މުޒާހަރާގެ ބައިވެރިން އަޅުންގެ ވިޔަފާރި ރަމްޒުކޮށްދޭ ބުދެއް ބިމާ ހަމަކޮށްލައިފި

އެމެރިކާގެ ފުލުހުންގެ އަތްދަށުވެ ކަޅު ނަސްލުގެ މީހަކު މިދިޔަ މަހުގެ 25 ވަނަ ދުވަހު މަރުވުމާއި ގުޅިގެން ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މުޅި ދުނިޔޭގައި މިހާރު ކުރަމުންދާ މުޒާހަރާގެ ތެރެއިން އިނގިރޭސިވިލާތުގައި މިއަދުކުރި މުޒާހަރާގައި، އަޅުންގެ ވިޔަފާރި ކުރި މީހެއް ރަމްޒުކޮށްދޭ ބުދެއް ބިމާ ހަމަކޮށްލައިފިއެވެ.

އިނގިރޭސި ވިލާތުގެ ބުރިސްޓޮލް ސިޓީގައި ހުންނަ މި ބުދަކީ އަޅުންގެ ވިޔަފާރިކޮށް އުޅުނު މީހެއް ކަމަށްވާ އެޑްވަރޑް ކޯލްސްޓޮންގެ ހަނދާނުގައި ބެހެއްޓިފައިވާ ބުދެކެވެ. ކޮލްސްޓޮންއަކީ 1672 އަކުން 1689ގެ އަހަރުތަކުގެ ތެރޭގައި އަޅުންގެ ވިޔަފާރި ވަރަށް ފުޅާދާއިރާއެއްގައި ކުރި މީހެކެވެ. މިގޮތުން ކޯލްސްޓަންގެ ބޯޓުތަކުގައި އެފްރިކާގެ ގައުމުތަކުން 80،000 މީހުން އެމެރިކާއަށް އަޅުންގެ ގޮތުގައި އެތެރެކޮށްފައި ވެއެވެ. މިމީހުންގެ ތެރޭގައި ކުޑަކުދިންނާއި އަދި އަންހެނުންވެސް ހިމެނެއެވެ.

މުޒާހަރާގެ ބައިވެރިން ކޯލްސްޓަންގެ ބުދު ވައްޓާލައިފައިވަނީ އެ ބުދުގެ ކަރުގައި ވާގަނޑެއް ޖަހައި ދަމައިގެންނެވެ. އަދި މި ބުދު ވައްޓާލުމަށްފަހު އެ ބުދުގެ ކަރަށް ކަކުލުން އަރައި ޖޯޖް ފްލޮއިޑްގެ މަރުގެ ހަނދާން އާކޮށްފައި ވެއެވެ. މެއިމަހުގެ 25 ވަނަ ދުވަހު ފްލޮއިޑް އެމެރިކާ ފުލުހުންގެ އަތުން މަރުވެފައިވަނީ އެ ފުލުހުން އޭނާގެ ކަރުގައި ކަކޫ ޖައްސައި ނޭވާ ނުލެވޭނެ ގޮތަށް ހުރުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

މީގެއިތުރުން، މުޒާހަރާގެ ބައިވެރިންވަނީ ކޯލްސްޓޮން ރަމްޒު ކޮށްދޭ ބުދު އެ ސިޓީގެ މަގުތައްމަތީ ދެމުމަށްފަހު މޫދަށް އެއްލައިލައިފައެވެ. ކޯލްސްޓޮން ރަމްޒު ކޮށްދިނުމަށް ބުދު ބެހެއްޓި ހިސާބުން ފެށިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިކަމާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ.

ފްލޮއިޑުގެ މަރާއި ގުޅިގެން އެމެރިކާގައި މުޒާހަރާތައް ކުރާތާ މިހާރު ދެހަފްތާ ވެފައިވާއިރު މި މުޒާހަރާގައި ދުނިޔޭގެ އެހެން ގައުމުތަކުންވެސް މިހާރުވަނީ ބައިވެރިވާން ފަށައިފައެވެ. މިގޮތުން މި ހަފްތާ ބަންދުގައި އިނގިރޭސި ވިލާތާއި އަދި އޮސްޓްރޭލިއާ ގައިވެސްވަނީ ބޮޑެތި މުޒާހަރާތައް ބާއްވައިފައެވެ. އަދި ބަޔެއް އެހެން ގައުމުތަކުގައި މި މުޒާހަރާގައި އަންނަނީ އޮންލައިންކޮށްވެސް ބައިވެރި ވަމުންނެވެ.

ފްލޮއިޑުގެ މަރާއި ގުޅިގެން ފެށުނު މިމުޒާހަރާތައް މިހާރު ވެގެން ގޮސްފައިވަނީ 1968 ވަނަ އަހަރުގެ ފަހުން އެމެރިކާގައި ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ކުރިއަށްދާ މިފަދަ އެންމެ ވަރުގަދަ މުޒާހަރާތަކުގެ ގޮތުގައެވެ. މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އެމެރިކާ ސަރުކާރުން މިހާރުވަނީ ނޭޝަނަލް ގާޑުގެ ސިފައިންވެސް މަގުތައް މައްޗަށް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ