ކަޝްމީރު ސަރަހައްދުގެ ލަޑަކްގެ ބޯޑަރުގައި އިންޑިއާ ސިފައިންނާއި ޗައިނާގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ ތެރެއިން އިތުރު 17 މީހުން މަރުވެ ޖުމްލަ މަރުވި މީހުންގެ އަދަދު މިހާރު 20 އަރައިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.
އިންޑިއާ ސިފައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާ ސިފައިންނާ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި ސީރިއެސް އަނިޔާތަކެއް ލިބުނު 17 ސިފައިންގެ މީހަކު އިތުރު ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށެވެ. މިއާއެކު މި ކުރިމަތިލުންތަކުގެ ސަބަބުން އިންޑިއާ ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު 20 އަރައިފައިވާ ކަމަށެވެ.
މީގެ ކުރިން އިންޑިއާ ސިފައިންވަނީ އެގައުމުގެ ތިން ސިފައިންގެ މީހުން މަރުވެފައިވާކަން ހާމަކޮށްފައެވެ. އަދި މި ތިން ސިފައިންގެ މީހުންގެ ތެރޭގައި އޮފިސަރެއްވެސް ހިމެނޭކަމަށްވަނީ ވިދާޅުވެފައެވެ.
މިކުރިމަތިލުމާއި ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓުރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ، ހޯމަ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ދެފަހަރެއްގެ މަތިން ބޯޑަރު ހުރަސްކޮށް ޗައިނާގެ ސަރަހައްދުތަކަށް ވަދެފައިވާ ކަަމަށެވެ. އަދި މިކަމާއި ގުޅިގެން ދެގައުމުގެ ބޯޑަރު ބަލަހައްޓާ ފުލުހުންގެ މެދުގައި ކުރިމަތި ލުމަކަށް ގޮސްފައިވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ލަދަކުގެ ގަލްވާން ވެލީ އަށް ޗައިނާ އިން އެތައް ހާސް ސިފައިންނެއް ފޮނުވަމުންދާ ކަމަށެވެ. އަދި އިންޑިއާގެ ބިމުން ޗައިނާ އިން ވަނީ 38،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ވެރިކޮށްލާފައި ކަމަށެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިންޑިއާ އަދި ޗައިނާއިން ސީދާ ކުރިމަތިލުމަކަށް ގޮސްފައި މިވަނީ 45 އަހަރު ފަހުންނެވެ. މި ދެގައުމުގެ އަސްކަރިއްޔާގެ އިސްވެރިން މިހާރު އަންނަނީ މަޝްރަހު ފިނިކުރުމަށް މަޝްވަރާތައް ބާއްވަމުންނެވެ.



