ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ޤައުމަށް ފުރުވާލައިފިއެވެ.
މިއާއެކު ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާތަނަށް އައިރު ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 1238 މީހަކު މިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 200 މީހަކު މިއަދު އެ ޤައުމަށް ފޮނުވާފައި ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުން އެ ޤައުމަށް އަނބުރާ ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެޤައުމަށް މީހުން ފޮނުވާލާފައިވެއެވެ. މި މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ އަސާސީ އެތައްހައްޤެއް ގެއްލި، އެމީހުންނަށް އެކި ބާވަތުގެ އަނިޔާތައް ލިބެމުންދިއުމާއި ގުޅިގެން، އެމީހުންގެ ހައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.



