ އެވެ. އަނެއްކޮޅުން މިސްކިތަށް ދާން އޮތީ އެހާމެ ރުއްގިނަ މަގަކުންނެވެ. އެވެސް މަރެވެ. މިވެސް މަރެވެ. މުސާދީއާއި އަލީ ބޭރަށް ނިކުމެގެން ދިޔައީ އެއްޗެހި ބަނެ ނިމޭހާއިރަށް އަންނާނެ ވާހަކަ ބުނެފަ އެވެ. މިސްކިތަށް ދާނީ އެމީހުންގެ އިޝާރާތަކަށް ބަލައިގެން ކަމުގައި އޮތީ އަންގައިފަ އެވެ. އެކަމަކު ދިޔަ ފަހުން މިހާރު ފަނަރަ މިނިޓަށްވުރެ ބޮޑުވެއްޖެ އެވެ.
ގިނައިރެއް ނުވެ އެވެ. ކޮންމެވެސް މީހަކު އައިއަޑު އިވިއްޖެ އެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެދިމާއަށް ބަލައިލި އެވެ. ދޮރުން އެތެރެއަށް ވަނީ މޫސާދީ އެވެ. ހުރީ މުޅިމީހާ އެކީގައި ތެމިފޯވެފަ އެވެ.
"ކޮބާ އައިމިނަމެން ބަފާ؟" ދޮންދަލޭކަ ކަންބޮޑުވެފައި އެހި އެވެ.
"އަލީވެއްޖެ މިސްކިތުގައި. އިޝާރާތަކާއި ނުލައި ކަލޭމެން ނުދާނެތީ އެކުން އަހަރެން މިއައީ." މޫސާދީ ވަދެގެން އައިސް ހުއްޓުނީ ބޮކްސާތައް ކައިރިއަށެވެ.
އޭރު އައިމިނަ ކުޑަސޮރު ގޮވައިގެން އެތެރެއަށް ވަދެ އެވެ. މޫސާދީ ދެކޮނޑަށް ދެބޮކްސާ އެއްލައިފައި ދެންހުރި ދެ ބޮކްސާ ނެގީ އަހަންމަދެވެ. ދަލޭކަމެން ޅަކުދިން ގެންގުޅެން ޖެހެ އެވެ. އަމާގެ ލަފާގެ މަތިން ފާތުމަ އެތެރެއަށް ދިޔައީ ކުޑަކަނބޮލު އުރާށެވެ. އަދި އައިމިނަ ވެސް ވީ އެތާގަ އެވެ.
އިރުކޮޅަކުން ވަންއިރު އައިމިނަ އިނީ ރޯނު ފުރި އެނދުގަ އެވެ. ކުޑަސޮރު ނިދައިގެން ކަނބުލޮ ކައިރީ ބާއްވާފައި އޮތެވެ. ފާތުމަ ބަލައިލިއިރު އައިމިނަގެ މޫނުން ތަފާތު ކަމެއް ފާހަގަވިހެން ހީވި އެވެ. ފާތުމައަށް ފުންކޮށް ބަލައިލެވުނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އައިމިނަގެ ހަށިގަނޑުގެ ކޮންމެވެސް ތަނެއްގައި ވޭން އަޅަނީ އެވެ. ދެބުމަ ކައިރިކޮށްލައިގެން އިންގޮތުން އެކަން އެނގުނެވެ.
"ކިހިނެތްވީ؟ ތަނެއްގައި ރިއްސަނީތަ؟" ފާތުމަ ، ދައްތަގެ ކޮނޑުގައި ހިފާލުމުން ލޯ ހުޅުވައިލި އެވެ.
"ކޮންތާކު ރިއްސަނީ؟ ބަނޑުގައިތަ؟" އައިމިނަ ބޯޖަހައިލުމުން ފާތުމަ އިތުރަށް އެހި އެވެ.
އައިމިނައަށް ވާހަކައެއް ނުދެއްކުނެވެ. އޭނަ އަނެއްކާ ވެސް ބޯޖަހައިލި އެވެ. ކަންބޮޑުވެގެން ބުނާނެ އެއްޗެއް ވެސް ފާތުމަގެ ދުލަކަށް ނައެވެ. ބަލަން ހުރެފައި އޭނާ އެނބުރި ގަތީ އައި ކޮޅަށެވެ. ފޮތިގަނޑު ހިއްލާލައިފައި ނިކުމެ އަންމާއޭ ކިޔާ ގޮވާލައިފި އެވެ. ދަލޭކަގެ ދެލޯ ފާތުމަ ހޯދައިލި އެވެ. އެދަރިފުޅުގެ މޫނުން ފެނުނު ނުތަނަވަސް ކަމަކުން ހިތް ތެޅިގަތެވެ.
"ދޮންދައިތަ ބަނޑުގައި ރިއްސަނީ." ފާތުމަގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ދަލޭކަ އެދިމާއަށް ދުއްވައިގަތެވެ.
ދަލޭކަ އިރުކޮޅެއް ވާންދެން ވޭންވަރު އަންނަގޮތް ދެނެގަންނަން އިނެވެ. ނަސީބަކުން ވޭންވަރު އަންނަނީ ދުރު ދުރުންނެވެ. ދަލޭކަ ދެން ވަށައިގެން ހޯދައިލި އެވެ. އެތެރެ ގޭތެރޭގައި ވެސް ވާރޭ ހިޔާވާން އޮތީ ހަމައެކަނި ރޯނުފުރި އެނދުގައި އެކަންޏެވެ. ރައްކާތެރި ގޮތަކީ ވިހަން ވުމުގެ ކުރީން މިސްކިތައް ދިއުމެވެ. ބޭކެނބިމީހާ ވެސް މިހާރު އުޅޭނީ އެތަނަށް ދިއުމުގެ މަގުމަތީގައޭ ހިތަށް އެރި އެވެ.
ފާތުމަ ނިކުމެ މޫސާދީއަށް ގޮވާފައި ހާލަތު ބަޔާންކޮށްދިނެވެ. މޫސާދީއަށް ފެނުނީ އިހަށް އެތިކޮޅު ބަހައްޓާފައި ކުޑަކުދިންނާއި މީހުން ގެންދާ ގޮތަށެވެ. ފަހުން އެއެއްޗެހި ބަލައި މޫސާދީމެން އަންނަ ގޮތަށް ބުންޏެވެ. ދަލޭކަ އަށް ވެސް އެގޮތް ކަމުދިޔަ އެވެ.
ދަލޭކަ އެނބުރުނުއިރު ފާތުމަ ހަދާނެ ގޮތެއް ނޭނގިފައި މެދުގޭތެރޭ ހުއްޓެވެ. ފާތުމައަށް ގޮވާލައިފައި ދަލޭކަ އެދުނީ ކައިރިއަށް އައުމަށެވެ.
"ފާތުމާ! މީ ކަންބޮޑުވާންވީ ވަގުތެއް ނޫން. އިރާދަފުޅުން ދެރަ ގޮތެއް ނުވާނެ. މީ ހިތްވަރާއެކު ކަމާއި ކުރިމަތިލާންވީ ވަގުތު." ފާތުމަގެ ކޮނޑުގައި ހިފާލައިގެން ހުރެ ދަލޭކަ ކިޔައިދިނެވެ.
ލޮލުން ކަރުނަ ފުހެލަމުން ފާތުމަ ބޯޖަހައިލި އެވެ. ދެން ހިނގައިގަތީ އެތެރެ ގޭތެރެއާ ދިމާއަށެވެ. އަހަންމަދާއި މޫސާދީ ވެގެން ކުޑަ ކަނބުލޮއާއި އައިމިނަގެ ސޮރު ގޮވައިގެން ނިކުތެވެ. ފަހަތުގައި ދަލޭކަމެން ދެމައިން ތިބީ އައިމިނަގެ ދެފަރާތުގައި އެދެއަތުގައި ހިފައިގެންނެވެ. އަސްކަނި ދޮށުގައި ތަންކޮޅަކަށް ހިނގާލާއިރަށް ވޭންވަރު އައިސްގެން އައިމިނަ ހުއްޓެވެ. ދެލޯ މަރާ ތަގުޅި ކޮށްގެން ކެތްކުރެވޭތޯ އައިމިނަ ބެލި އެވެ. ދޮންދައިތަގެ ހިތްވަރު ފެނިފައި ފާތުމަގެ ލޮލުން އިތުރަށް ކަރުނަ އައެވެ. ދެމައިން މަޑުކުރީ އައިމިނައަށް ފަސޭހަ ވެގެން ހިނގޭންދެނެވެ.
"އައިމިނާ! އައިމިނާ!" ވެހޭ ވާރޭގެ ތެރެއިން މީހަކު ގޮވާ އަޑު އިވުނެވެ.
(ނުނިމޭ)
3 Responses
Haadha lahun next part up kuranee keeveths
vvv reethi mi part ves.waiting for next part
Kobaa 6vana bai