ކުއްލިއަކަށް ބަލްޤިޝް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު އޭނާގެ ކޮޑުގައި އަތް ބާއްވާލުމުންނެވެ. ފަހަތަށް އެނބުރި ބަލާލި ވަގުތު ހީވީ އޭނާގެ ވަށައިގެންވީ މާޙައުލު ވަގުތު ކޮޅަކަށް ހުއްޓުނު ހެންނެވެ. އެ ފޮތިގަނޑު ދަށުގައި އޮތް މީހެއްގެ މޫނު ނުފެނު ނަމަވެސް އެއީ ކާކުކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ.
ބައްސާމްގެ ލޮލުން ފައިބަފައިބާ ހުރި ކަރުނަތައް ބަލްޤިޝްއަށް ހުރިހާ އެއްޗެއް ބުނެދިނެވެ. އާނއެކެވެ! ފޮތިގަނޑު ދަށުގައި އެއޮތީ އެ ކުދިންގެ މަންމައެވެ. އެ ދެކުދިންނަށް އަޅާލަން މިދުނިޔެމަތީގައި ހުރި ހަމައެކަނި މީހާއެވެ.
ބަދޫރާގެ މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބެއްކަމުގައި އޮތީ ހާރޓް އެޓޭކެވެ. ވަގުތުގެ ނާޒުކުކަމުން ކަންތައް ހިނގާދިޔަ ގޮތް އޮޅުންފިލުވުން ބަލްޤިޝް ފަސްކޮށްލިއެވެ. ކަށުކަމާކެމީގެ ކަންތައްތަކުގައި އެކުދިންނަށް އެހީތެރިވެދިނީ ސަލީމްގެ ޢާއިލާއެވެ. މަންމަގެ ސަންދޯއް ވަޅަށް ތިރިކުރި ވަގުތު ބަލްޤިޝްއަށް ހީވީ އޭނާގެ ހިތް ވީދާ ކުދިކުދިކޮށްލިހެންނެވެ. އޭރު ބައްސާމްވެސް ކައިރީގައި ހުރެގެން ގިސްލަ ގިސްލާފައި ރޮޔެވެ. ބަދޫރާގެ ކަށު ނަމާދުގައި ބައިވެރިވީ ރަށުގެ ވަރަށް މަދު ބަޔެކެވެ.
މަންމަގެ ހަށިގަނޑު ވަޅުލުމަށްފަހު ބަލްޤިޝްމެންނަށް ގެއަށް އާދެވުނީ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. ގެއަށް އައި މަގުމަތީގައި ބައެއް ގޭގޭގެ ދޮރުމަތީގައި މީހުން ނުކުމެ ބަލްޤިޝްމެންނަށް ބަލަން ތިއްބެވެ. ނަމަވެސް އެކަކުވެސް އެކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއްވެސް ބުނެނުލައެވެ.
"މަންމައަށް ކުއްލިއަކަށް ހާރޓް އެޓޭކެއް ޖެހުނީ ކިހިނެއް؟" ގެއަށް އާދުވުމާއެކު ބަލްޤިޝް ހިތުގައި އުފެދިފައިވާ ސުވާލު ބައްސާމްއާ ކޮށްލިއެވެ.
"އެއީ...... ދައްތަ ފަހަތުން އުޅުނު ސަމަދުއާ، ބޮޑުބެ އައިސް ދެއްކި ވާހަކަޔަކުން މަންމަ މާ ބޮޑަށް ދެރަވީ." އިސްދަށަށް ޖަހާލައިގެން ހުރެ ބައްސާމް ޖަވާބު ދިނެވެ. ކޮއްކޮ އުޅޭގޮތުން ހަތަރު ކަޅި ހަމަކުރަން އުނދަގޫވެގެން އުޅޭހެން ބަލްޤިޝްއަށް ހީވިއެވެ.
"ކީކޭ އެމީހުން ކީ؟" ހުރިހާ ކަމެއް އޮޅުން ފިލުވަން ބަލްޤިޝް ބޭނުންވިއެވެ. ނަމަވެސް އެވަގުތު ކުއްލިއަކަށް ބޭރުން ފިރިހެނަކު ހަޅޭލަވައިގަތް އަޑު އިވުނެވެ.
"ކޮބާތަ މިގޭގަ އުޅޭ ނާސި އަންހެން ކުއްޖާ؟" އެއީ ބޮޑުބެގެ އަޑުކަން ބަލްޤިޝްއަށް ޔަޤީންވިއެވެ. އެހެންކަމުން ހަލުވިކޮށް ބޭރަށް ނުކުތެވެ. އޭރު ގޭ ދޮރުމަތީގައި ބައިވަރު އަވަށްޓެރިންނާއި ރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި އޮތެވެ. އެ މަންޒަރު ފެނުމުން ބަލްޤިޝް އިތުރަށް ހާސްވާގޮތްވިއެވެ. ވާން މިއުޅެނީ ކިހިނެއްބާއެވެ؟
" ރިސޯޓަކަށް ވަޒީފާއަށްށޭ ކިޔައިގެން ގޮސް ހަށިވިއްކައިގެން ހޯދާ ޙަރާމް ލާރިން ކަލޭގެ ޢާއިލާއަށް ތިޔަ ކާންދެނީ. އޭގެ ނުބައި އަސަރުކޮށްގެން ކަލޭގެ މަންމަވެސް މިއަދު އެ ނިމިދިޔައީ. ލަދެއް ނުގަނޭތަ؟" އާދަމް އައިސްފައި ހުރި ރުޅިން ހީވަނީ ދެންމެ ދެންމެ ބަލްޤިޝްގެ ގަޔަށް އަތްލަފާނެ ހެންނެވެ.
ކުއްލިއަކަށް ބޮޑުބެ އައިސް ދައްކަންފެށި ހުތުރު ވާހަކައިން ބަލްޤިޝް ހުރީ އަމިއްލަ ދިފާޢުގައި ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްގެން އަނގަ މަތީ އަތްއަޅައިގެން ހުރެ ދެފަރާތަށް ބޯ ހޫރުވުން ނޫންކަމެއް ބަލްޤިޝްއަކަށް އެވަގުތު ނުކުރެވުނެވެ. އޭރު ހޯސްލާގައި އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ބައްސާމްވެސް ހުރީ ހަދާނެގޮތެއް ނޭނގިފައެވެ.
"ކަލޭ މި ފަސްގަނޑުގަ ހުރުމަކީވެސް މި ރަށުގެ ރައްޔިތުންނަށް ލިބޭ ބޮޑު ހުތުރެއް. އަހަރެން ލަދުގަނޭ ތިއީ އަހަރެންގެ އެއްބަނޑު މީހެއްގެ ދަރިއެކޭ ބުނަންވެސް. ކަލޭގެ ތި ނުބައި ޢަމަލުގެ ސަބަބުން މުޅި ރަށަށް ޢާންމުވެގެންވާ ކޯފާއެއް އައިސްދާނެތީ އަހަރެން ބިރުގަނޭ. ނުވިތާކަށް މިރަށުގެ ފުރާވަރު ކުދިންނަށްވެސް ކަލޭގެ ސަބަބުން ލިބޭނީ ނުބައި ފިލާވަޅެއް. އެހެންވީމަ އަހަރެމެން ބޭނުމެއް ނޫން އެންމެ ހިނދުކޮޅަކުވެސް ކަލޭ މި ފަސްގަނޑުގަ ހުންނާކަށް. ހަމަ މިހާރު މިތަނުން ދާން އުޅޭ!" އާދަމް އައިސް ބަލްޤިޝްގެ މޫނުގައި އަތް ޖެހޭ ހިސާބުގައި ހުރެގެން، އަތް ހޫރަ ހޫރާފައި އެއްޗެހި ގޮވަމުން ދިޔައެވެ.
އޭރުވެސް ދޮރުމަތީގައި ތިބި މީހުން ތިބީ ކުޅި ބަލާށެވެ. ރަޙްމަތްތެރި އާޒިމާވެސް އަދި ސަލީމްބެއާ އެ ޢާއިލާގެ އެކަކުވެސް ފެންނާކަށް ނެތެވެ. އެއްވެފައި ތިބި މީހުންގެ ހިތުގައި އޮތީ ކޮން އެއްޗެއްކަމެއް ބަލްޤިޝްއަކަށް ނޭނގެއެވެ. އެވާހަކަތައް ޤަބޫލުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއްވެސް ބުނާކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެއްވެސް މީހަކު އޭނާގެ ދިފާޢުގައި ބަހެއް ނުބުނާކަމެވެ.
"ބަލަ އަދިވެސް ހުރީތަ؟ ހަމަ މިހާރު ދާށޭ!" ބަލްޤިޝްގެ އަތުގައި ހިފާ ކުއްލިއެއް ޖަހާފައި އާދަމް ހަޅޭއްލަވައިގަތެވެ. އޭނާގެ ދެލޮލުން އޭރު ހީވަނީ އަލިފާން ކަނި ބުރާހެންނެވެ.
"ނޫން! ތިހެން ނުހަދާ ބޮޑުބެ! އަހަރެން ވަކި ދާނީ ކޮންތާކަށް؟" އާދަމްގެ އެ ޢަމަލުން ސިހިފައި، އާދޭހާއެކު ބަލްޤިޝްއަށް ބުނެވުނެވެ. އޭރު އާދަމްއާ ދާދި ގާތުގައި ސަމަދުވެސް ނުބައި ޒާތަކަށް ހެވިފައި ހުއްޓެވެ. އޭނާ ބުނާ ކަހަލައެވެ. މިއީ އެދުވަހު އަހަރެންގެ ހުށަހެޅުމަށް ފުރަގަސް ދިނުމުން ދޭ ބަދަލެކެވެ.
"ބޮޑުބެއޭ؟ އަހަންނަށް ބޮޑުބެ ކިޔޭ ފެންވަރުގެ މީހެއް ނޫން ކަލޭ ތިއީ. ކަލޭގެ މަންމަޔާ ކަލެއަކީވެސް ބޮޑު ސުންޕާއެއް. ކަލޭ ތިޔަ ނާޗަރަންގީ ކުޅެން އުޅޭ ތަނަކަށް ދޭ. ދަމުން ކަލޭގެ އެއްބަނޑު ކޮއްކޮވެސް ގޮވައިގެން ދާތި! ކަލެޔާ ގުޅުންހުރި އެކަކުގެ ވަސްވެސް މިތާ ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އެހެންނޫނީ މުޅި މިރަށަށްވެސް ލަޢުނަތް ލައްވާނެ." އާދަމްގެ ދުލުން ނުކުންނަމުން ދިޔަ ވިހަގަދަ ބަސްތައް އެއްވެސް ހުރަހަކާ ނުލާ ބަލްޤިޝްގެ ހިތަށް ހެރެމުން ދިޔައެވެ.
އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟ އޭނާއާ އޭނާގެ ކޮއްކޮ އެކުދިންގެ މަންމަގެ ބަނޑުން އުފަންވުމަކީ އެކުދިން ކުރާނެ ކަމެއް ހެއްޔެވެ؟ އެބުނާ ކަހަލަ އެއްވެސް ނުބައި ޢަމަލެއް އޭނާ ނުހިންގައެވެ. އޭނާގެ ބޮލުގައި އެ އެޅުވީ ހާދަހާ ބޮޑު އިލްޒާމެކެވެ. މިހާރު ރަށު ރައްޔިތުންގެ ނަޒަރުގައި އޭނާއަކީ މުޑުދާރު ކުއްޖެކެވެ. އަބުރާއި ޢިއްޒަތް އެވަނީ ކަތިލެވިފައެވެ. ދެން އޭނާއާ ދިމާއަށް ރުހުމުގެ ލޮލުން ބަލާލާނެ މީހަކުވެސް އެ ފަސްގަނޑަކު ނުހުންނާނެއެވެ. ކުރާނެކަމެއް ނެތެވެ. އޭނާއަކީ އެއްވެސް ބާރެއް ނެތް ނިކަމެއްޗެކެވެ. ދިފާޢުގައި ކޮންމެ އެއްޗެއް ބުނިނަމަވެސް އެއްވެސް މީހަކު އެކަން ޤަބޫލެއް ނުކުރާނެއެވެ. އެއަށްވުރެ ބޮޑަށް ބޮޑުބެ އެވަނީ މީހުންގެ ލޮލުގައި އަނދުން އަޅުވާ، އޮޅުވާލާފައެވެ.
"މާދަން އިރު އެރުމުގެ ކުރިން ކަލޭމެން ޖެހޭނެ މިރަށުން ފައިބަން. އެހެން ނޫނީ ދެން ހަދާނެ ގޮތް ކަލެއަށް އަންދާޒާވެސް ކޮށްނުލެވޭނެ." ހަމައެކަނި ބަލްޤިޝްއަށް އިވޭ ވަރަށް ކަންފަތް ދަށުގައި އެހެން ބުނެލުމަށް ފަހު އާދަމް އެތަނުން ދާން ހިނގައިގަތެވެ. އާދަމް އެނބުރުނުތަން ފެނިފައި އެތާ ތިބި މީހުންވެސް އެކި ކޮޅުކޮޅު މައްޗަށް ހިނގައިގަތެވެ.
ބައްޕަ މަރުވެގެން އެ ހިތާމައިން އަރައި ނުގަނެވިގެން އުޅެނިކޮށް މަންމަވެސް ނިމި ދިޔައީއެވެ. މަންމަގެ މަރުގެ ސަބަބެއްކަމުގައި އެވީ ޚުދު އޭނާކަމުގައި ބަލްޤިޝްއަށް ޤަބޫލުކުރެވުނެވެ. އަމިއްލަ ދަރިޔަކާމެދު އެފަދަ ނުބައި ވާހަކަތަކެއް އަޑު އަހަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟ އެ އަޑު އަހަން ބައްޕަ ދުނިޔޭގައި ނެތްކަން އެއީ ނަސީބެކޭ އެވަގުތު ބަލްޤިޝްގެ ހިތަށް އެރިއެވެ. އަމިއްލައަށް މަރުވުމަކީ ހުއްދަ ކަމެއްނަމަ މިއަދު، ހަމަ މިވަގުތު އޭނާ އެކަން ކުރާނެއެވެ. ނަމަވެސް އެއީ ކިހާ ބޮޑު ފާފައެއްކަން އޭނާއަށް އެނގެއެވެ. ބޮޑުބެ އެބުނީ ހަމަ ތެދެކެވެ. އޭނާއަކީ ހަމަ ސުންޕާ ކުއްޖެކެވެ. މިދުނިޔެއަށް ނޭވާލީއްސުރެ އަދި އުފާވެރި ދިރިއުޅުމެއް ނުފެނެއެވެ. ހަނދާން ހުންނަން ފެށީއްސުރެ އުޅެންޖެހިފައިވަނީ ނިކަމެތި ދިރިއުޅުމެކެވެ. އޭނާއަށް ލިބުނު ހަމައެކަނި ނަސީބަކީ އޭނާގެ ކޮއްކޮއެވެ. ނަމަވެސް އެކުއްޖާވެސް ވީ ބަލި ކުއްޖަކަށެވެ. ކުޑައިރު އޭނާއާ އެކީ ކޮއްކޮ ކުޅޭނެކަމުގެ އުންމީދުގައި ހުއްޓާ ކޮއްކޮ މާބޮޑަށް ބަލިވާން ފެށިއެވެ. އޭގެ ފަހުން އަބަދުވެސް ކޮއްކޮ އުޅެނީ ބަލިވެއެވެ.
"ދައްތާ!" ޚިޔާލީ ދުނިޔެއިން ބަލްޤިޝްއަށް ނުކުމެވުނީ ބައްސާމްގެ އަޑަށެވެ. އޭރު އޭނާއަށް އިނދެވުނީ ބިންމަތީގައި ކަކޫ ޖަހައިގެންނެވެ. ކުރިން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އޭރުވަނީ ހުއްޓިފައެވެ.
"ދެން ކިހިނެއް ހަދާނީ؟ ބޮޑުބެ މަންމައާ ދިމާއަށް އެ ހުރިހާ އެއްޗެއް ކީ އިރުވެސް ވަރަށް ގިނަ މީހުން ބަލަން ތިބި. ބޮޑުބެ ބުނި އެއީ މަންމަ ދައްތަލައްވަ ކުރުވާ ކަމެކޭ. އަމިއްލަ ދަރި ވިއްކައިގެން ކަނީއޭ..... ބޮޑުބެ ގޮސް އިރުކޮޅެއް ނުވެ މަންމަ ހޭނެތިގެން ވެއްޓުނީ......" ރޮވިފައި ހުރެ ބައްސާމް ކިޔައިދިނެވެ.
ކުއްލިއަކަށް ބަލްޤިޝްއަށް ހިތަވްރު ލިބުނު ގޮތެއްވެސް ނޭނގެއެވެ. ބައްސާމް ކައިރީގައި ފޮށްޓަށް އެއްޗެހި އަޅަން ބުނެފައި ގޭތެރެއަށް ވަނެވެ. އަދި ބޮޑު އަށި މަތީގައި އޮތް ފޯނު ނަގާ އޭނާގެ ސްޕަވައިޒަރު ފިރާޝަށް ގުޅިއެވެ. ކަންތައް ހިނގާދިޔަ ގޮތުގެ ކުރު ޚުލާސާއެއް ބަލްޤިޝް ކިޔައިދިނެވެ. ނަމަވެސް އޭނާގެ ބޮލުގައި ބޮޑުބެ އެޅުވި ހުތުރު އިލްޒާމްގެ ވާހަކަ ސިއްރުކުރިއެވެ.
ގޮތެއް ފެންނަންދެން ބަލްޤިޝް ރިސޯޓުގައި ހުންނަ ކޮޓަރީގައި ބައްސާމަށް ހުރެވިދާނެކަމުގައި ފިރާޝް ބުންޏެވެ. އެކަމަށްޓަކައި ބަލްޤިޝް ފަށް ފަށުން ޝުކުރުއަދާކުރިއެވެ. އަދި އޭގެ ބަދަލުގައި އޭނާއަށް ކޮށްދެވުނު ކޮންމެ ކަމެއްވެސްކޮށްދޭނެކަމަށް ވަޢުދުވިއެވެ.
އެރޭ އަށެއް ޖެހިއިރު ރިސޯޓުން ބަލާ އައި ލޯންޗުން ބައްސާމް ގޮވައިގެން ބަލްޤިޝް ފުރީ އާ އުންމީދަކާއެކުއެވެ. ރަށުގެ މަލަމަތި ލޮލަށް އޮބާލި ވަގުތު އޭނާ އަމިއްލަ ނަފްސަށް ވަޢުދެއް ވިޔެވެ. ގެއްލުނު އަބުރު އޭނާ އަނބުރާ ހޯދާނެއެވެ. އަދި އޭނާގެ އެއްވެސް ކުށެއް ނެތްކަން އެންމެންނަށް ސާބިތުކޮށްދޭނެއެވެ. އޭނާގެ މަންމައާއި ބައްޕަ ފަޚުރުވެރިވާފަދަ ދަރިއަކަށް އޭނާ ވާނެއެވެ. އުފަން ރަށުގެ ފަސްގަނޑުވެސް އޭނާއަށް ޝުކުރު އަދާކުރާނެ ދުވަހެއް އަދި އަންނާނެއެވެ. އިރާދަކުރެއްވިއްޔާ އެ ވަޢުދު އޭނާ ފުއްދާނެއެވެ.
-------------------------------------------------------------------------------------------------------------------------------
"އަހަރެންގެ ހިތުގައި ބޮޑުބެއަށް އެއްވެސް ހިތް ބަރުކަމެއް ނެތް. އަހަރެންނަށް މަންމައާއި ބައްޕަ ދަސްކޮށްދިނީ މަޢާފަށް އެދޭ މީހާއަށްވުރެ މަޢާފުކޮށްދޭ މީހާގެ ހެޔޮކަން ބޮޑުކަމުގަ. އެހެންވީމާ އަހަރެން ބޮޑުބެއަށް މަޢާފުކޮށްފިން. އެކަމަކު އަހަރެންގެ މަންމަ ނިމިގެން ދިޔައީ ބޮޑުބެގެ ސަބަބުންކަން މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ." ކަރުނަތައް ފޮހެލާފައި ހިނިތުންވެލަމުން ބަލްޤިޝް ބުންޏެވެ.
"އެދުވަހު ބޮޑުބެއަށް ދަރިފުޅުގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުނީ ސަމަދު ދެއްކި ވާހަކައިންނާ، އޭރު މުދަލަށް ފެން ބޮވައިގަނެފަ ހުރިވަރުން. ދަރިފުޅުގެ ބައްޕަ ދުނިޔެއިން ނެތި ދިއުމުން ދެން ކާފަގެ މުދަލުން ވާރުތަވާނެ ބަޔަކަށް ތިބީ ތިޔަ ދެކުދިން. އެހެންވެ އެގޮތަށް ކަންތައްކުރެވުނީ. ބޭބެއަށް އޭރުވެސް އެނގޭ އަހަންމަދާ، ބަދޫރާ ދަރިފުޅުމެންނަށް ދިން ތަރުބިއްޔަތު އެފަދަ ހުތުރު ޢަމަލަކަށް ތަން ނުދޭކަން." ކުށްވެރިޔަކު ފަދައިން އާދަމް ހުރިހާ ކަމަކަށް އިޢުތިރާފްވިޔެވެ.
ބަލްޤިޝްއާއި އޭނާގެ ފިރިމީހާ ޢަބްދުލް ޢަޒީޒް ފުރަން ދިޔައިރު ބަނދަރުމަތީގައި އެތައް ބަޔަކު ފުރުވަން ގޮސް ތިއްބެވެ. އެއްބައެއްގެ ލޮލުން ފެނުނީ ޝުކުރުވެރިކަމެވެ. އަނެއް ބައެއްގެ ލޮލުން ކުށްވެރިކަމެވެ. ބަލްޤިޝްގެ ހިތުގައި މިއަދު އެއިން އެއްވެސް މީހަކަށް ޝަކުވާއެއް ނެތެވެ.
ލޯންޗަށް އަރާފައި ބަލްޤިޝް ފިރިމީހާގެ އަތުގައި ހިފާ، ކޮނޑުގައި ބޯ އަޅާލިއެވެ. މިއަދު ބަލްޤިޝައަށް ލިބިފައިވާ ހިތްވަރާއި، ކާމިޔާބީގެ ފަހަތުގައި ހުރީ އެ އިންސާނާއެވެ.
ޢަބްދުލް ޢަޒީޒްއާ ބަލްޤިޝް ދިމާވީ ކުރިން ބަލްޤިޝް މަސައްކަތްކުރަން އުޅުނު ރިސޯޓުންނެވެ. އޭނާއަކީ ދުބާއީގެ ބޮޑު ވިޔަފާރިވެރިޔެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ޢަބްދުލް ޢަޒީޒުގެ ހިތުގައި ބަލްޤިޝްއަށް ޚާއްސަ ޖާގައެއް ދެވުނެވެ. އެހެންކަމުން ބަލްޤިޝް މަސައްކަތްކުރާ ތަނުގެ ސްޕަވައިޒަރު ފިރާޝް ކައިރިން ބަލްޤިޝްގެ މަޢުލޫމާތު އޭނާ ހޯދިއެވެ. އަދި ފިރާޝްގެ އެހީގައި ބަލްޤިޝްއާ ބައްދަލުކޮށް ކައިވެންޏަށް ހުށަހެޅިއެވެ. އޭރު ބަލްޤިޝްއަށް ދިމާވި ހިތާމަވެރި ހާދިސާއަށް ދެމަސްވެސް ނުވެއެވެ. އެ ހުށަހެޅުމަށް ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ ބަލްޤިޝްއަށް ވިސްނައިދިނީ ފިރާޝެވެ. ޢަބްދުލް ޢަޒީޒަކީ ވަރަށް ގިނައިން އެ ރިސޯޓަށް އަންނަ ފަތުރުވެރިޔެއްކަމާއި، އެއީ އަޚްލާޤު ރަނގަޅު މީހެއްކަމުގެ ޔަޤީންކަން އޭނާ ބަލްޤިޝްއަށް ދިނެވެ. އަދި އެއީ ބަލްޤިޝްއަށް ލެއްވި ނިޢުމަތެއް ކަމުގައި ދެކި އެފުރުސަތުގެ ބޭނުން ހިފުމަށް ބާރުއެޅިއެވެ. އެހެންކަމުން އޭރު އަދި މީހަކާ އިންނަވަރު ނުވި ނަމަވެސް، ކޮއްކޮއާއި އޭނާގެ ކުރިމަގަށް ވިސްނާފައި، ﷲ އާ ވަކީލުކުރުމަށްފަހު ޢަބްދުލް ޢަޒީޒްގެ ހުށަހެޅުމަށް ބަލްޤިޝް އާނބަސް ބުންޏެވެ. ފިރާޝް ބުނި ފަދައިން އެ ކައިވެނި ވީ ބަލްޤިޝްއަށް ލެއްވި ބޮޑު ނިޢުމަތަކަށެވެ.
މިއަދު ބަލްޤިޝްއަކީ ޕީ.އެޗް.ޑީ ފެނަވަރަށް ކިޔަވައިގެން ހުރި ކާމިޔާބު ވިޔަފާރިވެރިޔެކެވެ. ޢަބްދުލް ޢަޒީޒްގެ އެހީގައި އޭނާ ވަނީ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެންތަކުގައި ކުލަޖައްސާފައެވެ. ބައްސާމް ވެސް މިހާރު މާސްޓަރސްއާ ހަމައަށް ކިޔަވައިގެން ބަލްޤިޝްއާއި ޢަބްދުލް ޢަޒީޒުގެ ވިޔަފާރީގައި އެހީތެރިވެދެއެވެ. އެދެމަފިރިންގެ ކުޑަކުޑަ ލޯބި ދެކުދިންވެސް އެބަތިއްބެވެ. މިއަދު ބަލްޤިޝް ރަށަށް އައީ އޭނާ އެރަށުން ފައިބައިގެން ދިޔަ ދުވަހު އަމިއްލަ ނަފްސަށް ވީ ވަޢުދު ފުއްދާފައެވެ. އޭނާއާއި އޭނާގެ ޢާއިލާގެ ގެއްލިފައިވާ އަބުރާއި ޢިއްޒަތް އެވަނީ އަނބުރާ ލިބިފައެވެ. މަންމައާއި ބައްޕަ ބޭނުންވިފަދަ ފަޚުރުވެރި ދަރިއަކަށް މިއަދު އޭނާއަށް ވެވިއްޖެއެވެ.
(ނިމުނީ)




ހިޔާލު
ޥަރަށް ރީތި! ވަރަށް މޮޅަށް ވާހަކަ ލިޔާ ފަރާތެއްކަން ފާހަގަ ކޮށްލަން! އައްސަރިބަހާއި ސާބަސް!