ޗައިނާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން އެތެރެކުރި އޮސްޓުރޭލިއާ ރައްޔިތަކު މެރުމަށް ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
އޮސްޓްރޭލިއާގެ މީޑިއާއިން ޚަބަރުފަތުރާ ގޮތުގައި މެރުމަށް ހުކުމް ކޮށްފައިވަނީ ކެމް ގިލިސްޕީ ނަމަކަށް ކިޔާ މީހެކެވެ. އޮސްޓުރޭލިއާ ސަރުކާރުންވެސްވަނީ މިފަދަ ހުކުމެއް އެގައުމުގެ ރައްޔިތަކަށް ޗައިނާއިން އިއްވައިފައިވާކަން ޔަގީންކޮށްދީފައެވެ.
ސިޑްނީ މޯރނިން ހެރާލްޑް ނިއުސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގިލިސްޕީ ޗައިނާއިން ހައްޔަރު ކޮށްފައިވަނީ 2013 ވަނަ އަހަރު ޗައިނާގެ އެއާޕޯޓަކުންނެވެ. އަދި އޭނާ ހައްޔަރުކޮށް ބެލިބެލުމުން އޭނާގެ ލަގެޖުން 7.5 ކިލޯގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
މިމައްސަލައިގައި އޮސްޓުރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާރޒް އެންޑް ޓުރޭޑްއިން ބުނެފައިވަނީ، މިހުކުމާއެކު ފުން ހިތާމައެއް ކުރިމަތިވެފައިވާ ކަމަށާއި، އޮސްޓްރޭލިއާއިން މަރުގެ ހުކުމާއި ދެކޮޅު ކަމަށެވެ. އަދި މަރުގެ ހުކުމް އިއްވުމާއި ދެކޮޅަށް މަސައްކަތް ކުރާކަމަށެވެ.
ޗައިނާއިން އެގައުމުގައި މަރުގެ ހުކުމް އިއްވާ މީހުންގެ އަދަދުތައް ހާމައެއް ނުކުރެއެވެ. އެމްނެސްޓީ އިންޓަރނޭޝަނަލް އިން ގަބޫލްކުރާ ގޮތުގައި ޗައިނާގައި އަހަރެއްގެތެރޭ ހާހަކަށްވުރެ ގިނަ މީހުންނަށް މަރުގެ ހުކުމް އިއްވައެވެ. މީގެތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.




