އެންޓާޓިކާ ބައްރަކީ ކޮވިޑް-19 ނުފެތުރޭ ބައްރަކަށް ހެދުމަށް ހާއްސަ ފިޔަވަޅުތަކެއް

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގެ ހުރޮހާ ދިމާލަކަށް ފެތުރިފައި ވީނަމަވެސް މިވީހާތަނަށް މިރޯގާގެ އަސަރު ނުކުރާ އެއްބައްރު އެބައޮތެވެ. އެބައްރަކީ އެތަނެއްގައި ހަމައެކަނި ސައިންޓިސްޓުންނާއި، ދިރާސާކުރާ މީހުންނާއި އަދި ފަތުރުވެރިން ހަމައެކަނި ދަތުރުކުރާ އެންޓާޓިކާއެވެ.

މިތަނަކީ ކޮވިޑް-19ގެ އަސަރު ނުކުރާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް ދުނިޔޭގެ ގައުމުތަކުން މިހާރުވަނީ މަސައްކަތް ފަށައިފައެވެ. މިގޮތުން އޮސްޓުރޭލިޔާ އަދި ނިއުޒިލެންޑުންވަނީ އެންޓާޓިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގިނަ ހަރަކާތްތަކެއް ކުރިއަށް ނުގެންދިއުމަށް ނިންމައިފައެވެ.

މިގޮތުން އޭޕްރީލް މަހުގެ ކުރީކޮޅު އޮސްޓްރޭލިޔާއިން ބުނެފައިވަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި އެގައުމުން އެންޓާޓިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގިނަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް ނިންމައިފައިވާ ކަމަށެވެ. އަދި ބަޔެއް ހަރަކާތްތައް ކުރިޔަށް ގެންދިއުން ފަސްކުރެވިފައިވާ ކަމަށެވެ.

އެންޓާޓިކާގެ ކަންކަމަށް ނިއުޒިލެންޑުން ހާއްސަ ކޮށްފައިވާ އެންޓާޓިކާ ނިއުޒިލެންޑުން ވިދާޅުވެފައިވަނީ، އެގައުމުންވެސް އެންޓާޓިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގިނަ އަަދަދެއްގެ ޕްރޮޖެކްޓްސް ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ. މިގޮތުން، އެންޓާޓިކާގައި ކުރިއަށް ގެންދިއުމަށް ރާވައިފައިވާ 36 ދިރާސާގެ ތެރެއިން ގިނަ އަދަދެއްގެ ދިރާސާ މިދަނޑިވަޅުގައި ދެން ކުރިއަށް ނުގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންޓާޓިކާގައި އެގައުމުތަކުގެ ފަރާތުން ހަރަކާތްތެރިވަމުންދިޔަ ފަރާތްތައްވެސް މިހާރުވަނީ އެނބުރި ގައުމަށް ގެނެސްފައެވެ. ދުނިޔޭގެ އެންމެ ފިނި ބައްރު ކަމަށްވާ އެންޓާޓިކާގައި އިންސާނުންގެ ތެރެއިން ހަމައެކަނި ދިރިއުޅެނީ ސައިންޓިސްޓުންނާއި އަދި ދިރާސާ ކުރާ ފަރާތްތަކެވެ. ނަމަވެސް، ފަތުރުވެރިންވެސް އެސަރަހައްދުގެ ދިރުންތައް ދެކިލުމަށް ދަތުރުކޮށް ހަދައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ