ހޮވި އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކުރި މީހާގެ އަގުވަޒަން ކޮށްފި

މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ފުލުހުންނާ ހަވާލުކުރި މީހާގެ އިހްލާސްތެރިކަމުގެ އަގުވަޒަން ކޮށްފިއެވެ.

ޖޫން 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންގުލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން ވަނީ އައްޑޫ ސިޓީ ހިތަދޫގެ މަގެއްގެ މަތިން އެއް ލައްކަ ރުފިޔާ ހޮވައި ފުލުހުންނާއި ހަވާލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާއެއް ދީފިއިވާކަމަށެވެ. މިއީ އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ މި ބަންގުލަދޭޝް މީހާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގެ ފުލުހުން ކުރެއްވި ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ފައިސާގެ ވެރިފަރާތްކަމަށްވާ ދަފްތަރު ނަމްބަރ 1912، ޢަލީ އަބްދުއް ސައްތާރުގެ ފަރާތުންވެސް އެމް.ޑީ ކަމާލް ހޮސައިން  އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސްދުވަހުގެ ހިލޭ ކެއުން ހަމަޖައްސައިދީފައިވެއެވެ. އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ބުނެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަން ގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ.

މި ބައްދަލުވުމުގައި، ފައިސާ ހޮވިފަރާތް ކަމަށްވާ އެމް.ޑީ ކަމާލް ހޮސައިންއާއި ފައިސާގެ ވެރިފަރާތް ކަމަށްވާ ޢަލީ ޢަބްދުއްސައްތާރާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމްގެ އިތުރުން  އައްޑޫ ސިޓީ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް އިމްރާނާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް ބައިވެރިވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ