55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، މެދުރާއްޖެ ތެރެއަށާއި އުތުރަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯއެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށާއި ހަމައަށެވެ. މިރޭގެ 20:30 އިން މިރޭގެ ދަންވަރު 01:00 އަށް ނެރެފައިވާ މިޔެލޯއެލާރޓްގައި ބުނެފައިވަނީ އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓްއޮފީހުންވަނީ ވިދާޅުވެފައެވެ.
Alert Yellow for strong winds of 25-30 mph with gusts of 55 mph and rough seas. pic.twitter.com/TER5o8Ct3R
— Maldives Meteorology (@MetMaldives) June 13, 2020
ރާއްޖޭގެ ދެކުނަށްވެސް މިރޭ ޔެލޯ އެލާރޓް ނެރެފައިވާއިރު، މިރޭގެ 19:00 ން މިރޭގެ 22:00 އަށެވެ. ލ. އަތޮޅުން އައްޑޫ ސިޓީއަށް މެޓްއޮފީހުން ނެރެފައިވާ މި ޔެލޯ އެލާރޓްގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާކަމަށެވެ.
މި ދުވަސް ވަރަކީ ރާއްޖެއަށް ވިއްސާރަކޮށް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެން ކަމުން މެޓް އޮފީހުން އަންނަނީ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ.
މިއަދުގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ އިން ވިދާޅުވެފައިވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްއިންވެސްވަނީ އިލްތިމާސްކޮށްފައެވެ. އަދި މިދުވަސްވަރު ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.




