ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް 6 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ރޭ ހިންގި އޮަޕަރޭޝަންގައި، މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އެމީހުންނާ ގުޅުންހުރި ޖުމުލަ 5 ތަނެއް ހުޅުމާލެއިން ބަލައި ފާސްކޮށްފައިވެއެވެ.
އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސް ތަނަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ފެނިފައި ނުވާތީ އޭނާ ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރި އިރު 6.8 ކިލޯގެ ކެނަބިސް ފެނިފައިވެއެވެ. މި ތަކެތިގެ މަގުމަތީ އަގު 5.6 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.



