މޫސުން ގޯސްވެ، އުތުރަށް ނެރެފައިވާ ވައިޓް އެލާރޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން އުތުރަށް ނެރެފައިވާ ވައިޓް އެލާރޓްގެ ވަގުތު އިތުރުކޮށްފައިވަނީ މިރޭގެ 22:00 އާއި ހަމައަށެވެ. މިއަދު ހަވީރު 17:00 ން މިރޭގެ 22:00 އަށް ހއ. އަތޮޅުން ބ.އަތޮޅަށް ނެރެފައިވާ މިއެލާރޓްގައި މިސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
White Alert extended till 2200hrs. pic.twitter.com/NJMMbRZtAA
— Maldives Meteorology (@MetMaldives) May 30, 2020
ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓްއޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، އުތުުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އެކިހިސާބަށް ކެރީގެއަސަރު ފޯރައި ގުގުރުން އެކަށީގެންވާކަމަށްވެސް މެޓްއޮފީހުން ބުންޏެވެ.
"އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުނިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
އުތުރަށް ކުރަމުންދާ ވިއްސާރާގައި އުތުރުގެ ބައެއް ރަށްތަކުގައި މިހާރުވެސްވަނީ ފެން ބޮޑުވެފައެވެ.




