ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މަންތާ އެއަރ އިން ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއިން ކަނޑާލައިފައިވާ ބޭރުގެ ޕައިލެޓުން ހާލުގައި ޖެހިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ފުރަތަމަ ކޮޅު މަންތާ އެއަރ އިން މުސާރައިގެ ގޮތުގައި އެމީހުންނަށް ދީފައިވަނީ މުސާރައިގެ %40 ކަމަށާއި ނަމަވެސް ފަހުން އެންމެންނަށް ދީފައިވަނީ 5000 ރުފިޔާކަމަށެވެ.
އިތުބާރުހުރި މަސްދަރަކުން މިނޫހަށް ކިޔައިދިން ގޮތުގައި މާރިޗު މަހުން ފެށިގެން ބޭރުގެ ޕައިލެޓުން ވަޒީފާއިން ކަނޑާލައިފައިވާކަމަށާއި، އަދި އެމީހުންނަށް އަނބުރާ ޤައުމަށް ދެވޭނެ ގޮތް ވެފައި ނުވާކަމަށެވެ. މަންތާ އެއަރ އިން އެމީހުންނަށް ލިވިންގ އެލެވެންސްވެސް ދީފައި ނުވާކަމަށާއި، އަދި އެއްވެސް އެހީތެރިކަމެއްވެސް ވެފައި ނުވާކަމަށް މިނޫހަށް މަޢުލޫމާތު ލބިފައިވެއެވެ.
ފާއިތުވި 3 މަސް ދުވަހު އެމީހުން އުޅެފައިވަނީ އަމިއްލަ ޖީބުން ޚަރަދު ކޮށްގެން ކަމަށްވެސް މިނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން މާރިޗު މަސް ތެރޭގައި މަންތާއެއަރގެ ޝެޑިއުލް އޮޕަރޭޝަންތައް ވަނީ މެދުކަނޑާލައިފައެވެ. އަދި އެ އެއާލައިންގެ ބައެއް ބޭރުގެ ޕައިލެޓުންނާއި މުވައްޒަފުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައިވާއިރު، ބައެއް ޕައިލެޓުންނަށް ވަނީ އަނބުރާ ޤައުމަށް ނުދެވިފައެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މަންތާ އެއަރގެ ކޮމާޝިއަލް މެނޭޖަރަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.




