ފުލުހުން އަތުލި ޝުމްބާގެ ފޯނު ތިންމަސް ފަހުން އަނބުރާ ދީފި

މީސް މީޑިއާ އެކްޓިވިސްޓް އަހްމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ ފޯނު ފުލުހުން އަތުލިތާ ތިން މަސްފަހުން އަނބުރާ އޭނާއާއި ޙަވާލުކޮށްފިއެވެ.

ޝުމްބާގެ ފޯނު ދަޢުލަތުގެ ސިއްރުތައް ހާމަކުރާކަމަށްބުނެ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލާފައިވަނީ މިދިޔަ މާރޗްމަހުގެ 9 ވަނަ ދުވަހުއެވެ.

ޝުމްބާ މިއަދު ކުރި ޓްވީޓެއްގައި ބުނީ، ފުލުހުން ހިފަހައްޓާފައިވާ އޭނާގެ ފޯނު ތިން މަސްފަހުން އަނބުރާ އޭނާއާއި ޙަވާލުކޮށްފައިވާކަމަށެވެ. އަދި 21 ވަނަ ޤަރުނުގައި ކުށެއްގެ ތުޙުމަތަށް ފޯންއިން ހެކި ލިބިދާނެކަމަށް ދެކުމަކީ މޮޔަކަމެއްކަމަށްވެސް ޝުންބާ ބުންޏެވެ.

މީގެއިތުރުން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ކިޔަމުން ޝުންބާ ބުނީ، ފުލުހުންނާބެހޭ ގޮތުން އަތްމަތީ ފޮތެއްވެސް ނުކިޔަވާހުރި މީހަކަށް ފުލުހުންގެ މިނިސްޓަރުކަން ޙަވާލުކުރީމާވާނީ މިހެންކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޝުމްބާގެ ފޯނު ފުލުހުން އަތުލާފައިވަނީ އެމްވީ ކްރައިސަސް މެދުވެރިކޮށް ދައުލަތުގެ ސިއްރު މަޢުލޫމާތު ހުއްދަ ނޫން ގޮތުގައި ހާމަކުރަން ގެންދިއުމާއި، ދައުލަތުގެ މަސައްކަތަށް ހުރަސްއަޅަމުން އަންނަކަމަށް ތުހުމަތުގައެވެ. އެގޮތުން އޭނާގެ މޯބައިލް ފޯނުތަކާއި، އެފޯންތަކުގައި ބޭނުންކުރާ ސިމްކާޑްތަކާއި މެމޮރީކާޑްތަކާއި، އެތަކެތީގައިވާ ހުރިހާ މައުލޫމާތެއް (ޑޭޓާ) އާއި، އެތަކެތިން ކޮށްފައިވާ މައްސަލައާއި ގުޅުންހުރި އެންމެހާ މުޢާމަލާތްތަކެއް ހޯދުމަށް އަމުރުގައިވެއެވެ.

ފުލުހުން ޝުމްބާގެ ފޯނު އަނބުރާ ދީފައިމިވަނީ، މިމައްސަލައިގައި ދަޢުވާ ނުކޮށް ތަޙުޤީޤު ލަސްވަމުންދާތީ އެކަމުގެ ޝަކުވާކޮށްފައިވަނިކޮށެވެ. އެގޮތުން މައްސަލައިގެ ތަޙްޤީޤު ލަސްވެފައިވަނީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކަމަށާއި އެގޮތުން ކޯޓު އަމުރެއްގެ ދަށުން އަޙްމަދު އަޝްރަފްގެ ފޯނު ހިފެހެއްޓުނު ދުވަސްވަރު މާލެ ފުރަބަންދުކުރުމާއެކު ރާއްޖޭގައި އެޅިފައިހުރި ފިޔަވަޅުތަކުގެ ސަބަބުން، ތަޙްޤީޤު ކުރިއަށް ގެންދިއުމުގައި ކޮންމެހެން ކުރަންޖެހޭ ކަންތައް ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ޕީޖީއިން ޝުމްބާއަށް ފޮނުވާފައިވާ ސިޓީގައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ