ޕެނަލްޓީއިން ޔުވެންޓަސް ބަލިކޮށް ނަޕޯލީއިން ހަވަނަ ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފި

ވަރުގަދަ ޔުވެންޓަސް ބަލިކޮށް ނަޕޯލީއިން ކޮޕާ އިޓާލިއާ ކާމިޔާބުކޮށްފިއެވެ.

ސަން ޕައޯލޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ކުރީކޮޅު ޔުވެންޓަސްއިން މޮޅަށް ކުޅުނު ނަމަވެސް، މެޗުގެ 30 ވަރަކަށް މިނަޓްފަހުން ނަޕޯލީއިންވެސް ކުޅުން ރަނގަޅުކޮށް ރަނގަޅު ފައިޓެއް ދެވޭތޯވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުޞަތުތަކެއް ލިބިގެން ގޮސްފައިވަނީ ޔުވެންޓަސްއަށެވެ. އެގޮތުން ޑިބާލާއަށާއި ރޮނާލްޑޯއަށް ލިބިގެން ދިޔަ ފުރުޞަތުތައް ފާހަގަކޮށްލެއެވެ. މެޗުގެ ދެހާފުގައިވެސް މިދެކުޅުންތެރިންނަށް ގިނަ ފުރުޞަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވެއެވެ.

މެޗުގައި ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ޑިބާލާ އަދި ރޮނާލްޑޯގެ ނުރައްކާތެރި އެތަށް ހަމަލާއެއް މެރެޓް ދިފާޢުކޮށްފައިވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެއާއެކު އާ މުބާރާތަށް ގެނެވިފައިވާ އާ ބަދަލާއެކު އިތުރު ވަގުތުގެ ދެހާފު ނުކުޅެ ދިޔައީ ސީދާ ޕެނަލްޓީއަށެވެ.

ނަޕޯލީއިން ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސްއިން ފޮނުވާލި ހަތަރު ޕެނަލްޓީއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީއެވެ. ޔުވެންޓަސްއިން ފޮނުވާލި އެންމެ ފުރަތަމަ ޕެނަލްޓީ ޕައުލޯ ޑިބާލާގެ ޕެނަލްޓީވަނީ ނަޕޯލީގެ ކީޕަރު އެލެކްސް މެރެޓް ދިފާޢުކޮށްފައެވެ. އަދި ޔުވެންޓަސް ދެވަނައަށް ފޮނުވާލި ޕެނަލްޓީވެސް ނާކާމިޔާބުވިއިރު، ޑެނީލިއޯ ފޮނުވާލި މިޕެނަލްޓީ ގޯލްގެ މަތިން ބޭރަށެވެ.

މިއީ 2009 ގެ ފަހުން ޕެނަލްޓީއިން ކޮޕާ އިޓާލިއާ ފައިނަލްގެ ނަތީޖާ ނެރެނު ފުރަތަމަ ފަހަރެވެ. އަދި މިމޮޅާއެކު ނަޕޯލީއިން ،ިވަނީ މިމުބާރާތް ހަފަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

މިމުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއިންނެވެ. ޔުވެންޓަސްއިންވަނީ 13 ފަހަރެއްގެ މަތިން މިމުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ރޭގެ ބައްޔަކީ ފައިނަލްގައި ޔުވެންޓަސް ބަލިވި ހަވަނަ ފަހަރެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ