ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރާއިގައި މޫސުން އިތުރަށް ގޯސްވެ، ރާއްޖޭ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.

މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، މިރޭގެ 22:00 އިން ދަންވަރު 03:00 އަށް އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ، އަދި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށާއި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރު މިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި، މިހެން ކަމުން

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަކީ އެދެވިގެން ވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ