ފުރަތަމަ މެޗުގައި މެސީއަށް ނުކުޅެވިދާނެ!

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފެއްޓުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، އަންނަ ހަފްތާގައި ކުޅޭ ފުރަތަމަ މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

އަންގާރަ ދުވަހުގެ ފަރިތަކުރުންތަކުގައި މެސީގެ ކަނާތު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބުދަ ދުވަހު ޓީމާއެކު ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައެއްނުވެއެވެ. މެސީގެ މިއަނިޔާއާއެކު ފުރަތަމަ މެޗުން މެސީ ނުފެނުންވެސް އެކަށީގެންވެއެވެ. އެއީ ލަލީގާ ޖޫން 11 ގައި ފެށުމައް ހަމަޖެހިފައިވާއިރު، މެޗުތައް ރާވާފައި އޮތީ ފުލުފުލުގައެވެ. ކޮންމެ ހަފްތާއަކު ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން މެސީގެ އަނިޔާ އެއްކޮށް ރަނގަޅު ނުވަނީސް މެޗަށް ނެރެގެން އެކަމުގެ ނޭދެވޭ އަސަރެއްކޮށްފާނެތީ ފުރަތަމަ މެޗުގައި އޭނާ ބެންޗުގައި ބެހެއްޓުން ވަރަށް ގާތެވެ.

މިސީޒަން ފެށުމުގެ ކުރިންވެސް ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ލިބުނު އަނިޔާއަކާއި ގުޅިގެން މެސީއަށްވަނީ ސީޒަންގެ ފުރަތަމަ މެޗު ގެއްލިފައެވެ. އަދި އެއަނިޔާއިން އެއްކޮށް ރަނގަޅުނުވެ އުޅެނިކޮށް އިތުރަށް އަނިޔާވެ ގާތްގަނޑަކަށް ދެމަސްދުވަހާއި ކުޅުމާއި ދުރުގައި ހުންނަން މެސީއަށްވަނީ ޖެހިފައެވެ. އަންގާރަ ދުވަހު މެސީއަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނުވިނަމަވެސް، ކުރިއަށް އޮތް ބިޒީ ޝެޑިއުލްއާއި ގުޅިގެން ބާސެލޯނާއިން އެފަދަ ބޮޑު ރިސްކެއް ނަގާނެބާއެވެ؟

ޖޫން 11 ގައި ފަށާ ލަލީގާގެ، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެވިއްޔާއާއި ރެއަލްބެޓިސްއެވެ. އެގޮތުން މެޗްޑޭ 28 ޖޫން 11 އިން ޖޫން 14 އަށް ދިގުދެމިގެންދާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަވޭގައި ނުކުންނާނީ ރެއަލްމަލޯކާއާއި ދެކޮޅަށެވެ. އެއީ 13 ޖޫންވާ ހޮނިހިރު ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

އެހެންކަމުން ކުރިއަށް 11 މެޗަކީ 11 ފައިނަލްކަމުގައި ބާސާ އަދި ރެއަލްމެޑްރިޑުން އަންނަނީ ސިފަކުރަމުންނެވެ.

މިދެޓީމުގެ ފަރަގުގެ ގޮތުން އެންމެ ދެ ޕޮއިންޓް އޮތްއިރު، ކުރިއަށްއޮތް 11 މެޗަކީ ވަރަށްވެސް ފޯރިގަދަވާނެ މެޗުތަކެއްކަމަށް ލަފާކުރެވެއެވެ. ލަލީގާ ކުޅޭ ބާސެލޯނާއާއި ރެއަލްމެޑްރިޑް ބައްދަލުކުރާ މަޝްހޫރު ‘އެލްކްލެސިކޯ’ ގެ މެޗުވެސް މިހާރުވަނީ ކުޅެ ނިމިފައެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑުންވަނީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ