ރަސްފަންނުގައި ގަސް އިންދައި އާ ޖޯލިފަތިތައް ބަހައްޓައިފި

ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަސްފަންނު ބީޗްގައި އަލުން ގަސް އިންދައި އާ ޖޯލިފަތި ބަހައްޓައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. ފާއިތުވި މެއި މަހުގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ރަސްފަންނު ސަރަހައްދަށް އުދައަރާ ރަސްފަންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އުދައެރުމުގެ ސަބަބުން ރަސްފަންނު ބީޗްގެ ފަސްގަނޑު ވަނީ ވަރަށް ބޮޑަށް ގިރާލައިފައެވެ.

މީގެ އިތުރުން ބީޗްގައި ޖަހާފައިވާ ކުޑަތައް ވެއްޓި، މީހުން އިށީންދެ ތިބިމަށް ބަހައްޓާފައިހުރި ބެންޗްތަކަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އުދަ އެރުމުގެ ސަބަބުން އެސަރަހައްދަށް ގިނަ އަދަދެއްގެ ކުނި އަރައި ބީޗްވެސް ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.

ރަސްފަންނު ބީޗަކީ ބޮޑު ހޭދައެއްކޮށްގެން ރައީސް ޔާމީންގެ ސަރުކާރުގައި ހަދާފައިވާ ތަނެކެވެ. މިތަން ވަނީ އެކިފަހަރު މަތިން ގެއްލުން ލިބި މަރާމާތު ކުރެވިފައެވެ.

ރަސްފަންނު ބީޗަކީ ގިނަ ބަޔަކު ހިތްހަމަ ޖައްސާލާ ހިތް އުފާކޮށްލުމަށް، އަދި އާއިލާއާއި ރަހުމަތްތެރިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ވަރަށް ގިނައިން ގޮސް އުޅޭ ތަނެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ